ހަނދާން ނެތެން ފެށުމަކީ ފާފައިގެ ސަބަބުން ކުރިމަތިވާ ކަމެއްކަން އެނގޭތަ؟ މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ހަނދާން ނެތެން ފެށުމަކީ ފާފައިގެ ސަބަބުން ކުރިމަތިވާ ކަމެއްކަން އެނގޭތަ؟ މުފްތީ މެންކް
ތިބާ ކިޔަވައިގެން ހުންނަ އެއްޗަކާއި ދީނީ ޢިލްމާއި ޤާނޫނާއި ޤަވާއިދުތައް ބައެއް މީހުންނަށް ހަނދާން ނެތެން ފަށައެވެ. އެހާލަތު މެދުވެރިވެއްޖެނަމަ އެކަން މެދުވެރިވީ ތިބާއަށް ކުރެވޭ ފާފައިގެ ސަބަބުން ކަމަށް ބަލާށެވެ.

ތިބާއަށް މާތް ﷲ އަމުރުކުރެއްވެވި ކަންކަން ނުކުރާނަމަ އަދި ނުކުރަން އަންގަވާފައިވާ ކަންކަން ކުރާ ނަމަވެސް ހަނދާން ނެތެން ފެށުމުގެ މައްސަލަތައް ކުރިމަތިވާން ފަށާނެއެވެ. ހަރާމް ކުރެއްވެވި ތަކެތި ކައި އަދި ބޭނުންކުރާނަމަވެސް މެއެވެ.

ތިބާއަށް އިލްމު ގެއްލުމުން ރަނގަޅު ގޮތުގައި އަޅުކަމެއް ނުކުރެވޭނެއެވެ. ހެދުން އަލައިއުޅުމުގައި ފަރުވާކުޑަކުރެވޭނެއެވެ. އެކަންކަން ކުރުމަކީ ވަރަށް ބޮޑު ކަމަކަށް އެމީހަކަށް ވެގެންދާނެއެވެ.

މާތްﷲ އަށް ނުކިޔަމަންތެރިވެވޭ ދެގޮތެއް އެބައޮތެވެ. މާތްﷲ ކުރަން އެންގެވި ކަންކަން ނުކުރުމަކީ އެއްގޮތެވެ. ދެވަަނަ ގޮތަކީ މާތްﷲ ނުކުރަން އަންގަވާފައިވާ ކަންކަން ކުރުމެވެ.

މާތް ﷲ ފަރުޟުކުރައްވަވާފައިވާ ކަންކަން ނުކުރުމާއި ޒިނޭ ކުރުމާއި ރިބާ ކެއުމާއި އެނޫންވެސް އެކަންކަން ނުކުރުމަށް މާތް ﷲ އެންގެވި ކަންކަން ކުރުމަކީ މާތް ﷲ އަށް ނުކިޔަމަންތެރިވުމެވެ. ފުރަގަސްދިނުމެވެ.

މާތް ﷲ ގެ އެންގެވުންތަކަށް ފުރަގަސްދޭ މީހުންނަށް މިދުނިޔޭގައިވެސް ތަފާތު މުޞިބާތްތައް ކުރިމަތި ކުރައްވަވާނެއެވެ. އާޚިރަތުގައިވެސްމެއެވެ.
ބައެއް މީހުން ކުރާ ސުވާލަކީ މުޞީބާތް ކުރިމަތިކުރެއްވެވީ އެމީހަކު އިމްތިހާން ކުރައްވަން ނޫން ކަމެއް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެކަން ވަރަށް ސާފުކޮށް އެނގޭނެއެވެ.

ކިތަންމެ ބޮޑު އަދި ކިތަންމެ ގިނަ މުޞީބާތްތަކެއް ކުރިމަތިވީނަމަވެސް މާތް ﷲ އަށް ފުރިހަމައަށް އީމާންވެގެން ހުންނަ މީހާ މާޔޫސެއް ނުވާނެއެވެ. ޑިޕްރެޝަނަކަށް ނުވެއްޓޭނެއެވެ. އެމީހާ ބުނާނީ އަލްޙަމްދުލިﷲ އެވެ.

ތިބާ ޑިޕްރެޝަނަށް ވެއްޓި އެހާލަތަށް ހިނގައްޖެނަމަ ބިރުގަންނާށެވެ. އެކަމެއް މެދުވެރިވީ ތިބާގެ އަމަލުތަކުގެ ސަބަބުން ކަމަށް ވިސްނާށެވެ. ބިރުވެތިވާށެވެ.

އިންސާނުންގެ އަމަލުތައް ނުބައިވެ ހައްދުފަހަނައަޅައި ދިއުމުން މާތް ﷲ އިންސާނާ ހިއްޕަވައެވެ. އަދި އެގޮތުން ހިއްޕަވައިފިނަމަ ދުލެއްވެސް ނުލިބޭނެކަން މާތް ﷲ ވަނީ އަންގަވައިފައެވެ.

ތައުބާވާން ހެޔޮ ގޮތުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ދޮރުތައް އަބަދުވެސް ވަނީ މާތް ﷲ ފަހިކޮށް ދެއްވަވައިފައެވެ. ހެޔޮ ނިޔަތުގައި ތައުބާވުމަށް މަސައްކަތްކުރާ މީހުން ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވަވައެވެ. ރަޙްމަތުގެ ދޮރުކޮޅުތައް އެމީހުންނަށްޓަކައި ހުޅުވައިލައްވަވައެވެ. މުހިންމީ މާތް ﷲ ގެ ނުރުއްސެވުމާއި ކޯފާ އައުމުގެކުރިން އެމީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާވުމެވެ.

ތިބާ ބޭނުން ގޮތަކަށް އަމަލުކުރާށެވެ. އަޖަލުގެ ވަގުތު ޖެހުމުން އެންމެ މިނިޓެއްވެސް ލަހެއް ނުވާނެއެވެ. މާތްﷲ ތިބާ ހިއްޕަވާނެއެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން