ﷲ ލަޢުނަތް ލައްވަވަނީ ބޮޑެތި ފާފަތައް ކުރުމުން- ރަޙިމުގެ ގުޅުން ކެނޑުމަކީ ބޮޑު ފާފައެއް: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
ﷲ ލަޢުނަތް ލައްވަވަނީ ބޮޑެތި ފާފަތައް ކުރުމުން- ރަޙިމުގެ ގުޅުން ކެނޑުމަކީ ބޮޑު ފާފައެއް: ޝައިޚް މުޙައްމަދު ލަޠީފް
މާތްﷲ ލަޢުނަތް ލައްވަވަނީ ބޮޑެތި ފާފަތައް ކުރުމުންނެވެ. ރަޙިމުގެ ގުޅުން ކަނޑާ މީހުންނަށް މާތްﷲ ލަޢުނަތް ލައްވަވާނެކަން އަންގަވާފައިވަނީ އެކަމުގެ ފާފައިގެ ބޮޑުކަމުންނެވެ.

އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މައިންބަފައިންނަށް އިޙްތިރާމް ކުޑަކުރުމާއި ރަހިމުގެ ގުޅުން ކަނޑުމަކީ މާތްﷲގެ މަގުން މޫނު އަނބުރައިލުން ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ މާތްﷲގެ މަގުން މޫނު އަނބުރައިލާ މީހުންގެ ކަންފަތްތައް މާތްﷲ ވަނީ ހައްޤު ބަސް އަޑުއެހުމަށް ބީރުކުރައްވަވާފައި ކަމަށެވެ. އަދި އެފަދަ މީހުން ވަނީ ހައްޤުގޮތުން ކުރިއެރުމުން ދުރުކުރައްވަވާފައި ކަމަށެވެ. އަދި އެބައި މީހުންގެ ހިތްތައްވެސް ވަނީ ކަނުކުރައްވާފައި ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ މާތްﷲގެ މަގުން މޫނު އަނބުރައި ރަޙިމްގެ ގުޅުން ކަނޑާ މީހުންނަށް މާތްﷲ ވަނީ ވަޢީދުގެ ބަސްފުޅު އިއްވަވާފައި ކަމަށާއި އެމީހުންނަށް ވަނީ ނަރަކަކަން ބަޔާންކރައްވަވާފައި ކަމަށެވެ. "ގާތް ތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެއް. ކެނޑުމަކީ ބޮޑުފާފައެއް."

ޝައިޚް ލަޠީފް ވިދާޅުވީ އަޅުކަމަކީ ހަމައެކަނި ނމާދުކޮށް ރޯދަ ހިފުން ނޫން ކަމަށާއި މާތްﷲ އެންގެވި ގޮތުގައި ކޮންމެ ކަމެއް ކުރުމަކީވެސް އަޅުކަމެއް ކަމަށެވެ. އެގޮތުން އެމީހެއްގެ ކެރިކުޅަދާނަކަން ހުރި ވަރަކުން މައިން ބަފައިންނަށް އިޙްސާންތެރިވާންޖެހޭނެ ކަމަށާއި މައިން ބަފައިންނަށް އިޙްސާންތެރިވުމަކީ ކެރިކުޅަދާނަވީ މިންވަރަކުން މައިން ބަފައިންގެ ބޭނުންތައް ފުއްދައިދިނުން ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ މީސްތަކުންނަށް ކުރަންޖެހޭ އެންމެ ބޮޑުކަމަކީ މާތްﷲ އެއްކައުވަންތަކޮށް ހަމައެކަނި މާތްﷲއަށް އަޅުކަންކުރުން ކަމަށެވެ. ހުރިހާ ރަސޫލު ބޭކަލުންވެސް ފޮނުއްވުނީ އެކަމަށް މީސްތަކުންނަށް ގޮވާލެއްވުމަށް ކަމަށެވެ. މިކަމަށް ކީރިތި ޤްރްއާނުގައި އޮތް ބަސްފުޅާއި މައިން ބަފައިންނަށް އިޙްޞާންތެރިވުމަށް އޮތް ބަސްފުޅު ވިދިވިދިގެން އައުމުން މައިން ބަފައިންނަށް އިޙްސާންތެރިވުމުގެ މުހިންމުކަން އެނގިގެންދާ ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ ކަމުގެ މުހިންމުކަން މިހައި ބޮޑު ނަމަވެސް މިއަދުގެ ކުޑަކުދިންނަށް މިކަންކަން ނުއެނގޭ ކަމަށެވެ. ނުއެނގެނީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތާއި އަޅުގަނޑުމެން ދުރައްޖެހުމުން ކަމަށެވެ. ދެވޭ ތައުލީމުން އބައިތައް ދުރުކުރުމުން ކަމަށެވެ. ނޫންނަމަ ދަރިން އެކަންކަން ދަސްކޮށް އެއާއި އެއްގޮތަށް އަމަލުކުރާނެ ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ ވަރަށް ކުޑަކުދިންވެސް ބަސް ނުއަހައިގެން އެކަމުގެ މައްސަލަތައް މިއަދު ކުރިމަތިވެގެން މިއުޅެނީ ހަމަ ތަރުބިއްޔަތުގެ މައްސަލައަކުން ކަމަށެވެ. ކުދިން އުފަންވަނީ ސާފު ފިޠުރަތުގެ ގޮތުގައި ކަމަށާއި އެކަންކަން ބަދަލުވެގެން މިދަނީ ދެވޭ ތަރުބިއްޔަތުގެ ސަބަބުން ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ މައިން ބަފައިން މުސްކުޅި ޙާލަތާއި ކުރިމަތިލައިފިނަމަ "އުއްފު" ވެސް ބުނުމެއް ނެތް ކަމަށާއި ހިތް ދަތިވާނެ ގޮތަކަށް އަދި ބާރަށްވެސް ބަހެއް ނުބުނަން ކީރިތި ޤްރްއާނުގައި ބަޔާންކުރައްވަވާފައިވާ ކަމަށެވެ. މައިން ބަފައިންގެ ހިތް ހަމަޖެހޭނެ ރިވެތި ގޮތުގައި މުޢާމަލާތުކުރުމަށް އަންގަވާފައިވާ ކަމަށެވެ.

"ބައްޕައަކީ، މަންމައަކީ ސުވަރުގޭގެ އެންމެ ޚާއްޞަ ދޮރު. އެއީ މެދު ދޮރު. އެއްވެސް ދަތިކަމެއް ނެތި ވަދެ ނުކުމެވޭނެ ދޮރު."

ޝައިޚް ލަޠީފް ވިދާޅުވީ އެއްބައަކު އަނެއް ބައަކަށް ރަޙްމް ކުރުމުން މާތްﷲ ރަޙްމް ކުރައްވަވާނެ ކަމަށާއި އެންމެ ބޮޑަށް ރަޙްމްކުރަން މާތްﷲ އަންގަވާފައިވަނީ މައިން ބަފައިންނަށް ކަމަށެވެ. މައިން ބަފައިންގެ ކުރިމަތީގައި މަޑުމޮޅިވެ ތަވާޟޫޢުވެރިވުމަށް ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ ތިމާ މަތީ ފެންވަރަކަށް އުފުލުނު ނަމަވެސް މައިންބަފައިންނަށްވުރެ މެތިވެރި ނުވާނެ ކަމަށާއި ޖެހޭނީ މައިން ބަފައިންނަށް ވުރެ ނިކަމެތިިވުމަށް ކަމަށެވެ. ތިމާއަކީ އަބަދު އުދުހެވޭ ފެންވަރުގައި ހުރި މީހެއް ނަމަވެސް މެއެވެ.

ޝައިޚް ލަޠީފް ވިދާޅުވީ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ މީހުން އަންހެނުންނާއި ފިރިހެނުންގެ ހައްޤުތައް ހަމަހަމަކަމަށް ބުނި ނަމަވެސް އިސްލާމް ދީނުގައި އެކަން އޮތީ އެގޮތަކަށް ނޫން ކަމަށެވެ. ފިރިހެނުންގެ ބެލެނިވެރިން އޮތީ އަންހެނުންނަށް ނޫން ކަމަށާއި އަންހެނުންގެ ބެލެނިވެރިކަން އޮތީ ފިރިހެނުންނަށް ކަމަށެވެ. ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ވަރިކުރުމުގެ ޙައްޤުވެސް ދެއްވަވާފައިވަނީ ފިރިހެނުންނަށް ކަމަށެވެ.

ތަރިކަ ބެހުމުގައި ފިރިހެނަކަށް ދެބައި ލިބޭ ކަމަށެވެ. އަންހެނަކު ހެކިބަސްދޭނަމަ ހެއްކަކަށްވަނީ ދެ އަންހެނުން ހެކިބަސް ދިނުމުން ކަމަށެވެ. އަދި މިގޮތަށް މިކަންކަން ހުރުމަކީ އަންހެނުންނަށް އިސްލާމް ދީނުގައި ދެވޭ ނިކަމެތި ކަމެއް ނޫން ކަމަށެވެ.

އެންމެ ހެޔޮކޮށް ހިތަންޖެހޭނީ ކާކަށްތޯ ސުވާލު ދެންނެވުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞއވ) 3 ފަހަރަށްވެސް ހަޑީޘްފުޅު ކުރެއްވެވީ މަންމައަށް ކަމަށް ވުމުން މައިމީހާއަށް ދެވޭ މަތިވެރިކަން އެނގިގެންދާ ކަމަށެވެ. އަދި ކުރާ އަޅުކަމަށް ސަވާބު ލިބުމުގައި ޖިންސަށް ތަފާތުކަމެއް ނެތުމުން ދެ ޖިންސުގެ ހަމަހަމަކަން އެނގިގެންދާ ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ޙައްޤެއް އަންހެނަކަށް ނުލިބޭނަމަ އެކަމުގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއްގެ ވާހަކަ އަޑު އިވިވަޑައި ނުގަންނަވާ ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ އެންމެ ބޮޑެތި ފާފައިގެ ތެރޭގައި ޝިރުކުރުކުރުމާއި ވިދިގެން ފަހަތުން މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އިހާނެތިކޮށް ހިތުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކޮށް ދެއްވަވާފައި އޮތުމުން މައިން ބަފައިންނަށް ނުކިޔަމަންތެރިވުމާއި ނިކަމެތިކޮށް ހިތުމުގެ ނުބައިކަން އެނގިގެންދާ ކަމަށެވެ.

(ޝައިޚް މުޙައްމަދު ލަޠީފް ރޭ ފަތިހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި ދެއްވެވި ދަރުސުން)

ގުޅުންހުރި ވީޑިއޯ؛
މިއަދު އޮންލައިން