ފީފާ ކްލަބް ވަރލްޑްކަޕްގެ ސެމީ ފައިނަލްގައި ޔޫއޭއީގެ އަލްޖަޒީރާގެ މައްޗަށް 1-2 ގެ ނަތީޖާއިން މުބާރާތުގެ ފައިނަލަށް ސްޕެއިންގެ ރިއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.
މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގީ އަލްޖަޒީރާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 43ވަނަ މިނެޓުގައި ބްރެޒިލް ކުޅުންތެރިޔާ ރޯމާރިނިއޯއެވެ.
އަލްޖަޒީރާއިން ލީޑުގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފަށައި މެޗުގެ 53ވަނަ މިނެޓުގައި ރިއާލްގެ ޕޯޗުގަލް ތަރި ރޮނާލްޑޯގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ރޮނާލްޑޯގެ މި ލަނޑާއެކު، އޭނާއަކީ މިހާތަނަށް ފީފާ ކްލަބް ވަރލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ކުރިން މި ރެކޯޑު ރޮނާލްޑޯއާއެކު އެއްވަރަކަށް ޙިއްޞާކުރަމުން ދިޔައީ ބާސެލޯނާގެ ލިއޮނަލް މެސީއާއި ލުއިސް ސުއަރޭޒެވެ. މި ދެ ކުޅުންތެރިން ވަނީ މި މުބާރާތުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
މި މެޗުން ރިއާލް މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފަހު ދިހަ މިނެޓު ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ގެރެތް ބޭލްއެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ރިއާލް ބައްދަލުކުރާނީ ބްރެޒިލްގެ ގްރެމިއޯއާއެވެ. ގްރެމިއޯ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި މެކްސިކޯގެ ޕަޗުއާގެ މައްޗަށް 0-1 އުން ކުރި ހޯދައިގެންނެވެ. މުބާރާތުގެ ފައިނަލް މެޗު ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 10:00 ގައެވެ.
ރިއާލުން މި މުބާރާތް ދެ ފަހަރު މަތިން ކާމިޔާބުކޮށްފައިވާއިރު، ވާދަވެރި ބާސެލޯނާއިން ވަނީ ތިން ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ބާސެލޯނާއަކީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމެވެ. މި އަހަރުގެ މުބާރާތް ކާމިޔާބުކޮށްގެން ރިއާލަށް ބާސާގެ ރެކޯޑާ އަރާ ހަމަކުރެވޭނެއެވެ.