މިދުނިޔޭގައި އެމީހެއްގެ އަތުގައި ޖެހުނުހައި އެއްޗެއް ކައި ބޮއި ހަދާ ބައަކު އެބައުޅެއެވެ. އެމީހުންނަށް ޤިޔާމަތް ދުވަހު ބޯން ޖެހޭނީ އެއެއްޗެއް ބުއިމުން ގޮހޮރު ފޫއަޅައިދާނެ ތޫނު ތަކެއްޗެވެ. އެމީހުން ނަރަކައިގައި ދެމިތިބޭނީ އެފަދަ ތޫނުތަކެތި ބޮއިބޮއެވެ.
"އެނަރޖީ" ނުވަތަ ހަކަތަ ހޯދުމުގެ ނަމުގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޯ މީހުން މިކަމަށް ވިސްނައިލާށެވެ. އަވަހަށް ތައުބާވާށެވެ. އެފަދަ އަމަލުތައް ކުރުމާއި ދުރުހެލިވެ ސަލާމަތްވާށެވެ. ނޫންނަމަ ތިބާއަށް ޤިޔާމަތް ދުވަހުން ލިބޭނެ ގަދަފަދަ އަޒާބާއިމެދު ބިރުވެތިވާށެވެ. ގޮހޮރު ފޫއަޅުވާނެ ތޫނު ބުއިންތައް ބޯންޖެހުމުން ސަލާމަތްވާށެވެ.
މިފަދަ ނަޞޭޙަތްތައް ދިން ނަމަވެސް އަޑުއަހައި ޤަބޫލުކުރަން ބޭނުން ނުވާ ބައަކު އެބައުޅެއެވެ. އެމީހުން ބޭނުންވަނީ ހަމަ ހަކަތައެވެ. އެނަރޖީއެވެ.
މިދުނިޔޭގައި ހަރާމް ހަލާލަށް ބެލުމެއް ނެތި އަތުޖެހުނުހައި ތަކެއްޗެއް ކައިބޮއި ހަދާއިރު އެކަމަށް ވިސްނައި ސަމާލުވާށެވެ. ޙަލާލު ނޫން އެއްވެސް އެއްޗެއް ތިމާގެ ގޮހޮރަށް ނުލާށެވެ. ހަރާމް އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ. އެކަމުން މިދުނިޔޭގައި ލިބޭ ވަގުތީ އުފަލަކަށްވުރެ އާޚިރަތުގައި ލިބޭނެ ދާއިމީ ގަދަފަދަ އަޒާބަށް ބިރުވެތިވެ ދިންނެވުން އެދިގެން މަސައްކަތް ކުރާށެވެ.
(އައްޝައިޚް ޖައުފަރު ފާއިޒް ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން)