ވިޔަރިއާލް ބަލިކޮށް ބާސާއިން އެއްވަނަ ދަމަހައްޓައިފި

ކިޔުމަށް ހޭދަވާނީ 1މ 57ސ
ވިޔަރިއާލް ބަލިކޮށް ބާސާއިން އެއްވަނަ ދަމަހައްޓައިފި
ރޭ ސްޕެނިޝް ލީގުގައި ވިޔަރިއާލް ވެސް ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ އެއްވަނަ ދަމަހައްޓައިފިއެވެ.

މި މެޗު ބާސާއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިންނެވެ.

ވިޔަރިއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބާސާގެ ޑިފެންޑަރު ގެރާޑް ޕީކޭގެ ނުރައްކާތެރި ހަމަލާއަކުން ބާސާ ފެށި ނަމަވެސް، އެއަށްފަހުގައި ފުރަތަމަ ހާފުގެ ބޮޑު ބައިގައި ރަނގަޅު ހަމަލާތަކެއް އުފައްދާފައިވަނީ ވިޔަރިއާލްގެ ފަރާތުންނެވެ. މިއިން ކޮންމެ ހަމަލާއެއް ދިފާއުކުރުމުގައި ބާސާގެ ޖާމަނީ ގޯލްކީޕަރު ޓާ ސްޓެގެންގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެވަނަ ހާފު ފަށައިގެން ބާސާގެ ތަރި ލިއޮނަލް މެސީގެ ފަރާތުން ވިޔަރިއާލްގެ ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަން ފަށައިފައެވެ. އޭގެ ތެރޭގައި ބާސާއަށް ލިބުނު ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެ ހަމަލާތައް ވަނީ ވިޔާރިއާލްގެ ކީޕާރު މަތަކޮށްފައެވެ.

މެޗުގެ 60ވަނަ މިނެޓުގައި މެސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މެޗުގެ ރެފްރީ ވަނީ ވިޔަރިއާލްގެ ޑަނި ރަބާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މި މެޗުގައި ބާސާއަށް ވިޔާރިއާލްގެ ގޯލް ހުޅުވައިދިނީ މެޗުގެ 72ވަނަ މިނެޓުގައި އުރުގުއާއީ ފޯވާޑް ލުއިސް ސުއަރެޒްއެވެ. އަދި މެޗުގެ 83ވަނަ މިނެޓުގައި މެސީ ވަނީ ބާސާއަށް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

ރޭ ސްޕެނިޝް ލަލިގާގައި ސެލްޓާ ވިގޯއާ ދެކޮޅަށް ވެލެންސިއާ ނުކުތް މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ވެލެންސިއާގެ ސިމޯން ޒާޒާއާއި ޑަނި ޕަރެޖޯއާއި ސެލްޓާ ވިގޯގެ އިއާގޯ އަސްޕަސްއެވެ.

ރިއާލް ބެޓިސްއާއި އެތްލެޓިކޯ ބައްދަލުކުރި މެޗުން އެތްލެޓިކޯ ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެތްލެޓިކޯގެ ސައުލްއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާތަކާއެކު، ލީގު ތާވަލުގެ އެއްވަނަ ބާސާއިން ދަމަހައްޓާފައިވަނީ ކުޅުނު 15 މެޗުން 39 ޕޮއިންޓް ލިބިގެންނެވެ. ތާވަލުގެ ދެވަނަ ލިބެނީ 15 މެޗުން 34 ޕޮއިންޓާއެކު ވެލެންސިއާއަށެވެ. ކުޅުނު 15 މެޗުން 33 ޕޮއިންޓް ލިބިގެން ތާވަލްގެ ތިންވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ ކުޅުނު 15 މެޗުން 31 ޕޮއިންޓް ލިބިގެން ތާވަލުގެ ހަތަރުވަނައިގައެވެ.
މިއަދު އޮންލައިން