އޭނާއަކީ އެއްވެސް ވަރަކަށް ނަމާދުކުރަން ސަމާލުކަން ދޭ މީހެއް ނޫނެވެ. ޒުވާން އުމުރުގައި ލިބިފައިވާ ޢާއިލީ މުއްސަނދިކަމުގައި އުދުހެމުންދިއަ މީހެކެވެ.
ކުއްލިއަކަށް ފެނުނީ އެކްސިޑެންޓްވީތަނެވެ. ދުއްވަމުން ދިއަ އަގު ބޮޑު ވެހިކަލް ލޮރީއެއްގައި ޖެހުނީއެވެ. ސީޓް ބެލްޓް ވެސް ނުއަޅައި އިންދާ ބޯ ހުންގާނުގައި ޖެހި ހޭވެސް ނެތުނީއެވެ.
ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބޭނުންވީ ސިކުނޑީގެ އެމްއާރުއައިއެއް ހެދުމަށެވެ. އެއިރުވެސް އޮތީ ހޭނުއަރައެވެ. އެމްއާރުއައި ހަދައި ނިމިގެން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހޭއެރިއެވެ. ހޭ އެރުމާއިއެކު ފުރަތަމަ ބޭނުންވީ އެނދުން ތެދުވާށެވެ. ނަމާދަށް ދިއުމަށެވެ.
ޑޮކްޓަރުންގެ މަސައްކަތުން އެނާ އެނދުގައި ބޭއްވުމަށްފަހު އޭނާގެ ހާލަތު އެނާއަށް ކިޔައިދިނެވެ. އަދި އެނާ ވަނީ ތެދުވެގެން ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމާއި ވަރަށް ސީރިއަސް ހާލަތެއްގައިކަން ބުނެދިނެވެ.
ޢާއިލާގެ މީހުންގެ ހިތްތަކުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދުނެވެ. މީގެ ކުރިން ނަމާދުކުރުމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ މީހަކު ކުއްލިއަކަށް ނަމާދުކުރަން ބޭނުންވުމުންނެވެ. އަދި އެފަދަ ސީރިއަސް ހާލަތުގައި ނަމާދުކުރަން ބޭނުންވި ސަބަބާއިމެދުގައެވެ.
ބެލެނިވެރިންގެ އެދުމަށް ޑޮކްޓަރުން ދުރަށް ދިއުމުން ޢާއިލާއިން ތަފާތު ސުވާލުތައް ކުރަން ފެށިއެވެ. ޖަވާބުގައި އޭނާ ބުނީ....
"އަހަރެން ހޭނެތިފައި އޮތް އިރު ކައްވަޅުގެ އަޒާބު މާތް ﷲ އަހަރެންނަށް ދެއްކެވިއެވެ. އެއީވާ ހާދަ ބިރުވެރިތަނެކެވެ. ލިބެނީ ހާމަ ބޮޑެތި އަނިޔާތަކެވެ. ފެންނަނީ ހާދަހައިވާ ބިރުވެރި ކަންކަމެވެ. މިދުނިޔޭގައި މިހިރަ ފަރުބަދަތަކަކީ އެ މަލާއިކަތުންގެ ސައިޒަށް ބަލާއިރު ހިނިތަކެއް ފަދައެވެ. ސިފައިގެ ބިރުވެރިކަން ބުނެދޭކަށް ނުވެސް އެނގެއެވެ.
މީގެ ކުރިން މިބާވަތުގެ ވާހަކައެއް މީހަކު ދެއްކި ނަމަވެސް އެއީ އެކަންކަން ހުންނާނެ ގޮތް ކަމަށް އޭނާއަށް ޤަބޫލެއްވެސް ނުކުރެވެއެވެ.
ހީކުރަނީ ބިރުގަންނަވަން ދައްކާ ވާހަކަ ކަމަށެވެ. އެހެންކަމުން އެފަދަ ވާހަކަތަކަށް އެއްވެސް ސަމަމާލުކަމެއް ވެސް ނުދެއެވެ.
ގަދަވެގެން ހޮސްޕިޓަލުން ނުކުމެވުމުން އޭނާއަށް ފެނުނު ފެނުންތައް ދީނީ ޢިލްމުވެރިއަކަށް ކިޔައިދިނުމުން އެބޭކަލަކަށްވެސް ލިބިވަޑައިގަތީ ހައިރާންކަމެވެ. ހީފުޅުވީ އެކަންކަން ލޯފުޅަށް ފެނިވަޑައިގެންނެވިހެންނެވެ. ޙަދީޘްފުޅުތަކުން އެނގިވަޑައިގަންނަވާ ކަންކަމާއި އެއްގޮތްކަމުންނެވެ.
ޒުވާނާގެ ހަޔާތް ހޭދަކުރާ ގޮތާއިމެދު ދީނީ އިލްމުވެރިޔާ ސުވާލު ކުރެއްެވެވިއެވެ. ޒުވާނާގެ ވާހަކައިން ވަރަށް މުހިންމު ސިފައެއް ފާހަގަކުރެއްވެވުމުން ވިދާޅުވިއެވެ.
"ތިބާއަށް ރަނގަޅަށް ތިއަ ކުރެވެނީ ހަމަ އެންމެ ކަމެކެވެ. ތިބާގެ މައިންބަފައިންގެ ޒިންމާތައް ވަރަށް ފުރިހަމައަށް އެބަ އަދާކުރަމުއެވެ. ނޯކަރަކާއި ނުލައި އަމިއްލަ އަތުން އެބަޚިދުމަތް ކުރަމުއެވެ. ދުވަހަކުވެސް ކުނި މޫނެއް ނުދައްކަމުއެވެ.
ވިސްނާށެވެ. ތިއައީ ކޮންމެ މީހަކަށް ލިބޭ ފުރުޞަތެއް ނޫނެވެ. ތިބާ މައިން ބަފައިންނަށް ކުރާ އިޚްލާޞްތެރި ޚިދުމަތުގެ ބަދަލު ދެދުނިޔެއިން ވެސް ތިއަ ލިބުނީއެވެ. ތިއަ ފަދަ މައިން ބަފައިންނަށް އިޚްލާޞްތެރިއަކު ތައުބާވެ އިޞްލާޙްވުމަށް މާތް ﷲ ފުރުޞަތު މިންވަރުފުޅު ކުރެއްވެވީ ކަމަށް ބަލާށެވެ.
އެއް ކަމެއް ނުކުރެވުނު ނަމަވެސް ނަމާދު ފުރިހަމައަށް ކުރުންމަތީގައި ދެމިހުންނާށެވެ. ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުންނާށެވެ. ލިބުނު ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން ވީހައި ގިނައިން ޞަދަޤާތްކުރާ މީހަކަށް ވާށެވެ."
މިއީ ޕާކިސްތާނުގެ ޕަންޖާބުގައި ވަރަށް ފަހުން ހިނގާފައިވާ ކަމެކެވެ. މިފަދަ ކަންކަން ކޮންމެ މީހަކަށް މެދުވެރިއެއް ނުވާނެއެވެ. އޮތީ އެންމެންވެސް ޢިބްރަތް ޙާޞިލުކުރުމެވެ.