ހަޑާސްފީލްޑް ބަލިކޮށް ޗެލްސީ މޮޅުވެއްޖެ
ރޭ އިނގިރޭސި ޕްރެމިއާ ލީގުގައި ހަޑާސްފީލްޑްއާ ދެކޮޅަށް ނުކުތް މެޗު ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވެއްޖެއެވެ.
މި މެޗަށް ނުކުތުމުގެ ކުރިން ޗެލްސީ ވަނީ ލީގު ތާވަލުގެ ރެލިގޭޝަން ޒޯންގައި އޮތް ވެސްޓްހާމް އަތުން ބަލިވެފައެވެ. އެ މެޗުން ބަލިވުމާއެކު ލީގު ދިފާއުކުރުމަށް ޗެލްސީއަށް އިތުރަށް އުނދަގޫވެގެން ދިޔައެވެ.
ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޗެލްސީގެ ޓޮޕް ސްޓައިކަރު އަލްވާރޯ މޮރާޓާއަށް ރޭގެ މެޗަކު ނުކުޅެވުނެވެ. އަދި ވަރަށް ބޮޑަށް ރޯގާ ޖެހިފައިވާތީ މިޑްފިލްޑަރު ޑްރިންކް ވޯޓާ ވެސް ރޭގެ މެޗަކަށް ނާރުވައެވެ.
ގިނަ ޕްރެސަރުތަކާއެކު ރޭގެ މެޗަށް ނުކުތް ޗެލްސީއިން ހަޑާސްފީލްޑް ބަލިކޮށް މެޗުން މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ޗެލްސީއިންނެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި ބަކަޔޮކޯއެވެ.
މެޗުގެ 43 ވަނަ މިނެޓުގައި ޗެލްސީގެ ވިލިއަން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ޗެލްސީގެ ތިންވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ޗެލްސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 50 ވަނަ މިނެޓުގައި ޕެޑްރޯއެވެ.
މެޗުގައި ފެނިގެންދިޔަ ހަޑާސްފީލްޑްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗު ނިމެން ކުޑައިރުކޮޅަކަށް ވެފައިވަނިކޮށް ޑެޕޮއިޓްރޭއެވެ.
މި ނަތީޖާއާއެކު، ދެވަނައިގައި އޮތް ޔުނައިޓެޑަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ޕޮއިންޓްގެ ގޮތުން އެ ޓީމާ އެއްވަރުކޮށްފައެވެ. ތިންވަނައިގައި ޗެލްސީ އޮތީ ކުޅުނު 17 މެޗުން 35 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑަށް ވެސް 16 މެޗުން 35 ޕޮއިންޓް ލިބުނުއިރު، ޗެލްސީއަށްވުރެ ކުރި ލިބެނީ ގޯލް ތަފާތުން ކުރި ހޯދައިގެންނެވެ. ލީގު ތާވަލްގެ އެއްވަނަ މަޤާމު ލިބެނީ 46 ޕޮއިންޓާއެކު ސިޓީއަށެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ބޯންމައުތާއެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 1:00 ގައެވެ. ސިޓީ ނުކުންނާނީ ސްވެންސީއާ ދެކޮޅަށެވެ. ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:45 ގައެވެ.