ތިންވަނަ ފަހަރަށް ރިއާލްއިން ފީފާ ކްލަބް ވަރލްޑް ކަޕް ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިންވަނަ ފަހަރަށް ރިއާލްއިން ފީފާ ކްލަބް ވަރލްޑް ކަޕް ކާމިޔާބުކޮށްފި
ފީފާ ކްލަބް ވަރލްޑް ކަޕްގެ ފައިނަލް މެޗުގައި ބްރެޒިލްގެ ގްރެމިއޯ 0-1 ގެ ނަތީޖާއިން ބަލިކޮށް ސްޕެއިންގެ ރިއާލް މެޑްރިޑް ތިންވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފިއެވެ.

ޔޫއޭއީގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ރިއާލުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. ރިއާލަށް ލިބުނު ހިލޭޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިއީ މި މުބާރާތުގެ ތާރީޚުގައި ރޮނާލްޑޯ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ. ރޮނާލްޑޯއަކީ މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

މި ފަހަރުގެ ކްލަބް ވަރލްޑްކަޕްގެ ތަށި ރިއާލަށް ލިބުނުއިރު، މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ރެކޯޑު ރިއާލާއެކު ޙިއްޞާކުރަނީ ރިއާލްގެ ވާދަވެރި ކްލަބް ބާސެލޯނާއާއެވެ. މި ދެ ޓީމުގެ މި މުބާރާތް ވަނީ ތިން ފަހަރު މަތިން ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރިއާލްގެ ކްރޮއޭޝިއާ މިޑްފިލްޑަރު ލޫކާ މޮޑްރިޗްއަށް ލިބުނު އިރު, ރިއާލްގެ ތަރި ރޮނާލްޑޯއަށް ލިބުނީ މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމެވެ. މުބާރާތުގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔަކީ ގްރެމިއޯގެ ޔޮނަތަންއެވެ.

މިއަދު އޮންލައިން