މޮރީނިއޯގެ ދަށުން ޔުނައިޓެޑް ކުޅެނީ މާ ފޫހި ފުޓްބޯޅައެއް: ވެން ހާލް

ކިޔުމަށް ހޭދަވާނީ 1މ 33ސ
މޮރީނިއޯގެ ދަށުން ޔުނައިޓެޑް ކުޅެނީ މާ ފޫހި ފުޓްބޯޅައެއް: ވެން ހާލް


މެންޗެސްޓާ ޔުނައިޓެޑް މިހާރުގެ ކޯޗު މޮރީނިއޯގެ ކޯޗުކަމުގެ ދަށުން އެ ޓީމު ކުޅެމުންދަނީ މާ ފޫހި ފުޓްބޯޅައެއްކަމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއިސް ވެންހާލް ބުނެފިއެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގައި ދެ އަހަރު ހޭދަކުރި ވެންހާލް މިހެން ބުނެފައިވަނީ އޭނާގެ ޤައުމު ހޮލެންޑްފައި ހުރެގެން 'ފޮކްސް ސްޕޯޓްސް' އަށް ދިން އިންޓވިއުއެއްގައި ވާހަކަދައްކަމުންނެވެ.
ފަހަކަށް އައިސް ޔުނައިޓެޑް ކުޅެމުންދާ ގޮތާމެދު ވަރަށް ބޮޑަށް ފާޑުކިޔަމުން ވެންހާލް ބުނެފައިވަނީ ޔުނައިޓެޑަކީ އަބަދުވެސް އޭނާގެ ފޭވަރިޓްކަމަށާއި އެހެންވިޔަސް މޮރީނިއޯގެ ޔުނައިޓެޑަށްވުރެ ގާޑިއޯލާގެ ސިޓީގެ ކުޅުން އޭނާ މާ ބަލާ ހިތްވާ ކަމަށެވެ.

ވެންހާލް އިތުރަށް ބުނެފައިވަނީ މޮރީނިއޯ ކުޅުވަނީ މާ ބޮޑަށް ވެސް ޑިފެންސިވް ކުޅުމެއް ކަމަށާއި އޭނާ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރިއިރު އެ ޓީމު ލައްވާ ކުޅުވާފައި ވާނީ ވަރަށް އެޓޭކިން، މާ ރީތި ފުޓްބޯޅައެއް ކަމަށެވެ.

ވެންހާލް މޮރީނިއޯއަށް ފާޑުކިޔައިފާވާއިރުު، އެންމެ ފަހުން ސިޓީ އަތުން ޔުނައިޓެޑް ވަނީ 1-2 ގެ ނަތީޖާއިން ބަލިވެފައެވެ. އަދި އެ މެޗުން ބަލިވުމަށްފަހު، އެއްވަނައިގައިވާ ސިޓީއާ ދެމެދު އޮތް ފަރަޤު ވަނީ 11 ޕޮއިންޓަށް ބޮޑުވެފައެވެ.

ވެންހާލްގެ ކޯޗުކަމުގެ ދަށުން ދެ އަހަރުތެރޭ ޔުނައިޓެޑަށް އެފްއޭ ކަޕެއް ހޯދައިދިން ނަމަވެސް، މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ވަނީ ކޮމިއުނިޓީ ޝީލްޑްއާއި ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ވެންހާލްގެ ކޯޗުކަމުގައި ޔުނައިޓެޑް ލީގު ތާވަލުގެ ފަސްވަނައަށްވުރެ ކުރިއަށް ގޮސްފައި ނުވާއިރު، މޮރީނިއޯގެ ކޯޗުކަމުގައި މި ސީޒަންގައި ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ ދެވަނަ މަޤާމުގައެވެ.
މޮރީނިއޯއަށް ފާޑުކިޔާފައި ވެންހާލް ވާހަކަދެއްކުމުން އެކަމުގެ ރައްދު މޮރީނިއޯ ދޭނެކަމަށް ވަރަށް ބޮޑަށް ބެލެެވެއެވެ.

މޮރީނިއޯގެ ކޯޗިން ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން ފުޓްބޯޅަ ދުނިޔޭގައި އޭނާ މަޝްހޫރުވެފައިވަނީ ވެސް 'ސްޕެޝަލް ވަން' ގެ ލަޤަބުންނެވެ.
މިއަދު އޮންލައިން