ރެލިގޭޝަން ޒޯންގައި އޮތް ވެސްޓްހާމް އަތުން ޗެލްސީ ބަލިވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 44ސ
ރެލިގޭޝަން ޒޯންގައި އޮތް ވެސްޓްހާމް އަތުން ޗެލްސީ ބަލިވެއްޖެ


ރޭ އިނގިރޭސި ޕްރެމިއާ ލީގުގައި ލީގު ތާވަލުގައި ރެލިގޭޝަން ޒޯންގައި އޮތް ވެސްޓް ހާމް އަތުން ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިވެ، ލީގު ދިފާޢުކުރުމަށްޓަކައި ޗެލްސީއިން ކުރަމުން އައި މަސައްކަތަށް ބުރޫ އަރައިފިއެވެ.

މި މެޗު ނިމުނީ މެޗުގެ ވަރަށް ކުރީކޮޅު ވެސްޓްހާމް އިން ކާމިޔާބުކުރީ ލަނޑާއެކުއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ހަވަނަ މިނެޓުގައި މާކޯ އާނޯޓޮވިޗްއެވެ.

އެއަށްފަހުގައި މެޗުގެ ނަތީޖާ ޗެލްސީކޮޅަށް އަނބުރާލުމަށްޓަކައި މުޅި މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ޗެލްސީއިން ތަނަވަސްކުރިއެވެ. އޭގެ ތެރޭގައި ވަކިން ޚާއްޞަކޮށް މެޗުގެ 82ވަަނަ މިނެޓުގައި ކާންޓޭ ތަނަވަސްކޮށްދިން ބޯޅައަކުން މޮރާޓާ ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުން ވެސް ނުކުރެވި، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ޗެލްސީއަށް ލަނޑެއް ކާމިޔާބުކުރެވޭނެ ގޮތެއް ނުވިއެވެ.

ޖުމުލަ 19އަށް ވުރެ ގިނަ ހަމަލާ ޗެލްސީއިން އުފެއްދިއިރު، އެއިން ވެސްޓްހާމްގެ ގޯލާ ސީދާކޮށްލެވުނީ ވެސް 2 ހަމަލާއެކެވެ.

ރޭގެ މެޗުން ބަލިވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވާ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޯންޓޭ ބުނީ ޗެލްސީއަށް ލީގު ދިފާޢުކުރުމަކީ ދެން ވަރަށް އުނދަގޫކަމެއް ކަމަށެވެ. އެހެން ނަމަވެސް އަދިވެސް މި ސީޒަނުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ވީ އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހޭނެކަމަށް ވެސް ކޯންޓޭ ބުނެފައިވެއެވެ.

ރެލިގޭޝަނާއި ކުރިމަތިލާން ޖެހިފައި އޮތް ވެސްޓްހާމް އަތުން ރޭ ޗެލްސީ ބަލިވެފައިވާއިރު، ލީގު ތާވަލުގައި އެންމެ ފުލުގައި އޮތް ކްރިސްޓަލް ޕެލެސް އަތުން ވެސް ޗެލްސީ ވަނީ ބަލިވެފައެވެ.
ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 4 މެޗަކުން ބަލިވެފައިވާ ޗެލްސީ މިހާރު އޮތީ ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެ، 11 ޕޮއިންޓް ފަހަތުގައި ތިންވަނައިގައެވެ.
ލީގު ތާވަލުގެ އެންމެ ކުރީގައި ތިބި މެންޗެސްޓާއަށް ނިސްބަތްވާ ދެ ޓީމުކަމަށްވާ ސިޓީއާއި ޔުނައިޓެޑްގެ ކުރިމަތިލުން އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:30 ގައެވެ.
މިއަދު އޮންލައިން