ނަޒާޙަތްތެރިކަމުގެ އިދިކޮޅު ސިފައަކީ ނުވަތަ އަޅުގަނޑުމެން އެކަމަކުން ރައްކާތެރިވާން މަސައްކަތް ކުރަން ޖެހޭ ކަމަކީ ހަގީގަތުކައި ކޮރަޕްޝަން ކަމަށް ރޭގެ "ހުކުރު އުފާ" ދަރުހުގައި ބުނެފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރު ދުވަހަކު ބާއްވާ ސިލްސިލާ އިވެންޓެއް ކަމަށްވާ "ހުކުރު އުފާ" ގެ ރޭގެ އިވެންޓުގައި "ނަޒާޙަތްތެރި ކަމަށް އިސްލާމްދީން ގޮވާލާ" މިމައުލޫއަށް ވާހަކަ ދެއްކުމަށް ވަނީ ޕެނަލް ޑިސްކަޝަން އެއް ބާއްވާފައެވެ. އަދި މިޕެނަލް ޑިސްކަޝަންގައި ބައިވެރިވެފައިވަނީ އައްޝައިޚް އިބްރާހިމް އަހުމަދު އާއި އަލްއުސްދާޛް އާދަމް ޝާމިލް އެވެ.
ރޭގެ ޕެނަލް ޑިސްކަޝަންގައި ބުނެފައިވަނީ ނަޒާޙަތްތެރިކަމަކީ ހެޔޮ ކަމެއްކަމަށް ވާތީ އިސްލާމްދީން އެކަމަށް ބާރު އަޅާކަން ހާމަ ވެގެންދާ ކަމަށެވެ. ނަމަވެސް ނަޒާޙަތްތެރިކަމުގެ އިދިކޮޅު ސިފައަކީ ނުވަތަ އަޅުގަނޑުމެން އެކަމަކުން ރައްކާތެރިވާން ޖެހޭ ކަމަކީ ހަގީގަތުގައި ކޮރަޕްޝަން ކަމަށެވެ.
އެގޮތުން ކޮރަޕްޝަން އަކީ ކޮބާތޯ ބަލާލާއިރު، އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފަހަރަށް ޢިލްމު ވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން މަސައްކަތް ކޮށްފައިވާ ކަމެއް ކަމަށް އަލްއުސްތާޛް ޝާމިލް ވިދާޅުވިއެވެ.
"އެކި ޤައުމުތަކުގެ ޢިލްމުވެރިން އެކި ގޮތްގޮތަށް މަަސައްކަތް ކުރައްވާފައިވޭ. ކޮރަޕްޝަންގެ އެންމެ އާންމު މާނައެއް ކަމުގައިވެފައި މިވަނީ އެއީ އެއްޗެއްގެ ތެރެއިން އުފެދޭ ތަފާތު އެކި ސަބަބުތަކާއިހުރެ އެއްޗެއް ހަލާކުވާން ފެށުން" އަލްއުސްދާޛް ޝާމިލް ވިދާޅުވެފައިވެއެވެ.
ކޮރަޕްޝަންއާއި ބެހޭ ގޮތުން އައްޝެއިޚް އިބްރާހިމް އަޙުމަދު ވިދާޅުވެފައިވަނީ "ބާރުވެރި ފަރާތަކުން ނުވަތަ ވަޒީފާއެއްގައި ހުރި ފަރާތަކުން އެވަޒީފާއިން ފައިދާ ހޯދުމަށް ނުވަތަ އޭނާ ވާދަކުރާ އެހެން ފަރާތްތަކުން ކުއެރުމެއް ހޯދުމަށް ނުވަތަ ނާޖާއިޒް ކަމެއް ކުރުމަށް ނުވަތަ މަސްލަޙަތެއް ހާސިލް ކުރުމަށް ނުވަތަ ބޭނުން މަސައްކަތެއް ކުރުމަށް ނުވަތަ ތަނެއް ހޯދުމަށް ހޭދަ ކުރުމަކީ ރިޟްވަތެވެ." އަދި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.