ޗެމްޕިއަންސް ލީގު ދެވަނަބުރުގައި ބާސާއާއި ޗެލްސީގެ ކުރިމަތިލުމެއް، ރިއާލް ކުޅެންޖެހޭނީ ޕީއެސްޖީއާ

ކިޔުމަށް ހޭދަވާނީ 1މ 46ސ
ޗެމްޕިއަންސް ލީގު ދެވަނަބުރުގައި ބާސާއާއި ޗެލްސީގެ ކުރިމަތިލުމެއް، ރިއާލް ކުޅެންޖެހޭނީ ޕީއެސްޖީއާ
ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު މުބާރާތްކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގެ ދެވަނަ ބުރުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ދެވަނަ ބުރުގައި ބާސެލޯނާ ޗެލްސީގެ ކުރިމަތިލުމެއް އަނެއްކާ ވެސް ފެނިގާންދާއިރު، ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް ކުޅެން ޖެހޭނީ ވަރުގަދަ ޕީއެސްޖީއާ ދެކޮޅަށެެވެ.

މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ކްނޮކްއައުޓް ބުރުތަކުގައި ފަސް ފަހަރެއްގެ މަތިން ބާސާއާއި ޗެލްސީ ބައްދަލުކޮށްފައިވާއިރު، ތާރީޚީ ފޯރިގަދަ މެޗުތަކެއް ވެސް ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރެއިން 2009 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ކުރިމަތިލުން ފާހަގަކޮށްލެވެއެވެ. 2009 ވަނަ އަހަރުގެ ކުރިމަތިލުމުގައި އެންމެ ފަހު ވަގުތު އަންދްރޭސް އިނިއެސްޓާގެ ލަނޑުން ބާސާއަށް ފައިނަލަށް ގެންގޮސްދީފައިވާއިރު، 2012 ވަނަ އަހަރު ފެނާންޑޯ ޓޮރެސްގެ ލަނޑުން ޗެލްސީ ފަހު ވަގުތު ފައިނަލަށް ގެންގޮސްދިނެވެ.

އަނެއްކާ ވެސް ފަސް އަހަރަށްފަހު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސާއާއި ޗެލްސީގެ ކުރިމަތިލުމެއް ފެނިގެންދާނެއެވެ.

އެންމެ ގިނައިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އަދި ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް ބައްދަލުކުރަންޖެހޭނީ ފްރާންސްގެ ވަރުގަދަ ޕީއެސްޖީއާ ދެކޮޅަށެވެ. މުބާރާތުގެ ތާރީޚުގައި ކުއާޓާއަށްވުރެ ދުރަށް ދަތުރުކުރެވިފައިނުވާ ޕީއެސްޖީން މި ފަހަރުގެ ސީޒަނަށް ތައްޔާރުވީ ބޮޑު އަގުތަކުގައި ނޭމާ، އެމްބާޕޭ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިން ގެނެސްގެންނެވެ.

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ މެޗުތައް
1. ޔުވެންޓަސް، ޓޮޓެންހަމް
2. ބަސެލް، މެންޗެސްޓާ ސިޓީ
3. ޕޯޓޯ، ލިވަޕޫލް
4. ސެވިއްޔާ، މެންޗެސްޓާ ޔުނައިޓެޑް
5. ރިއާލް މެޑްރިޑް، ޕީއެސްޖީ
6. ޝަޚްތަރު، އޭއެސް ރޯމާ
7. ޗެލްސީ، ބާސެލޯނާ
8. ބަޔާން، ބެސިކްޓަސް

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ކުޅެން ފަށާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ ޔޫކްރެއިންގެ އޮލިމްޕިސްކީ ސްޓޭޑިއަމްގައެވެ.
މިއަދު އޮންލައިން