ސްޕެނިޝް ލީގުގައި ރޭ 0-4 ގެ ނަތީޖާއިން ޑިޕޯޓިވޯ ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ އެއްވަނަ މަޤާމު ދަމަހައްޓައިފިއެވެ.
ބާސާގެ ކޭމްޕް ނައު ދަނޑުގައި ކުޅުނު މި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނެޓުގައި އުރުގުއާއީ ސްޓައިކަރު ލުއިސް ސުއަރޭޒްއެވެ. މެޗުގެ 41 ވަނަ މިނެޓުގައި ޕައުލީނިއޯގެ ލަނޑުން ބާސާއަށް ލީޑު ފުޅާކޮށްދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން ބާސާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ސުއަރޭޒްގެ ދެވަނަ ލަނޑުން ބާސާއަށް ތިން ލަނޑު ލީޑެއް ނަގައިދިނެވެ. ބާސާގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 75 ވަނަ މިނެޓުގައި ޕައުލީނިއޯއެވެ. މިއީ ޕައުލީނިއޯ މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
މި މެޗުން މޮޅުވެގެން ކުޅުނު 16 މެޗުން 42 ޕޮއިންޓާއެކު ބާސާއިން ލީގު ތާވަލުގެ އެއްވަނަ މަޤާމު ދެމެހެއްޓިއިރު، ލީގު ތާވަލުގެ ދެވަނައިގައި ކުޅުނު 16 މެޗުން 36 ޕޮއިންޓް ލިބިގެން އޮތީ އެތްލެޓިކޯ މެޑްރިޑްއެވެ. ވެލެންސިއާ އޮތީ ކުޅުނު 16 މެޗުން 34 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ އެއް މެޗު މަދުން ކުޅެގެން 31 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.
ލީގުގައި ބާސާއިން ދެން ނުކުންނާނީ ވާދަވެރި އަދި ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މި މަހުގެ 23 ވަނަ ދުވަހު ރާއްޖެ ގަޑިން ހަވީރު 5:00 ގައެވެ.