ޖެހިޖެހިގެން 15 މޮޅު -–ފަސްޖެހުމެއް ނެތި ސިޓީ މޮޅުވުމުގައި

ކިޔުމަށް ހޭދަވާނީ 1މ 51ސ
ޖެހިޖެހިގެން 15 މޮޅު -–ފަސްޖެހުމެއް ނެތި ސިޓީ މޮޅުވުމުގައި
އިނގިރޭސި ޕްރެމިއަރ ލީގުގައި ރޭ ސްވެންސީއާ ދެކޮޅަށް ނުކުމެ ފަސޭހަކަމާއެކު މި މެޗުން ވެސް މޮޅުވެގެން ސިޓީއިން ލީގުގައި ޖެހިޖެހިގެން 15 މޮޅު ހޯދައިފިއެވެ.

ސްވެންސީގެ ލިބާޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ސިޓީއިން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއިންނެވެ.

ސިޓީގެ ފަރާތުން ރީތި އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 27ވަނަ މިނެޓުގައި ސިޓީގެ ތަރި ޑޭވިޑް ސިލްވާއެވެ.

މެޗުގެ 34ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ކެވިންޑެ ބުރައިންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން ސިޓީ ކުރީގައި އޮވެގެންނެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން، މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅެ ސިޓީއިން ލަނޑު ޖާހަނެ ގިނަ ފުރުސަތުތައް ތަނަވަސްކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 52ވަނަ މިނެޓުގައި ސިލްވާ ވަނީ އޭނާގެ ދެވަނަ ލަނޑު އަދި މެޗުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ސިޓީގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިޓީގެ ޓޮޕް ސްޓައިކަރު ސާޖިއޯ އަގުއޭރޯއެވެ.

މި މެޗުގެ ކުރިން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވާދަވެރި ޔުނައިޓެޑް ބަލިކޮށްގެން ސިޓީއިން ވަނީ އިނގިރޭސި ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނައިން ލީގު މެޗުތައް ޖެހިޖެހިގެން މޮޅުވި ޓީމަށް ވެފައެވެ. އަދި ރޭގެ މެޗުން މޮޅުވެގެން ޖެހިޖެހިގެން 15 މޮޅު ހަމަކޮށް، ސިޓީއިން ވަނީ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފައެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތައް:

- ސައުތަމްޓަން 1 ލެސްޓާ ސިޓީ 4
- ނިއުކާސަލް 0 އެވަޓަން 1
- ޓޮޓެންހަމް 2 ބްރައިޓޯން 0
- ލިވަޕޫލް 0 ވެސްޓް ބްރޯމް 0
- މެން ޔުނައިޓެޑް 1 ބޯންމައުތް 0
- ވެސްޓް ހާމް 0 އާސެނަލް 0

ރޭގެ މެޗުތަކުގެ ނަތީޖާތަކާއެކު އިނގިރޭސި ޕްރެމިއާ ލީގު ތާވަލުގެ އެންމެ މަތީގައި އުޅެނީ ލީގު މެޗުތަކުން މޮޅުވުމުގެ ރެކޯޑު ދަމަހައްޓަމުން އަންނަ މެންޗެސްޓާ ސިޓީއެވެ. ސިޓީއަށް ލިބިފައިވަނީ ކުޅުނު 17 މެޗުން 49 ޕޮއިންޓެވެ. ސިޓީއަށްވުރެ 11 ޕޮއިންޓް ފަހަތުން ދެވަނަ މަޤާމުގައި އޮތީ ޔުނައިޓެޑްއެވެ. ޔުނައިޓެޑަށް ލިބިފައިވަނީ ކުޅުނު 17 މެޗުން 38 ޕޮއިންޓެވެ.
ކުޅުނު 17 މެޗުން 35 ޕޮއިންޓް ލިބިގެން ފަހުގެ ޗެމްޕިއަން ޗެލްސީ އޮތީ ލީގު ތާވަލުގެ ތިންވަނަ މަޤާމުގައެވެ.
މިއަދު އޮންލައިން