ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީ އާި ޕީއެސްއެމުން ކުރިއަށް ގެންދާ ހުކުރު އުފާ ޕްރޮގްރާމްގެތެރެއިން މިދިއަ ހުކުރު ދުވަހުގެ ރޭ އިންސާނީ ހައްޤުތަކަށް ބޭއްވި ދަރުސް ނުވަތަ ޕްރޮގްރާމް އަޑުއަހަން ދިއައީ ޖުމުލަ 20 ވަރަކަށް މީހުންނެވެ.
މި ފޯރަމްގެ ބައެއް ޕްރޮގްރާމްތަކަށް ގިނަ ބައަކު ގޮސް ގޮނޑިތައް ފުރައިލި ނަމަވެސް މި ފޯރަމްގައި ފުރިފައިވަނީ ހަމައެކަނި ކުރީ ސަފުަކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެން ދަރުސްތައް ލައިވް ކުރި ނަމަވެސް އެ ދަރުސް މުންނާރު ޗެނެލުންވެސް ލައިވް ވެސް ނުކުރެއެވެ.
މިކަމުގައި ސަބަބުތަކެއް އެބަހުއްޓެވެ. އެ ސަބަބުތައް ފޯރަމްގައި އައްޝައިޚް އަޙްމަދު ފަހްމީ ދީދީ ވަނީ ފާހަގަވެސް ކޮށްދެއްވައިފައެވެ.
އެންމެ ބޮޑު ސަބަބަކީ އިސްލާމް ދީނުގައި އިންސާނީ ހައްޤުތައް އެންމެ ފުރިހަމައަށް ބަޔާންވެގެންވާއިރު ބަލަންވީ އދ އިން ނުވަ އިންސާނުން އަމިއްލައަށް އުފައްދާ ކަންކަމަށް ނޫންކަމެވެ. މައްސަލައަކަށް ވެގެން މިއުޅެނީ އިސްލާމް ދީނުގައި ހުރި އިންސާނީ ހައްޤުތައް ލިބިދިނުމުގައި ހުރި މައްސަލަތަކާއި އެކަންކަން ތަންފީޒުކުރުމުގައި ވަައަތުފައަށް ބުރަވަމުން އައުންކަން ޝައިޚް ފަހްމީ ވަނީ ފާހަގަކުރައްވައިފައެވެ.
ކަންކަން މިހެން ހުރުމުގެ އިތުރުން އިންސާނީ ހައްޤުތަކުގެ ގޮތުގައި ލިބިގަންނަން އެންމެ ބޭނުންވާ ހައްޤުތައް އަދި ކޮންމެހެން ލިބިދެވެންޖެހޭ ހައްޤުތައް ލިބި ނުދެވޭކަން ގިނަ ބައަކު ފާހަގަކުރެއެވެ. މީގެ އިތުރުން ހައްޤެއް ގެއްލިގެން ހޯދަން މަސައްކަތްކުރި ނަމަވެސް އެކަމެއް ފިނިހަކު ދުވެލީގައި ކުރިއަށްދާތީ ދިވެހިންގެ ގިނަ ބައަކު މިހާރުތިބީ އިންސާނީ ހައްޤުތަކާއިމެދު ވަރަށް ބޮޑަށް މާޔޫސްވެ ފޫހިވެފައިކަން ވެސް ފާހަގަކުރަންޖެހެއެވެ.
އެންމެ ބޮޑެތި މައްސަލަތައް ގުޅިފައިވަނީ އަދުލުވެރިކަމާއި ކަމުގައިވާއިރު އެ ކަމުގައި ހުރަސްތައް ހުރި މިންވަރު އެންމެންނަށްވެސް އެނގެއެވެ. ސިޔާސީ ނޫން މައްސަލަތަކުގައިވެސް މެއެވެ.
ވަަރަށް ކުޑަކުޑަ މިސާލެކެވެ. ދާދިފަހުން ރިޒޯޓެއްގެ ލޯންޗެއް ވަނީ ކަނޑުމަތީގައި އޮތް ދޯންޏެއްގައި ޖެހި އެކްސިޑެންޓްވެފައެވެ. ދޯނީގެ ޑްރައިވަރު ނުވަތަ ކެޕްޓަން ބަންދުކުރިއެވެ. އޭނާއަށް އޮތީ ހަމަ އެންމެ ކުށެކެވެ. އެއީ ދޯނީގައި އެއްވެސް އަލިކަމެއް ނެތުމެވެ.
ލޯންޗުގެ ޑްރައިވަރަށް ބަލާއިރު އުލަނދުފަހަރު ދުއްވުމުގެ ޤަވާއިދުގެ 5 މާއްދާއަކާއި އޭނާ ވަނީ ޚިލާފްވެ ކުށްވެރިވެފައެވެ. ނަމަވެސް އޭނާ ބަންދެއް ނުކުރެއެވެ.
އިންސާނަކަށް ބޭނުންވާނެ އެންމެ ބޮޑު އިންސާނީ ހައްޤަކީ މިނިވަންކަމާއިއެކު ދިރިހުރުމާއި މިނިވަންކަމާއިއެކު ދިރިއުޅެވުމެވެ. ޤާނޫނު ތަންފީޒްކުރާ ފަރާތްތަކުން އެކަންކަމަށް ސަމާލުކަން ނުދޭނަމަ އެއީ ވަރަށް ބޮޑަށް ހިތާމަހުރި ކަމެއްކަން ޤަބޫލުކުރަންޖެހެއެވެ.