ދުނިޔެ ހޯދަން ބޮޑެތި ފޮތްތައް ހިތުދަސްކޮށްގެން ހުންނައިރު "ސަމިޢަﷲ ލިމަން ހަމިދާ"ގެ މާނަ ނޭނގޭ ކަަމަށް ބުނަން ލަދެއް ނުގަނޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދުނިޔެ ހޯދަން ބޮޑެތި ފޮތްތައް ހިތުދަސްކޮށްގެން ހުންނައިރު "ސަމިޢަﷲ ލިމަން ހަމިދާ"ގެ މާނަ ނޭނގޭ ކަަމަށް ބުނަން ލަދެއް ނުގަނޭތަ؟

ދުނިޔަވީ ޢިލްމުގެ ބޮޑެތި ފޮތްތައް ތިބާ ހިތުދަސްކުރަމުއެވެ. އިމްތިހާނުތަކުން މޮޅަށް ފާސްވުމަށެވެ. ރަނގަޅު ވަޒީފާ އާއި ޤަދަރު ހޯދުމަށެވެ. ބޮޑު މުސާރަ ހޯދުމަށެވެ.
އެހެން ނަމަވެސް ތިބާ ތިއަ ބުނަނީ ކޮންމެ ދުވަހަކު އެތައް ފަހަރަކު ދުލުން ކިޔާ "ސަމިޢަﷲ ލިމަން ޙަމިދާ" މި 4 ލަފްޒުގެ މާނަ ނުއެނގޭ ކަމަށެވެ. އަޅެ ތިބާ ލަދެއް ނުގަނޭ ހެއްޔެވެ؟ ތިބާ ކިޔެވި އެއްޗަކުން ކުރި ފައިދާއަކީ ކޮބައިހެއްޔެވެ؟

އޭ އިންސާނާއެވެ! ތިބާގެ އެންމެ ފުރަތަމަ ވަޒީފާއަކީ ނަމާދުތައް ފުރިހަމައަށް އަދާކުރުމެވެ. އެ ވަޒީފާ އަދާކުރެވޭނީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ އެނގިގެންނެވެ. ޤަގަރު އުފުލޭނީ މާތްﷲ އުފުއްލަވައި ދެއްވެވީމައެވެ. ތިބާ ޙާޞިލު ކުރި ޕީއެޗްޑީ އާއި ޑިގްރީގެ ހަޤީޤީ ފައިދާއެއް ފެންނާނީވެސް ހަމަ މާތްﷲ އެކަން ހިންމަވައި ދެއްވެވީމައެވެ.

ތިބާ އާއި މާތްﷲ ހަވާލުކުރެއްވެވި މަސްއޫލިއްޔަތު ނުވަތ ވަޒީފާ އަދާކުރުމުގައި ތިއަވަރަށް ތިއަ އިހްމާލުވަނީ މާތްﷲ ތިބާއަށް މުސާރަ ނުވަތަ އުޖޫރަ ނުދެއްވަވާ ކަމަށް ހީކުރެވޭތީހެއްޔެވެ؟ ބަލަ ކަލޭގެ މުސާރައިގެ ގޮތުގައި އަތައް ފައިސާ ބޮނޑިއެއް ތިއަ ލިބެނީ ނުވަތަ އެކައުންޓަށް ޖަމާވަނީ ހަމަ މާތްﷲ ދެއްވެވުމުން ނޫން ހެއްޔެވެ؟

ތިބާ އަތުގައި އޮތް ފަދަ ފާސްތައް އަތުގައި އޮތް ކިތައް މީހުން ތިބީ ވަޒީފާ ނުލިބިފައި ހެއްޔެވެ؟ ނުވަތަ ތިބާއަށްވުރެ ކުޑަ މުސާރައެއްގައި ތިބީ ކިތައް މީހުން ހެއްޔެވެ؟ އަތުގައި އޮތީ ހަމަ ތިބާގެ އަތުގައި އޮތް ފާސް ނޫން ހެއްޔެވެ؟ ވިއިރު ތިބާއަށް ވަޒިފާ އާއި މުސާރަ ދެނީ ކާކުހެއްޔެވެ؟ ކޮން ފަރާތަކުން ހެއްޔެވެ؟ މާތްﷲ ނޫން ހެއްޔެވެ؟
ލޮބުވެތި އަޚުންނޭވެ! އުޚުތުންނޭވެ! ވަގުތު ފާއިތުވުމުގެ ކުރިން މިކަންކަމަށް ވިސްނައިލާށެވެ. އެންމެ ފުރަތަމަ ވަޒީފާއަކީ މާތްﷲ ދެއްވެވި ވަޒީފާ ނުވަތަ ކުރަން މާތްﷲ އަންގަވާވާފައިވާ ކަންކަން ކަމަށް ހަދާށެވެ. އިތުރަށް ކުރާ މަސައްކަތްތަކަށް ކުރިއެރުމާއި މާތްﷲގެ ބަރަކާތް ލިބޭނީ އެއިރުންނެވެ.
(ޝައިޚް މުފްތީ މެންކުގެ ދަރުސަކަށް ބަަލައިގެން)
މިއަދު އޮންލައިން