ކަކާ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަކާ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
ބްރެޒިލްގެ ކުރީގެ ތަރި ރިކާޑޯ ކަކާ ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާވެ، އުމުރުން 35 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ރިއާލް މެޑްރިޑް އަދި އޭސީ މިލާނަށް ވެސް ކުޅެދީފައިވާ ކަކާ، ފުޓުބޯޅަ ކުޅުން ހުއްޓާލައިފައިވާކަން އަންގާފައިވަނީ އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށެވެ. އަދި އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ވެސް އެކަން ވަނީ އަންގައިފައެވެ.

ކަކާ ވަނީ މި އަހަރުގެ ކުރީކޮޅު ވެސް އޭނާ މިހާރު ކުޅެމުންދާ އެމެރިކާގެ އޯލަންޑޯ ސިޓީއާއެކު ކޮންޓްރެކްޓް އާ ނުކުރާނެކަން އިއުލާންކޮށްފައެވެ. އޯލަންޑޯ ސިޓީއާއެކު ކަކާ ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ނިޔަލަށް ހަމަވާނެއެވެ.

ބްރެޒިލްގެ ގްލޯބޯ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ކަކާ ބުނެފައިވަނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހުގައި ވެސް ފުޓުބޯޅައަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެކަމަށެވެ.

ކަކާގެ އެންމެ ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައީ އޭނާ އޭސީ މިލާންގައި ހޭދަކުރި ދުވަސްވަރުއެވެ. އެ ގޮތުން، 2007 ވަނަ އަހަރު ކަކާ ވަނީ އޭސީ މިލާނާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އެ ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކަކާ ވަނީ މިލާނަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޯންޑިއޯ އެވޯޑު ވެސް 2007 ވަނަ އަހަރު ކަކާ ކާމިޔާބުކުރިއެވެ. ރޮނާލްޑޯއާއި މެސީ ނަގާފައި އެ އެވޯޑު އެންމެ ފަހުން ކާމިޔާބުކުރި ކުޅުންތެރިޔަކީ ކަކާއެވެ.
ކަކާ ވަނީ އޭނާގެ ކެރިއަރުގައި ބްރެޒިލްއާއެކު 2002 ވަނަ އަހަރު ވޯލްޑްކަޕް ތަށި އުފުލާލައިފައެވެ.

މިއަދު އޮންލައިން