ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. ޤިޔާމަތް ދުވަހުގެ ކަންކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ވަރަށް ތިއަބައި މީހުންނަށް އެނގޭނަމަ ގިނަގިނައިން ހީނ ނުއުޅޭނެއެވެ. ގިނަގިނައިން ރޮއިހަދާނެއެވެ.
މާތްﷲ އެންމެހައި ރަސޫލުބޭކަލުން ފޮނުއްވެވީ ޤިޔާމަތް މަޙްޝަރު ދުވަހުގެ ޚަބަރުތައް މީސްތަކުންނަށް ދެއްވެވުމެވެ. އެދުވަހަށް މީސްތަކުން ތައްޔާރުކުރުވުމެވެ. އެހެންކަމުން އެކަންކަމުގެ ވާހަކަތައް ނުދައްކައި އަދި ނުވިސްނައި ތިބޭނަމަ މީސްތަކުންގެ ބޭނުމަކީ ކޮބައިތޯއެވެ! އެދުވަހުގެ ކަންކަމާއިމެދު ހަނދާން ނައްތައިލިފިނަމަ އަޅުގަނޑުމެން ހަނދާން ނައްތައި އެލަނީ އަޅުގަނޑުމެންގެ އަމިއްލަ ހަޔާތާއިމެދުގައެވެ. ދުނިޔެއަށް އަޅުގަނޑުމެން ފޮނުއްވެވި މަޤްޞަދާއިމެދުގައެވެ.
"މާތްﷲ ދެއްވެވި ރިޒުޤްކައިގެން ދެއްވެވި ނިއުމަތްތަކުގެ ބޭނުން ހިފައިގެން މިދުނިޔޭގައި މާތް ﷲ ގެ އެންގެވުންތަކަށް ގޮންޖަހައި ހަރާމް ކުރެއްވެވިހައި ކަންކަން ކޮށް އުޅުނު މީހުން ޤިޔާމަތް ދުވަހު ދޭނީ ކޮންޖަވާބެއްތޯ؟"
މީސްތަކުންގެ އެއްވެސް ބާރެއް ނެތި އަދި އެއްވެސް މީހަކަށް އަނެކަކަށް އެއްވެސް އެހީތެރިކަމެއް ފޯރުވައި ނުދެވޭނެ ބިރުވެރި ދުވަހު ސަލާމަތްކަން އޮތީ ހަމައެކަނި ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އެއިގެ މައްޗަށް އަމަލުކުރި މީހަކަށް އެކަންޏެވެ.
އެދުވަހުގެ ބިރުވެރިކަމާއިމެދު ނުވިސްނައި ޣާފިލްވަނީ އަދި ހަނދާނުން ނައްޓާލައިގެން އުޅޭނަމަ އެމީހާ އެވަނީ ޝައިޠާނާގެ ކަސްތޮޅުތަކުން ކަސްތޮޅު އެޅިފައެވެ.
ޒުވާން ދައުރު ހޭދަކުރި ގޮތާއިމެދު މާތްﷲ ސުވާލުކުރައްވަވާނެއެވެ. ޖަވާބުދާރީވާންޖެހޭނެއެވެ. ޒުވާންދައުރަކީ ކުޅިވަރާއި މަޖަލުގައި ހޭދަކުރަން އޮތް ދައުރެއް ނޫނެވެ. މުސްކުޅިވެ ގައިބާރު ދެރަވެ ބަލި މީހަކަށްވުމުގެކުރިން ޒުވާން ދައުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭނެއެވެ.
ނަރަކަ އާއި ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ދައްކާނަމަ އަޑުއަހަން ބޭނުން ނުވާ ބައަކު އުޅެއެވެ. ނަމަވެސް ޤިޔާމަތް ދުވަހުގެ ވާހަކަތައް ދައްކަންޖެހެއެވެ. ނަރަކަ އާއި ބިރުވެރި އަޒާބުގެ ވާހަކަތައް ދައްކަންޖެހެއެވެ. ސުވަރުގެ އާއި ސުވަރުގޭގައި ހުރި މަތިވެރި ނިއުމަތްތަކުގެ ވާހަކަތައްވެސް ދައްކަން ޖެހެއެވެ. އެކަންކަމުގެ ވާހަކަތައް ކީރިތި ޤްރްއާނުގެ ގިނަ އާޔަތްތަކެއްގައި މާތްﷲ ވަނީ ބަޔާންކުރައްވަވައިފައެވެ.
އެންމެ ބޮޑު ފަޤީރަކީ ނުވަތަ ބަނގުރޫޓުވެފައިވާ މީހަކީ އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި އަނިޔާވެރިވުން ފަދަ އަމަލުތައް ކުރާ މީހާއެވެ. އެމީހަކަށް ޤިޔާމަތް ދުވަހުން ޖެހޭނީ އެމީހަކު ކުރި އެފަދަ ނުބައި ހުރިހާ ކަމަކަށް ބަދަލުދޭށެވެ. އެމީހަކު ކުރި ހެޔޮ އަމަލުތަކުންނެވެ. މީހުންނަށް ދޭންޖެހޭ ބައި ގިނަވެއްޖެނަމަ ޖެހޭނީ އެމީހުންގެ ފާފަތަކުގައި ހިފައިގެން ނަރަކައަށް ދާށެވެ. އެންމެ ބޮޑަށް ބަނގުރޫޓުވެފައި ތިބޭނެ ބައަކީ އެފަދަ މީހުންނެވެ.
(އައްޝައިޚް އަޙްމަދު ސަމީރުގެ ޚުޠުބާއަކުން.)
ޝައިޚް ސަމީރުގެ މި ޚުޠުބާއަކީ ގިނަގިނައިން އަޑުއަހަން މުހިންމު ޚުޠުބާއެކެވެ. ޢާއިލާގެ އެންމެން އެކުގައި ތިބެގެންވެސް މެއެވެ. ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއިބެހޭ ކީރިތި ޤްރްއާނުގެ ގިނަ އާޔަތްތަކެއް ޝައިޚް ސަމީރު ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.
ޝައިޚް ސަމީރުގެ ޚުޠުބާގެ ވީޑިއޯ: