ބިރުވެތިވާށެވެ. މި ޙަދީޘްފުޅުގައި ބަޔާންވެގެންވާ ކަންކަމަށް ވިސްނާށެވެ. އެންމެ ހަދީޘްފުޅެއްގެ ތަފްޞީލް އެތައް ބޭކަލުންނެއްގެ އަޑުފުޅުން ރެކޯޑްކޮށްފައި އެވަނީ ޙަދީޘްފުޅުގެ މުހިންމުކަން ބޮޑުކަމުންނެވެ. ކަނުލައި އަޑުއަހާލައި ބިރުވެތިވާށެވެ. އާޚިރަތް ދުވަހުން ދިންނެވުން އެދޭނަމައެވެ.
ޤިޔާމަތް ދުވަހަކީ މާތްﷲ ދުވަހަކު ކޯފާވެވޮޑިނުގަންނަވާ މިންވަރަށް ކޯފާވެވޮޑިގަންނަވާނެ ދުވަހެވެ. އެކަން އެނގެނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ (ވީީޑިއޯގައިވާ) މި ހަދީޘްފުޅުންނެވެ. އެފަދަ ދުވަހުގައި ތިބާ ސަލާމަތްކަން ބޭނުންހެއްޔެވެ؟
މިކަން އެނގިގެންދަނީ ޤިޔާމަތް ދުވަހުގެ ވަގުތުތައް ދިގުލައި ދާން ފެށުމުން ކެތްތެރިކަން ކޮޅުންލުމުން ޝަފާއަތްތެރިވެދެއްވާތޯ ރަސޫލުބޭކަލުންނަށް ދެންނެވުމުން އެބޭކަލުން ދެއްވަވާ ޖަވާބުންނެވެ.
މިހަދީޘްފުޅުން ޙާޞިލުކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ޢަރުޝީގެދަށުގައި ރަސޫލާ މުޙައްމަދު (ޞޢވ) ސަޖިދަ ކުރެއްވުމުން ފަހަތްޕުޅުގައި ސަޖިދަ ކުރޭވޭނީ އެއްވެސް އުނިއިތރުކުރުމެއް ނެތި އިތުރު މާތް ނަބިއްޔާގެ ސުންނަތަށް ފުރިހަމައަށް ތަބަޢަވީ މީހުންނަށް ކަމެވެ.
ދެވަނައަށް އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ އެންގެވުންތައް ދޫކޮށް އެއްވެސް މީހެއްގެ އަމުރަށް ދުނިޔޭގައި ކަންކަން ކުރާ މީހުން އެދުވަހު މަޙްޝަރު ކުރެވޭނީ އެމީހަކު ތަބައަވީ މީހެއްގެ ފަހަތުގައި ކަމެވެ. އެއީ މިދުނިޔޭގައި ކިތަންމެ ބާރުގަދަ މީހެއް ނަމަވެސް މެއެވެ. ކިތަންމެ ބޮޑު މުއްސަންޖެއް ނަމަވެސްމެއެވެ. ކިތަންމެ ވަރުގަދަ ވެރިއެއް ނަމަވެސް މެއެވެ.
މުސްލިމުންގެ ނަމުގައި މިއުޅޭ މީހުންނަށްވެސް އޮތީ ހަމައެގޮތެވެ. ފިރުއައުނަށް ތަބައަވީ މީހުން އޭނާގެ ފަހަތަށް ދާންޖެހޭ ފަދައިން އެމީހަކު ތަބައަވީ މީހެއްގެ ފަހަތަށް ދާން އެމީހަކަށް ޖެހޭނެއެވެ. އެމީހާ އެދުވަހު އެކަމަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެމީހަކަށް އެކަންކުރުން މަޖުބޫރުވާނެއެވެ.
މިހާލަތުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ ކީރިތި ޤްރްއާނާއި އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ގެ ސުންނަތުގައި ސާބިތުވެ ހުރުމެވެ. މިލިމީޓަރެއްވެސް ކަތިނުވެއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މަހްޝަރުގައިވެސް މަސައްކަތްޕުޅު ކުރައްވަވާނީ މުޅި އުންމަތް ނަރަކައިން ސަލާމަތް ކުރެއްވެވުމަށެވެ. ނަމަވެސް ސަލާމަތްވާނީ މާތް ﷲ އާއި ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރިހަމައަށް ތަބައަވީ މީހަކަށެވެ.
(ރަނގަޅަށް ވިސްނާށެވެ. ހިތުގައި ޒައްރެއްގެ މިންވަރަށް އީމާންކަން އޮތް މީހާ އާއި ދުލުން ޝަހާދަތް ކިޔައިފި މީހާ ނަރަކައިން މިންޖުކުރައްވަވާނެކަމަށް ހަދީޘްފުޅުގައި އޮތުމަކީ ނަރަކައަށް ވަންނަން ނުޖެހި ސަލާމަތްވުމެއް ނޫނެވެ. ނަރަކައިގައި ހޭދަކުރަންޖެހޭ މުއްދަތަށްފަހު މާތް ﷲ އެމީހާ ނަރަކައިން ސަލާމަތް ކުރައްވަވާނެ ކަމެވެ. އެ މުއްދަތު ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. ކިތައް ބިލިއަން އަހަރުކަމެވެ. ކިހައި ހިނދުކޮޅެއް ކަމެވެ.)
ގުޅުންހުރި ވީޑިއޯ: