އަހަރެމެންނަށް އެންމެ ރަނގަޅު ގޮތް ދެނެވޮޑިގެންވަނީ މާތް ﷲ ކަމަށް ޤަބޫލުކުރާ މީހާ ހުންނާނީ އެއްވެސް ކަންބޮޑުވުމެއް ނެތި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 33ސ
އަހަރެމެންނަށް އެންމެ ރަނގަޅު ގޮތް ދެނެވޮޑިގެންވަނީ މާތް ﷲ ކަމަށް ޤަބޫލުކުރާ މީހާ ހުންނާނީ އެއްވެސް ކަންބޮޑުވުމެއް ނެތި!
އަހަރެމެންނަށް ތަފާތު މުޞިބާތްތައް ކުރިމަތިވެއެވެ. ހިތް ނުއެދޭ އެތައް ކަމެއް މެދުވެރިއެވެ. ވުމަށް އެދޭ އެތައް ކަންތައްތަކެއް ނުވެދެއެވެ. ވުމަށް ނުއެދޭ އެތައް ގިނަ ކަންތައްތަކެއް ވަމުން ދެއެވެ.

މިހާލަތްތަކުގައި ގިނަ ބައަކު ސުވާލުތައް އުފައްދައެވެ. މިވެނި ކަމެއް ތިމަންނާއަށް ކުރިމަތިވީ ކީއްވެގެން ކަމާއިމެދުގައެވެ. ތިމާ ވަރަށް ރަނގަޅަށް އުޅެމުންދާއިރުވެސް ތިމާއަށް މިފަދަ ގޮތްތައް މެދުވެރިވަނީ ކީއްވެގެން ކަމާއިމެދުގައެވެ.

ވިސްނާށެވެ. އެންމެ ރަނގަޅު ޖަވާބަކީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތް އަޅުގަނޑުމެންނަށްވުރެ މާމޮޅަށް މާތް ﷲ ދެނެވޮޑިގެންވެއެވެ.

އެކަން އެގޮތަށް ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެފަދަ މީހުންގެ ކިބައިން އެއްވެސް ކަން ބޮޑުވުމެއް ނުފެންނާނެއެވެ. އެހެނީ އެފަދަ މީހުން އަބަދުވެސް ތިބޭނީ އެމީހާގެ ހުރިހާ ކަންކަން މާތް ﷲ އަށް ވަކީލުކޮށްގެންނެވެ.

މިއީ މާތް ﷲ ގެ ވައުދު ބަސްފުޅެވެ. މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ ތިބާ ތިމަން ﷲ އާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ލޯބިކުރާނަމަ ތިމަން ﷲ ތިބާގެ ކަންކަން ބައްލަވައިވޮޑިގެންވާހުށީމެވެ.

(ވީއިރު ދެން އިތުރަށް ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟ ކޮން ކަމަކާއިމެދުގައި ހެއްޔެވެ؟)

މާތް ﷲ އަށް އެންމެ ބޮޑަށް ލޯބިކުރެއްވެވީ އިތުރު މާތް ނަބިއްޔާއެވެ. އެހެންކަމާއިއެކުވެސް ވަޙީ މެދު ކެނޑުނު ނޫން ހެއްޔެވެ؟ އިތުރު މާތް ނަބިއްޔާ ކުރެއްވެވީ ކޮން ފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ އެއަށްފަހު މާތް ﷲ ކަންތައްތައް ކުރެއްވެވީ ކިހިނަކުން ހެއްޔެވެ؟ ޢިބްރަތަކަށް ނުވާ ހެއްޔެވެ؟

އުމުރުފުޅުން އެންމެ 10 ވަރަކަށް އަހަރުގައި ޔޫސުފްގެ ފާނު ފުން ވަޅަކަށް އެއްލައި ލެވުނެވެ. އަޅެއްގެ ގޮތުގައި ގެންގޮސް ވިއްކައިލެވުނެވެ. ދުވަހަކު ވެސް ބައްޕާފުޅާއި ބައްދަލުވެވަޑައިގަންނަވާނެ ކަމުގެ އުންމީދުވެސް ގެއްލިވަޑައިގަތެވެ. ނަމަވެސް ކަންތައްތައް ވެގެން ދިއައީ ކިހިނަކުން ހެއްޔެވެ؟ ޢިބްރަތަކަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟

އަހަރެމެންގެ ތެރެއިން އެތައް ބައަކު ކުރި އެއްވެސް ކުށަކާއި ނުލައި ގެންގޮސް ޖަލަށް އެބަ އެއްލައިލެވެއެވެ. މިފަދަ އެތައް ކަމެއް އެބަ ހިނގައެވެ. މިފަދަ ހުރިހައި ކަންކަމެއް މާތް ﷲ ބައްލަވައި ވޮޑިގެންވެއެވެ.

މާތް ﷲ ބައްލަވައި ވޮޑިގެންވަނީ އެންމެންނަށެވެ. މުއްސަނދިންނަށާއި ފަޤީރުންނަށް ވެސް ބައްލަވައި ވޮޑިގެންވެއެވެ. އެކަމުގައި އިސްތިސްނާވާ ހަމަ އެކަކުވެސް ނެތެވެ.

ފިރުއައުނަށް ބަލާށެވެ. އޭނާއަށް ލިބިފައި ނުވަނީ ދުނިޔޭގެެ ކޮން ބާރެއް ހެއްޔެވެ؟ ޤާރޫނަށް ލިބިފައި ނުވަނީ ކޮން މުއްސަނދިކަމެއް ހެއްޔެވެ؟ މިޞުރުގެ ޕިރަމިޑްތައް އެހެރީ އެކަމުގެ ދިރިހުރި ހެކިތަކެވެ. އެތަންތަނަކީ ފިރުއައުނު ދިރިއުޅުނު ގެތަކެވެ. ނަމަވެސް ނިމުން ވެގެން ދިއައީ ކިހިނަކުން ހެއްޔެވެ؟

މުއްސަނދި ކަމާއި ފަޤީރުކަމުގެ އެއްވެސް ތަފާތެއް ނެތެވެ. ދެ ޙާލަތުވެސް ކުރިމަތިވަނީ އަހަރެމެންގެ އިމްތިޙާނަށެވެ. އަހަރެމެންނަށް ރަނގަޅަކަށެވެ.

މާތް ﷲ ތިބާއަށް މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ އެއީ ތިބާއަށް ރަނގަޅަކަށް މެދުވެރިކުރެއްވެވި ކަމެއް ކަމަށް ދެކޭށެވެ. މާތް ﷲ އާއި އިތުރަށް ގާތަށް ޖެހިލާށެވެ. މާތް ﷲ އަށް ވަކީލުކުރާށެވެ. ހުރިހާ ކަމެއް ދާނީ ރަނގަޅުވަމުންނެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން