މެރެޑޯނާގެ ރެކޯޑާ ހަމްސިކް އަރާ ހަމަކުރިއިރު ނަޕޯލީ ލީގު ތާވަލުގެ އެއްވަނައަށް

ކިޔުމަށް ހޭދަވާނީ 1މ 31ސ
މެރެޑޯނާގެ ރެކޯޑާ ހަމްސިކް އަރާ ހަމަކުރިއިރު ނަޕޯލީ ލީގު ތާވަލުގެ އެއްވަނައަށް
އާޖެންޓީނާގެ ލެޖެންޑް އަދި ނަޕޯލީގެ ކުރީގެ ކުޅުންތެރިޔާ ޑިއޭގޯ މެރެޑޯނާ ހަދާފައިވާ ރެކޯޑާ ނަޕޯލީގެ މިހާރުގެ ކެޕްޓަން މަރެކް ހަމްސިކް އަރާ ހަމަކުރިއިރު އިޓަލީ ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެގެން ނަޕޯލީ އަލުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޖުމުލަ 115 ލަނޑު ނަޕޯލީއަށް ކާމިޔާބުކޮށްދީގެން ނަޕޯލީގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑު ކުރިން މެރެޑޯނާގެ އަތުގައި އޮތް ނަމަވެސް، ރޭ އިޓަލީ ލީގުގައި ޓޮރިނޯއާ ދެކޮޅަށް ނުކުތް މެޗުގައި ކެޕްޓަން ހަމްސިކް ކާމިޔާބުކުރި ލަނޑުން އޭނާ ވެސް ވަނީ ނަޕޯލީއަށް ޖުމްލަ 115 ލަނޑު ހަމަކޮށްފައެވެ.

ޓޮރިނޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުން ނަޕޯލީ މޮޅުވީ 1-3 ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ލީޑު ނެގީ ވެސް ނަޕޯލީއިންނެވެ. މި ލަނޑު ނަޕޯލީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 4 ވަނަ މިނެޓުގައި ކަލިޑޮއު ކުލިބާލީއެވެ. ނަޕޯލީގެ ދެވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޮއިޓާ ޒިއެލިންސްކީއެވެ. ހަމްސިކް ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 30 ވަނަ މިނެޓުގައެވެ.

މި މެޗުގައި ޓޮރިނޯ ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 63 ވަނަ މިނެޓުގައި އެންޑްރިއާ ބެލޮއްޓީއެވެ.

ރޭ ޔުޑިނީސްއާ ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗު 1-3 ގެ ނަތީޖާއިން އިންޓަ ބަލިވުމުން އެ ޓީމު ވަނީ ތާވަލުގެ ދެވަނަ އަށް ވެއްޓިފައެވެ. އިންޓަ ދެވަނައިގައި އޮތީ ކުޅުނު 17 މެޗުން 40 ޕޮއިންޓް ލިބިގެންނެވެ. ނަޕޯލީ އަލުން ތާވަލުގެ އެއްވަނައަށް ޖެހިލިއިރު، އެ ޓީމަށް ލިބިފައިވަނީ ކުޅުނު 17 މެޗުން 42 ޕޮއިންޓްއެވެ. 16 މެޗު ކުޅެގެން ފަހުގެ ޗެމްޕިއަން ޔުވެންޓަސް ތިންވަނައިގައި އޮތީ 38 ޕޮއިންޓާއެކުއެވެ.

ޔުވެންޓަސް ކުޅޭ ލީގުގެ 17 ވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ބޮލޮގްނާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7:00 ގައެވެ.
މިއަދު އޮންލައިން