ޔުވެންޓަސްއާއި އިންޓަގެ ކުރިމަތިލުން ނިމުނީ އެއްވަރުވެގެން
ރޭ އިޓަލީ ލީގުގައި ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާނާއި ފަހުގެ ޗެމްޕިއަން ޔުވެންޓަސްގެ ކުރިމަތިލުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި މެޗުން މޮޅުވެގެން ޔުވެންޓަސްއަށް ލީގު ތާވަލުގެ އެއްވަނަ މަޤާމަށް ޖެހިލުމުގެ ފުރުސަތު ލިބުނު ނަމަވެސް މެޗު އެއްވަރުވެގެން ނިމުމުން ޔުވެންޓަސްއަށް އެ ފުރުސަތު ގެއްލި، އިންޓައިން އެ މަޤާމު ދަމަހައްޓައިފިއެވެ.
ރޭ މެޗުގައި ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނި އިންޓަކޮޅަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ޔުވެންޓަސްއިން ވަނީ އުފައްދާފައެވެ. މިއިން ކޮންމެ ހަމަލާއެއް ދިފާޢުކުރުމުގައި އިންޓަގެ ގޯލްކީޕަރު ސަމީރު ހެންޑަނޮވިޗްގެ ހުޝިޔާރުކަން ފެނިގެންގޮސްފައިވެއެވެ.
މި މެޗުގައި އިންޓަ މިލާންގެ ފަރާތުން މާ ބޮޑު ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިނުވާކަން ފާހަގަކޮށްފައެވެ. އެ ގޮތުން، ޔުވެންޓަސްގެ ގޯލާ ސީދާކޮށް އިންޓައަށް ފޮނުވައިލެވިފައިވަނީ އެންމެ ހަމަލާއެކެވެ.
އިންޓައާއި ޔުވެންޓަސްގެ ކުރިމަތިލުން އެއްވަރުވުމާއެކު، އިންޓަ އޮތީ ލީގު ތާވަލުގެ އެއްވަނައިގައި ކުޅުނު 16 މެޗުން 40 ޕޮއިންޓް ލިބިގެންނެވެ. ޔުވެންޓަސްއަށް ތިންވަނަ މަޤާމު ލިބެނީ ކުޅުނު 16 މެޗުން 38 ޕޮއިންޓް ލިބިގެންނެވެ.
38 ޕޮއިންޓާއެކު ނަޕޯލީއަށް ދެވަނަ ލިބެނީ މި ދެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. މިރޭ ފިއޮރެންޓީނާއާ ދެކޮޅަށް ނުކުންނަ މެޗުން މޮޅުވެގެން ނަޕޯލީއަށް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބަ އޮތެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 7:00 ގަައެވެ.