ދަރިންނަށް ނަމާދު ނުކުރެވޭ ގޮތަށް ކަންކަން ރޭވުމަކީ އެއްވެސް މީހަކަށް ލިބިފައިވާ ހައްޤެއް ނޫން ކަމަށާއި ހުރިހާ ކަމެއްވެސް ރާވަންޖެހޭނީ ނަމާދުކުރެވޭނެ ގޮތަށް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ މިހާރަކަށް އައިސް ބައެއް ސްކޫލްތަކުގައި ކަންކަން ރާވަނީ ދަރިވަރުންނަށް ނަމާދުކުރާނެ ފުރުޞަތު ލިބޭ ގޮތަށް ނޫން ކަމަށެވެ. އަދި ސްކޫލުގައިވެސް ސްކޫލުން ބޭރުގައިވެސް ދަރިންނަށް ނަމާދުނުކުރެވޭ ގޮތަށް، ނަމާދު ވަގުތުގައި ނަމާދު ނުކުރެވި ނަމާދު ގެއްލޭ ގޮތަށް އެއްވެސް ކަމެއް އިންތިޒާމުކޮށްގެން ނުވާނެ ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް އެއްވެސް މީހަކަށް ނުވަތަ އެއްވެސް ފަރާތަކަށް މާތް ﷲ ހުއްދަ ދެއްވަވާފައި ނުވާ ކަމަށެވެ.
"އެގޮތަށް އެކަންކަން ކުރާނަމަ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ" ކަމަށްވެސް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޝައިޚް ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވފައިވާއިރު މުލި ދުވަސް އެކުގައި ކުޅިވަރު ދަނޑުތަކުގައި ދަރިންނާއި ބެލެނިވެރިން އެބަ ހޭދަކުރެއެވެ. ނަމާދުކުރުމަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ދަރިންގެ އަޚްލާޤީ މައްސަލަތައް އިތުރުވެ ޢާންމުވެއްޖެ ކަމަށާއި އެހެންކަމާއިއެކު ވެސް ޒިންމާ އުފުލާނެ ފަރާތެއް ނުފެންނަ ކަމަށެވެ. މި މައްސަލަތަކަށް ޙައްލުހޯދޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި މި މަސައްކަތްތަކުގައި ޓީޗަރުންގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވޭނަމަ އެކަމުގައި ޝާމިލުވާ އެންމެންނާއި މާތް ﷲ ސުވާލުކުރައްވަވާނެ ކަމަށެވެ. އަދި ޖަވާބުދާރީވާންވެސް ޖެހޭނެ ކަމަށެވެ. އެހެންކަމުން މިކަމުގައި ޝާމިލުވާ އެންމެންވެސް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.