ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ވެސް ބަލިކޮށް މެންޗެސްޓަރ ސިޓީއިން އެއް ސީޒަނެއްގައި އިނގިރޭސި ޕްރެމިއަރ ލީގުގެ މެޗުތައް އެންމެ ގިނައިން ޖެހިޖެހިގެން މޮޅުވުމުގެ ރެކޯޑު މުގުރާލައިފިއެވެ.
މި މެޗުން މޮޅުވުމާއެކު ސިޓީއިން ވަނީ މި ސީޒަނުގައި ޖެހިޖެހިގެން 14 ލީގު މެޗުން މޮޅުވެފައެވެ. މީގެ ކުރިން އެއްވެސް ޓީމަކަށް ލީގުގެ 14 މެޗުން ޖެހިޖެހިގެން މޮޅުވެފައެއް ނެތެވެ.
އާސެނަލް، ޗެލްސީ، ސަންޑަލެންޑް، އަދި ޕްރިސްޓަން ވަނީ ކުރިން އެއް ސީޒަނެއްގައި ޖެހިޖެހިގެން 13 ލީގު މެޗުން މޮޅުވެފައެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ މެންޗެސްޓަރއަށް ނިސްބަތްވާ މި ދެ ޓީމުގެ ވާދަވެރި ކުރިމަތިލުން ސިޓީއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ.
މެޗުގެ 43ވަނަ މިނެޓުގައި ސިޓީގެ ތަރި ޑޭވިޑް ސިލްވާގެ ލަނޑުން މެޗުގެ ފުރަތަމަ ލީޑު ސިޓީއިން ނެގި ނަމަވެސް، އޭގެ ތިން މިނެޓް ފަހުން ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިޔާ މާކަސް ރެޝްފޯޑް ވަނީ ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން، ސިޓީއިން ދިޔައީ ކޯޗު ގާޑިއޯލާގެ ބޯޅަ ހިފަހައްޓައިގެން ކުޅޭ ގޭމްގައި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 54ވަނަ މިނެޓުގައި ސިޓީގެ އާޖެންޓީނާ ޑިފެންޑަރު ނިކޯލަސް އޮޓަމެންޑީ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު އަލުން ސިޓީއަށް ހޯދައިދީފައެވެ.
ސިޓީގެ ދެވަނަ ލަނޑަށްފަހު، މެޗުގެ ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބެފައެވެ. އެ ގޮތުން މެޗުގެ 83ވަނަ މިނެޓުގައި ލުކާކޫ ފޮނުވާލި ނުރައްކާތެރި ހަމަލާ، ސިޓީގެ ބްރެޒިލް ގޯލްކީޕަރު އެޑާސަން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗުން މޮޅުވުމާއެކު ސިޓީ، ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 16 މެޗުން 46 ޕޮއިންޓް ލިބިގެންނެވެ. ރޭގެ މެޗުން ބަލިވި ޔުނައިޓެޑް ވަނީ ސިޓީއަށްވުރެ 11 ޕޮއިންޓް ފަހަތަށް ޖެހިލައިފައެވެ. ޔުނައިޓެޑް ދެވަނައިގައި އޮތީ 16 މެޗުން 35 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި ޗެލްސީ އޮތީ 32 ޕޮއިންޓާއެކުއެވެ. 30 ޕޮއިންޓާއެކު ލިވަޕޫލް ހަތަރުވަނައިގައި އޮތްއިރު، އާސެނަލް އޮތީ ފަސްވަނައިގައި 29 ޕޮއިންޓާއެކުއެވެ.