ކުޑަކުދިންނަށް ދޮގުހަދަން ދަސްކޮށްދީ ދޮގު ހައްދުވަނީ މައިންބަފައިން- ހެޔޮނުވާނެ- އެކަން ކުރުން ހުއްޓާލާ: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކުޑަކުދިންނަށް ދޮގުހަދަން ދަސްކޮށްދީ ދޮގު ހައްދުވަނީ މައިންބަފައިން- ހެޔޮނުވާނެ- އެކަން ކުރުން ހުއްޓާލާ: ޝައިޚް ޢަލީ ޒާހިރު
ކުޑަކުދިންނަށް ދޮގުހަދަން ދަސްކޮށްދީ ދޮގު ހައްދުވަނީ މައިންބަފައިން ކަމަށާއި އެއީ ކުރަން އެއްގޮތަކަށްވެސް ހެޔޮ ނުވާނެ ކަމެއް ކަމަށާއި އެކަން ކުރުން މުޅިން ހުއްޓލަން ޖެހޭ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ރޭގެ މަޣްރިބް ނަމާދަށްފަހު ފްރްޤާން މިސްކިތުގަައި ދަރުސް ދެއްވަމުން ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ބައްޕަ ހޯދަން ގެއަށް މީހަކު ދިއުމުން ދަރިން ގާތު ބައްޕަ ގޭގައި ނުއުޅޭ ކަމަށް ބުނުމަށް ބައެއް މައިން ބަފައިން ބުނާ ކަމަށެވެ.

"މައިން ބަފައިން އެގޮތަށް ބުނީމާ ކުދިންނަށް އެބަ އެނގޭ މިހެދެނީ ބޮޑު ދޮގެއްކަން. މިހަދަނީ ބޮޑު ދޮގެއް ކަމާއި ބައްޕަ ގޭގައި އެބައުޅޭކަން ރަނގަޅަށް އެނގިތިބެ ދަރިން އެ ބޮޑު ދޮގު ހަދަނީ. ދެން މިވާ ގޮތަކީ އެކުދިންގެ އަމިއްލަ ކަންކަމުގައި ވެސް ދޮގު ހަދަން ފަށަނީ. އެކަން އާދައަކަށްވެ ކަށީގައި ހިފާގޮތްވަނީ. މިއީ ދަރިންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް. އެހައިމެ ބޮޑު އަނިޔާއެއް."

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ދަރިންނަށް ދަސްކޮށްދޭންޖެހޭނީ ރަނގަޅު އާދަތައް ކަމަށާއި އިސްލާމް ދީނުގައިވާ ގޮތްތައް ކަމަށެވެ. އެގޮތަށް ކަންކަން ކޮށް ދަރިން ރަނގަޅު ގޮތުގައި، ހެޔޮލަފާ މުސްލިމެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމަކީ މައިން ބަަފއިންގެ ކިބައިގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ. މާތްﷲގެ ހަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެ މަސްއޫލިއްޔަތެއް ކަމަށެވެ.

ކުޑަ ކުއްޖެއް ކަމަށް ބަލައި އައުރަ ނިވާ ނުވާ ހެދުން ލައްވައިގެން ބޭރަށް ނެރުވުމާއި ކުދިން ލައްވައި ނެށްޓުވުން ފަދަ ކަންކަން ކުރުވުމަކީވެސް ކޮށްގެން ވާނެ ކަންކަންް ނޫން ކަމަށްވެސް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ. ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ މިބާވަތުގެ ކަންކަން ކުޑައިރު ކުރުވުމަކީ އެކުދިން ބޮޑެތިވެގެން އެކަންކަން ކުރަން ޝައުޤުވެރިވާނެ ކަންކަން ކަމަށެވެ. "ބަރަހަނާ ހެދުމުގައި ކުޑައިރު ބޭރުގައި ގެންގުޅުމުން ކުދިން ބޮޑެތި ވެގެންވެސް ހެދުން އަޅައި އުޅޭނީ ހަމައެގޮތަށް. އެއީ ކިހައިވަރެއްގެ ބޮޑު ފާފައެއްކަމެއް އެކުދިންނަކަށް ނުވިސްނޭނެ." ކަމަށްވެސް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

މިއަދު އޮންލައިން