އެންމެ ބިރުގަންނަނީ ކޮންކަމަކާއިތޯ ކޮންމެ މުސްލިމެއްގާތު އެހިނަމަވެސް ޖަވާބަކަށް ވާނީ، ނަރަކަވަންތަ ވެރިއެއް ކަމުގައި ވެދާނެ ކަމުގެ ބިރު ކަމަށެވެ.
ނަމަވެސް ﷲ ސުބްޙާނަހޫ ވަޠައާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢޥ) ވަނީ އެކަލާނގެ އިރާދަފުޅާއިއެކު، ނަރަކައިގެ ވޭން ދެނިވި އަޒާބުން ސަލާމަތް ވެވޭނެ އެތައް ގޮތްތަކެއް އަޅަމެންނަށް އަންގަވާދެއްވަވާފައެވެ.
އެގޮތުން ތިރީގައިމިވަނީ ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅުތަކުން ނަރަކައިގެ ވޭންދެނެވި އަޒާބުން ސަލާމަތް ވެވިދާނެ ހަތް ގޮތެކެވެ.
• މެންދުރު ނަމާދުގެ ކުރިންނާއި ފަހުން ހަތަރު ރަކުޢަތުގެ ނަމާދެއް ކުރުން
ރަސޫލާ (ޞޢޥ) ގެ އެއް އަނބިކަބަލެއް ކަމުގައިވާ އުއްމު ހަބީބާ ރިވާ ކުރައްވާފައިވެއެވެ.
"ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. 'މެންދުރު ނަމާދު އަދާ ކުރުމުގެ ކުރިންނާއި ފަހުން، އެކަލާނގެ ޙަޟްރަތަށް ހަތަރު ރަކުޢަތުގެ ސުންނަތް ނަމާދެއް ކުރާ އަޅަކަށް، ނަރަކައިގެ އަޒާބު ލިބުން އެކަލާނގެ ނަހީ ކުރައްވައެވެ.' " (ސުނާން ތިރްމިދީ 428، ސަޙީޙް)
• ރޯދަހިފުން
ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ.
"މާތް ﷲ އެންގެވިގޮތަށް އެންމެ ދުވަހެއްގައި ވެސް ރޯދަ ހިފާ އަޅާގެ މޫނު، ނަރަކައިގެ އަލިފާނާއި 70 އަހަރު ދުރަށް އެކަލާނގެ ފޮނުއްވަވާނެއެވެ." (ސަޙީހް ބުޚާރީ، ސަޙީޙް މުސްލިމް)
• ސުވަރުގޭގެ ނިއުމަތް ދެއްވުމަށް އެދި އަދި ނަރަކައިގެ އަޒާބުން ސަލާމަތް ކުރެއްވުމަށް އެދޭ އަޅާއަށް ހެޔޮގޮތް މެދުވެރިވުމަށްޓަކައި ސުވަރުގެ އާއި ނަރަކަ ވެސް ދުޢާ ކުރައްވަވާނެ
ރަސޫލާ (ޞޢޥ) ޙާދީޘްފުޅު ކުރެއްވެވިއެވެ.
"ސުވަރުގެވަންތަ ވެރިއެއް ކަމުގައި ލެއްވުމަށް އެދި މާތް ރަސްކަލާނގެ ޙަޟްރަތަށް ތިން ފަހަރު ދުޢާ ދަންނަވާ އަޅަކަށްޓަކައި މިފަދައިން ސުވަރު ދުޢާ ދަންނަވާނެއެވެ. 'ޔާ ﷲ. އޭނާއަކީ ސުވަރުގެވަންތަ ވެރިއެއް ކަމުގައި ލައްވާފާނދޭވެ.' އަދި ހަމައެހެންމެ ނަރަކައިގެ ވޭންދެނެވި އަޒާބުން ސަލާމަތް ކޮށްދެއްވުމަށް އެދި ތިން ފަހަރު ދުޢާ ކުރައްވާ އަޅާއަށްޓަކައި ނަރަކަ ދުޢާ ދަންނަވާނެއެވެ. 'ޔާ ﷲ. ނަރަކައިގެ އަޒާބުން އޭނާ ސަލާމަތް ކުރައްވަވާފާނދޭވެ.' " (ސުނާން ތިރްމިދީ 2572، ސަޙީޙް)
• އީމާންތެރިއެއް ކަމުގައިވެ، ނަމާދުކޮށް އަދި ރޯދަ ހިފާ އަޅެއްނަމަ އެމީހަކު ޖިހާދު ކުރިކަމުގައިވިޔަސް ނުވަތަ ނުކުރި ކަމުގައި ވިޔަސް ސުވަރުގެ ވަންތަވެރިއެއް ކަމުގައި ވާނެ
އަބޫ ހުރެއިރާ (ރަޟިއަﷲ އަންހު) ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ.
ރަސޫލާ (ޞޢޥ) ޙާދީޘްފުޅު ކުރެއްވެވިއެވެ. "މާތް ﷲ އާއި އެކަލާނގެ ރަސޫލާ އެންގެވި މަގުން އުޅެ، ނަމާދު ގާއިމްކޮށް އަދި ރަމަޟާން މަހުގެ ރޯދަ ހިފާނަމަ، އެއަޅަކު ﷲ ގެ މަގުގައި ޖިހާދު ކުރެއްވިކަމުގައި ވިޔަސް ނުވަތަ އޭނާ ހެއްދެވި ބިމުގައި ހުރެ ނިޔާވި ކަމުގައި ވިޔަސް، އޭނާ ވާނީ ސުވަރުގެވަންތަ ވެރިއެއް ކަމުގައެވެ." (ސަޙީޙް ބުޚާރީ 2790)
• ރަނގަޅު އުޅުމެއް ހުންނަ އަޅުން
ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވެވިއެވެ.
"ފަހެ ތިޔަބައިމީހުންގެ ތެރެއިން ނަރަކައިގެ އަލިފާންގަނޑު އެބަޔަކަށްޓަކައި ނަޙީ ކުރައްވަވާފައި ވަނީ ކޮން ބަޔަކަށްތޯ ތިމަންކަލޭގެފާނު ދަންނަވަންހެއްޔެވެ؟ އެއީ މަޑުމައިތިރި، އޯގާތެރި މީސްތަކުންނަށެވެ." (ސުނާން ތިރްމިދީ 2488، ހަސަން)
• ޞަދަގާތް ދިނުން
އަދިއްޔު ބިން ހާޠިމް ރިވާކުރެއްވި ޙާދީޘެއްގެ މާނައިގާ ވެއެވެ.
"ޞަދަގާތެއްގެ ގޮތުން ކަދުރު އޮށެއްގެ އެއްފަޅީގެ މިންވަރު ނަމަވެސް އެހެން މީހަކަށްޓަކައި ޞަދަގާތްކޮށް، ނަރަކައިގެ ވޭންދެނިވި އަޒާބުން ތިމާގެ ނަފްސު ސަލާމަތް ކުރައްވަވާށެވެ. އެވަރުވެސް ވެވެން ނެތް މީސްތަކުން، އަނެކާއަށްޓަކައި އޯގާތެރި ބަހެއް ނަމަވެސް ބުނެ ޞަދަގާތް ދޭށެވެ" (ސަޙީޙް ބުޚާރީ 1417، ސަޙީޙް މުސްލިމް 1016)
• މާތް ރަސްކަލާނގެ ދެކެ ބިރުގެންފައިވާ ހާލު ރޮވުން
އަބޫ ޙުރެއިރާ (ރަޟިއަﷲ އަންހު) ރިވާކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ.
"ރަސޫލާ (ޞޢޥ) ޙާދީޘް ކުރެއްވެވިއެވެ. މާތް ރަސްކަލާނގެ ދެކެ ބިރުގެންފައިވާ ހާލު، ރޮވޭއަޅަކު ނަރަކަވަންތަވެރިއެއް ކަމުގައި ނުލައްވަވާނެތެވެ." (ޖަމީ ތިރްމިދީ 1633)