ދުވާލަކު 5 ފަހަރު ބަންގި ގޮވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދުވާލަކު 5 ފަހަރު ބަންގި ގޮވަނީ ކީއްވެ؟
އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކު 5 ފަހަރު ބަންގި ގޮވައެވެ. އެއްކަމަކަށް ގިނަ ފަހަރު ގޮވުމަކީ މީހުން ފޫހިވެސް ވާނެ ކަމެކެވެ. ނަމަވެސް މާތްﷲ މިކަން މިންވަރުފުޅު ކުރައްވަވާފައި އެވަނީ ދުވާލަކު 5 ފަހަރު އެ އަޑު އިވޭނެ ގޮތަށެވެ.

ކީރިތި ޤްރްއާނުގައި ނަމާދުކުރުމަށް އެންގެވުމުން ވެސް އެބަފުދެއެވެ. އެކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވުމުން ވެސް ފުދެއެވެ. ނަމަވެސް ނަމާދުގެ ކަންތައް މިވަނީ އެވަރުން ފުދޭ ގޮތަކަށް ނޫނެވެ. ކޮންމެ ދުވަހަކުވެސް 5 ފަހަރު ގޮވައިލުންތައް ތަކުރާރުކުރަންޖެހޭނެ ގޮތަށެވެ.

ބަންގި އަރަބި ބަހުން ގޮވަންޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް މާތް ﷲ ޤިޔާމަތް ދުވަހުން ސުވާލު ކުރައްވަވާނެތީއެވެ. އެ ސުވާލުތަކަށް ޖަވާބު ދޭން މީސްތަކުންނަށް ޖެހޭނެތީއެވެ.

ބަންގީގައި ހަމައެކަނި "ޙައްޔަޢަލައްޞަލާތި" ނަމާދަށް އަންނާށޭ ގޮވައިލެވެނީއެއް ނޫނެވެ. ވިދިގެން އެއީ ކީއްކުރަންކަން ވެސް އެބަ ބުނެއެވެ. "ޙައްޔަޢަލަލްފަލާޙް" ފަލާޙް ލިބިގަތުމަށް ކަމަށްވެސް އެބަ ބުނެއެވެ.

އަހަރެމެން ކޮންމެ މީހަކުވެސް ކާމިޔާބަށް އެދެމުއެވެ. ކާމިޔާބަށް އެދޭނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ މާތްﷲ ގެ އަމުރުފުޅަށް ދުވާލަކު 5 ފަަހަރު ގޮވައިލެވޭ ގޮވައިލުމަށް އިޖާބަ ދިނުމެވެ.

ނަމަވެސް ކަންކަން ހުރީ ކިހިނަކުން ހެއްޔެވެ؟ ދިރާއަކުން އެނގުނު ގޮތުގައި މުސްލިމުންގެ ތެރޭގައި ގިނައީ ކޮންމެ ދުވަހަކު ކީރިތި ޤްރްއާން ނުކިޔަވާ މީހުންނެވެ. ގިނައީ ފަރުޟު ފަސް ނަމާދު އަދާނުކުރާ މީހުންނެވެ. ބައެއް މީހުން ކުރަނީ ހަމައެކަނި ހުކުރު ނަމާދާއި ޢީދު ނަމާދެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.

އެކަމަކު މިއެންމެންވެސް މާތް ﷲ ގެ ކިބައިން ރަޙްމަތަށް އެބަ އެދެއެވެ. ހެޔޮ ގޮތްތައް މިންވަރުފުޅު ކުރެއްެވެވުމަށް އެދެއެވެ. ފަރުޞު ނަމާދަށް ގޮވައިލެވުމުން އިޖާބަ ނުދީހުރެ މާތް ﷲ ގެ ޙަޟްރަތުން ވާގި އެދުމަކީ ކޮން ގޮތަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟ ނަމާދު ނުކުރާމީހާ، ތިމާއަކީ މުސްލިމެއް ކަމަށް ބުނާނީ ކިހިނަކުން ހެއްޔެވެ؟

ނަމާދަކީ ތިބާ އުފުލައިދޭ ތަނބެވެ. އެ ތަނބު އުފުލިވަރަކަށް ތިބާ އުފުލިގެންދާނެއެވެ. ތިރިކުރި ވަރަކަށް ތިބާ ތިރިވެގެންދާނެއެވެ.

ނިކަން ނަމާދުކުރަން ފަށައިބަލާށެވެ. އެކަމުން ލިބޭ ހިތްހަމަޖެހުން އިހްސާސްވެގެންދާނެއެވެ. ލިބޭ ފައިދާތައް އެނގިގެންދާނެއެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން