"ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ.
ކީރިތި ޤްރްއާން ކިޔަވައި އެއަށް އަމަލުކުރާ މީހާގެ މިސާލު ނިޔަނދުރެއް ފަދައެވެ. އެއިން މީރުވަސް ވެސް ދުވައެވެ. ރަހަވެސް މީރެވެ.
ކީރިތި ޤްރްއާން ކިޔަވައި ނުއުޅޭ، އެހެން ނަމަވެސް ކީރިތި ޤްރްއާނަށް އަމަލުކުރާ މީހާގެ މިސާލަކީ ކަދުރުގެ މިސާލެވެ. ވަހެއް ނުހުރެއެވެ. ރަހަ ފޮންޏެވެ.
ކީރިތި ޤްރްއާން ކިޔަވާ މުނާފިޤެއްގެ މިސާލަކީ ގަނދަކޯޅީގެ މިސާލެވެ. ވަސް ވަރަށް މީރެވެ. ރަހަ ވަރަށް ހިތްޗެވެ. ކީރިތި ޤްރްއާން ނުކިޔަވާ މުނާފިޤެއްގެ މިސާލަކީ ހިތި ކެކުރިއެއްގެ މިސާލެވެ. ވަސްވެސް ހިތްޗެވެ. ރަހަ ހިތްޗެވެ."
މި ޙަދީޘްފުޅުގައި ކީރިތި ޤްރްއާން ކިޔަވައި އެއަށް އަމަލުކުރާމީހާގެ މިސާލު ނިޔަނދުރެއްގެ ގޮތުގައި ބަޔާންކުރައްވަވާފައި އެވަނީ ކީއްވެގެންހެއްޔެވެ؟
ނިޔަނދުރަކީ ވަސް ވެސް އަދި ރަހަވެސް މީރު އެއްޗެކެވެ. ޢިލްމުވެރިން ވިދާޅުވަނީ މި ގޮތަށް ސިފަކުރައްވަވާފައި އެވަނީ ނިޔަނދުރުގެ ފައިދާ ބޮޑުކަމުންނެވެ. އެއިގެ ތޮށްޓަކީ ބޭހެކެވެ. އޮށުން ހަދާ ތެލަކީވެސް ހަމައެހައިމެ ފައިދާހުރި އެއްޗެކެވެ.
"އިމާމް އަލްހަޖަރު ވިދާޅުވަނީ ނިޔަނދުރެއް އޮންނަ ގެއަކަށް ޝައިޠާނާވެސް ކައިރިނުވާނެކަމަށް. ކީރިތި ޤްރްއާނާއި އަދި ކީރިތި ޤްރްއާން ކިޔަވާ މީހާ އާއި ޝައިޠާނާ ކައިރި ނުވާފަދައިން ނިޔަނދުރު އޮންނަ ގެއަކަށްވެސް ޝައިޠާނާ ކައިރިއެއް ނުވެއޭ."
އެންމެ ހެޔޮކަން ބޮޑު މީހާއަކީ ކީރިތި ޤްރްއާން އުނގެނި، ކިޔަވައި އެއަށް އަމަލުކުރާ އަދި މީސްތަކުންނަށް ކީރިތި ޤްރްއާން އުނގަންނައިދޭ މީހާއެވެ. ދަރިންނަށް ތަޖުވީދުމަގުން ކީރިތި ޤްރްއާން އުނގަންނައިދޭން ޖެހެއެވެ.
ކީރިތި ޤްރްއާން ނުކިޔެވި ނަމަވެސް އަމަލުކުރާ މީހާގެ މިސާލު ކަދުރުފަދަ ކުރެއްވެވީ ކީއްވެގެންހެއްޔެވެ؟ އެއީ ކީރިތި ޤްރްއާން ނުކިޔެވި ނަމަވެސް ކީރިތި ޤްރްއާނަށް އަމަލުކުރުމުން އެމީހާގެ ކިބައިގައި ހެޔޮކަން ހުރުމުންނެވެ. ނެތީ ބޭރުފުށުން ދުވާ މީރުވަހެވެ.
ވިސްނަވާށެވެ. އިސްލާމް ދީނަކީ ދެފުށް އެއްގޮތްކުރަންޖެހޭ ދީނެކެވެ. އެތެރެފުށާއި ބޭރުފުށުގެ ދީނެވެ. އެހެންވީމާ އެތެރެފުށުގެ އަސަރު ބޭރުފުށުން ފެންނަން ޖެހޭނެއެވެ.
ކީރިތި ޤްރްއާން ކިޔަވައި އުޅޭ މުނާފިޤުންގެ މިސާލު ގަނދަކޯޅި އާއި އެއްގޮތް ކުރައްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ. އެއީ މުނާފިޤުންނަކީ އަބަދުވެސް ބޭރުފުށުން އިޚްލާޞްތެރިކަން ދައްކަމުން މުޖުތަަމައުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭ ބައަކަށްވާތީ އެވެ. އެހެންވެ ބޭރުފުށުން އެމީހާ ފެންނާނީ ގަނދަކޯޅީގައި މީރުވަސް ހުންނަ ފަަދައިން މުނާފިޤުންގެ ބޭރުފުށުގެ އަމަލުތައް ވަރަށް ރީތިވާނެއެވެ. ނަމަވެސް ޚަޞީލަތް އެހައި ނުބައިވާނެއެވެ.
މާތްﷲ ކީރިތި ޤްރްއާން ބާއްވަވައިލެއްވެވީ ރީތިކޮށް ލިޔެފައި ގެދޮރު ޒީނަތްތެރިކުރަން ބަހައްޓާކަށް ނޫނެވެ. އެއިން ތިމާމެންގެ ހިތްތައް ޒީނަތްތެރިކުރުވުމަށެވެ. ކިޔަވައި އެއިގެ މާނަ އުނގެނި އެއާއިމެދު ވިސްނައި ފިކުރުކުރުމަށްޓަކައެވެ.
ކީރިތި ޤްރްއާން ނުއެނގުމަށް ދެއްކޭނެ އެއްވެސް އުޒުރެއް މިހާރަކު ނެތެވެ. ދިވެހި ބަހާއި އިނގިރޭސި ބަހާއި އެނޫންވެސް ގިނަ ބަސްތަކަކުން މިއަދު ކީރިތި ޤްރްއާން ފަސޭހަކަމާއިއެކު އުނގެނެވެން އެބައޮތެވެ. ދިވެހި ތަރުޖަމާ ފޯނަށްވެސް އަޅައިލެވެން އެބައޮތެވެ. އޮޅުން އަރައިފިނަމަ ދީނީ އިލްމުވެރިއެއްގެ އަރިއަހަށް ދިއަ ނަމަވެސް އެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ.
މާނަ ނުއެނގި ކިޔެވި ނަމަވެސް ފައިދާއެއް ވެއެވެ. މަދުމިނުން 10 ގުނައަށް ލިބެއެވެ. ނަމަވެސް ހަޤީޤީ ފައިދާކުރާނީ މާނަ އާއިއެކު ކިޔަވައި އުނގެނުމުންނެވެ.
ދުޝްމިނުން މަސައްކަތްކުރަމުން ގެންދަނީ ކީރިތި ޤްރްއާނުގެ އިލްމުނެތިކޮށްލާށެވެ. އެއީ އަހަރެމެންގެ ތެރޭގައި ކީރިތި ޤްރްއާން ދެމިއޮތްހައި ދުވަހަކު އަހަރެމެން މަގުފުރެދިގެން ނުދާނެތީއެވެ.
މިއަދުވެސް މުސްލިމުން ބަލިކަށިވަމުން މިދަނީ ކީރިތި ޤްރްއާން އަދި ކީރިތި ޤްރްއާނުގެ ޢިލްމު ދޫކޮށްލުމުންނެވެ. ކުރީ ޒަމާނާއި އެއްގޮތަށް ބާރުގަދަވާން ބޭނުންނަމަ ކުރަން އޮތް ކަމަކީ ކީރިތި ޤްރްއާނަށް ކުރީގެ މީސްތަކުން ފަދައިން އަމަލުކުރުމެވެ.
(މަސްޖިދު މުޙައްމަދުތަކުރުފާނުލްއައުޒަމްގައި އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ދެއްވަވާފައިވާ ދަރުސަކުން)
ގުޅުންހުރި ވީޑިއޯ: