ސީލައިފް ބަލިކޮށް ސިފައިން މޮޅުވިއިރު، މޯލްޑިވިއަން ވެސް މޮޅުވުމުގައި
ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ފިރިހެން ބައިން ކުޅުނު ފުރަތަމަ މެޗުގައި ސީލައިފް ސްޕޯޓްސް ކްލަބް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް މޮޅުވިއިރު، ދެވަނަ މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް މޯލްޑިވިއަންއިން މޮޅުވުމުގައި ދެމިތިބީއެވެ.
ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ސީލައިފް ބަލިކޮށް ސިފައިން މެޗުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ސިފައިން ގެންގޮސްފައިވަނީ 25-19، 25-15، އަދި 25-13 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ސިފައިންގެ ކްލަބްގެ ޕާކިސްތާން ކުޅުންތެރިޔާ މުހައްމަދު އިދުރީސްއެވެ.
ރޭ ފިރިހެން ބައިން ކުޅުނު މެޗުން ޕޮލިސް ބަލިކޮށް މޯލްޑިވިއަން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓްތައް މޯލްޑިވިއަންއުން ގެންގޮސްފައިވަނީ 25-22، 25-18، އަދި 25-16 އިންނެވެ. މި މެޗުން މޮޅުވުމާއެކު މޯލްޑިވިއަންއިން ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
ރޭ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މޯލްޑިވިއަންގެ ޕާކިސްތާން ކުޅުންތެރިޔާ މުރާދު ޖިހާންއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ދިވެހި ސިފައިންނާއި ޕޮލިސް ކްލަބެވެ. މިރޭ ކުޅޭނީ މޮޅުވުމުގެ ރެކޯޑުގައި ދަމަހައްޓަމުން އަންނަ މޯލްޑިވިއަންނާއި ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ސީލައިފްއެވެ.