ޤުދުސްގެ މައްސަލައަކީ އިސްލާމީ އުންމަތުގެ ޤަޟިއްޔާއެއް: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ޤުދުސްގެ މައްސަލައަކީ އިސްލާމީ އުންމަތުގެ ޤަޟިއްޔާއެއް: ޚުޠުބާ
އިޒްރޭލުން ފޭރިގަނެގެން އުޅޭ އަލްޤުދުސްގައި ހުރި މަސްޖިދުލްއަޤްޞާގެ މައްސަލައަކީ ފަަލަސްޠީނުގެ އެކަނި މައްސަލައެއް ނޫން ކަމާއި އެއީ މުޅި އިސްލާމީ އުންމަތުގެ ޤަޟިއްޔާއެއްކަން އިސްލާމީ ތާރީޚުން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

އަލްޤުދުސް އަކީ މާތް ﷲ ގެ ތައުޙީދު މައްކާގެ އިތުރުން އުފުލުނު ފުރަތަމަ ބިމެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން އެނގޭގޮތުގައި މައްކާގައި ހުރި ކަޢުބަތުﷲ ގެފުޅާއި މަސްޖިދުލްއަޤްޞާ އާއި ދެމެދުގައި ވަނީ އެންމެ 40 އަހަރުގެ ތަފާތެވެ.

މަސްޖިދުލްއަޤްޞާ ފުރަތަމަ ބިނާކުރެވުނީ އާދަމްގެފާނުގެ ޒަމާނުގައެވެ. އެއަށްފަހު އިބްރާހީމްގެފާނާއި ލޫޠުގެފާނު އެ ބިމުގައި މާތް ﷲ ގެ ރިސާލަތަށް ގޮވާލެއްވެވިއެވެ. ތައުހީދުގެ ދިދަ އުފުއްލެވިއެވެ.

ޔަޢްޤޫބްގެފާނާއި ޔޫސުފްގެފާނާއި އިބްރާހީމްގެފާނުގެ ދަރިކަލުން އިސްޙާޤްގެފާނާއި އިސްމާޢީލްގެފާނު އުފަންވެވަޑައިގަތީ މި ބިމުގައެވެ.

ދާވޫދުގެފާނާއި ދާވޫދުގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު ވަނީ އެބިމުގައި އިސްލާމީ ވެރިކަން ކުރައްވައިފައެވެ. އީސާގެފާނު އުފަންވެވަޑައިގަތީ އެބިމުގައެވެ. ޢީސާގެފާނުގެ ކިބައިން ފެނުނު އިލާހީ މުއުޖިޒާތްތައް ފެނިގެންދިއައީ އެ ބިމުގައެވެ.

މަސްޖިދުލްއަޤްޞާއަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސިޔަރަތާއި ގުޅިފައިވާ މުހިންމު ބިނާއެކެވެ. އިސްރާ އާއި މިޢުރާޖު ދަތުރުފުޅުގައި އިތުރުމާތް ނަބިއްޔާ ބުރާޤްގައި ފުރަތަމަ ވަޑައިގަތީ މަސްޖިދުލްއަޤްޞާއަށެވެ. އިތުރު މާތް ނަބިއްޔާ ވަނީ މަސްޖިދުލްއަޤްޞާގައި ހުރިހާ ނަބީ ބޭކަލުންގެ އިމާމަކަށްވެވަޑައިގެން ނަމާދުފުޅު ކުރައްވައިފައެވެ. މިޢުރާޖް އަރައިވަޑައިގަތީ މަސްޖިދުލްއަޤްޞާއިންނެވެ.

ވިސްނަވާށެވެ. މަސްޖިދުލްއަޤްޞާއަކީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) ގެ މަސްރާއެވެ. ކިތަންމެ ބުރައެއް އުފުލައިގެންނަމަވެސް ދިއުމަށް އަންގަވާފައިވާ 3 ވަނަ މިސްކިތްކޮޅެވެ. މުސްލިމުންގެ 3 ވަނަ ޙަރަމްފުޅެވެ.

މީލާދީން 1099 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ޞަލީބީން ޤުދުސަށް އަރައިގަނެ މުސްލިމުންގެ 70،000 ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން މަރައިލިއެވެ. މަސްޖިދުލްއަޤްޞާގައި ލޭގެ ކޯރުތައް އުފެދިގެންދިއައެވެ. އެމީހުންގެ ލަޝްކަރުގެ ވެރިއަކަށް ހުރި ރީމޯންޑް ވަނީ ޖެހިގެން އައި ދުވަހު މަރުވެފައިވާ މުސްލިމުންގެ ހަށިތައް މަތީގައި ހިނގައިފައެވެ.

1178 ވަނަ އަހަރު ޞަލާހުއްދީނުލް އައްޔޫބީ އަލްޤުދުސް ފަތަޙަ ކުރެއްވެވިއެވެ. ނަމަވެސް ޞަލީބީން ފަދައިން އެމީހުންގެ މައްޗަށް އަނިޔާވެރިކަން އިސްކުރައްވާފައެއް ނުވެއެވެ. ދެއްކެވީ އިންސާނީ ޙައްޤުތަކަށް ފުރިހަމަ ނަމޫނާއެވެ.

މިއަދުގެ ޚުޠުބާގައި ވަނީ ޤުދުސްއަކީ ޔަހޫދީންނާއި އެއްވެސް ގުޅުމެއް ނެތް މުސްލިމުންގެ ޙުރުމަތްތެރިވެގެންވާ ބިމެއްކަން ބަޔާންކޮށްދެއްވައިފައެވެ. އެބިމުގެ ތާރީޚު ހާމަކޮށްދެއްވައިފައެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިއަދު އެކުރާ މަސައްކަތަކީ މުސްލިމުންގެ މިފަދަ މަތިވެރި ބިމެއް ހުރިހާ ގޮތަކުން މުސްލިމުންގެ ކިބައިން ފޭރިގަތުމުގެ މަސައްކަތެވެ. މަސްޖިދުލްއަޤްޞާ ތަޅާލައި އެތަން ނައްތައިލުމުގެ މަސައްކަތެވެ.
މިއަދު އޮންލައިން