އިނގިރޭސި ޕްރެމިއަރ ލީގުގައި ރޭ ޓޮޓެންހަމް ވެސް ބަލިކޮށް ސިޓީއިން ޖެހިޖެހިގެން 16 ލީގު މެޗުން މޮޅުވެ ލީގު ތާވަލުގެ އެއްވަނަ މަޤާމު ދަމަހައްޓައިފިއެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ސިޓީއިން މޮޅުވީ 1-4 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގީ ވެސް ސިޓީއިންނެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 14 ވަނަ މިނެޓުގައި އިލްކޭ ގުންޑޮގަންއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ސިޓީއިން ދިޔައީ ޓޮޓެންހަމްއަށް ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ކެވިންޑެ ބުރައިންގެ ލަނޑުން ސިޓީ އިތުރަށް ލީޑު ފުޅާކުރިއެވެ.
ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ. ސިޓީގެ ހަތަރުވަނަ ލަނޑު ވެސް ކާމިޔާބުކުރީ ވެސް ސްޓާލިންއެވެ.
މި މެޗުގައި ފެނިގެންދިޔަ ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ކްރިސްޓިއަން އެރިކްސަން ކާމިޔާބުކޮށްދިނީ މެޗު ނިމެން އުޅެނިކޮށެވެ.
މި މެޗުގެ ނަތީޖާއާއެކު ޖުމުލަ 17 މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެ، އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ކުޅުނު 18 މެޗުން 52 ޕޮއިންޓް ލިބިގެން ސިޓީ އޮތީ ލީގުގެ އެންމެ ކުރީގައެވެ.
ތާވަލުގެ ދެވަނައިގައި އޮތް ޔުނައިޓެޑް އޮތީ އެއް މެޗު މަދުން ކުޅެގެން ސިޓީއަށްވުރެ 14 ޕޮއިންޓް ފަހަތުގައެވެ. ކުޅުނު 17 މެޗުން ޔުނައިޓެޑަށް ލިބުނީ 38 ޕޮއިންޓެވެ.
ޔުނައިޓެޑް ކުޅޭ ލީގުގެ 18 ވަނަ މެޗުގައި މިރޭ އެ ޓީމު ނުކުންނާނީ ވެސްޓް ބްރޯމްއާ ދެކޮޅަށެވެ.