ކަރަބައޯ އިންގްލިޝް ފުޓްބޯލް ލީގު ކަޕް (އީއެފްއެލް) ކަޕްގެ ސެމީ ފައިނަލަށް މެންޗެސްޓާ ސިޓީއާއި އާސެނަލް ދަތުރުކޮށްފިއެވެ.
މެންޗެސްޓަރ ސިޓީއިން މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކުއާޓަރ ފައިނަލްގައި ލެސްޓަރ ސިޓީގެ މައްޗަށް ޕެނަލްޓީއިން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗުގެ ނަތީޖާ އޮތީ 1-1 ން އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގީ ސިޓީއިންނެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 26 ވަނަ މިނެޓުގައި ބަނާޑޯ ސިލްވާއެވެ. އެހެން ނަމަވެސް މެޗު ނިމެން ދަނިކޮށް ލެސްޓަރއަށް ލިބުނ ޕެނަލްޓީއަކުން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި ޖޭމީ ވާޑީއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ކުޅުނު 15 މިނެޓުގެ ދެ ހާފު ނިމުނީވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
އެހެންކަމުން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ސިޓީ ކުރި ހޯދީ 3-4 އުންނެވެ. ސިޓީގެ ހަތަރު ޕެނަލްޓީ ކާމިޔާބުުކޮށްދިނީ އިލްކޭ ގުންޑޮގަން، ޔާޔާ ޓޯރޭ، ލުކަސް ނިމޭޗާ އަދި ގެބްރިއަލް ޖީސަސްއެވެ.
ލެސްޓަރއަށް ކާމިޔާބުވި ތިން ޕެނަލްޓީ ޖެހީ ކްރިސްޓިއަން ފުޗްސް، ހެރީ މަގުއިރޭ، އަދި ވިސެންޓޭ އިބޮއްރާއެވެ. ލެސްޓަރގެ އެންމެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ރިޔާދު މަހުރޭޒްއާއި ޖޭމީ ވާޑީ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ވާޑީ ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު، މަހުރޭޒް ފޮނުވާލި ޕެނަލްޓީ ސިޓީގެ ކީޕާރު މަތަކުރިއެވެ.
އާސެނަލްއިން މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކުއާޓަރގައި 0-1 ގެ ނަތީޖާއިން ވެސްޓްހަރމް ބަލިކޮށްގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 42 ވަނަ މިނެޓުގައި ޑެނީ ވެލްބެކްއެެވެ.
މި މުބާރާތުގެ ކުއާޓަރގައި ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް މިރޭ ނުކުންނާނީ ބްރިސްޓޯލް ސިޓީއާ ދެކޮޅަށެވެ. ޗެލްސީ ނުކުންނާނީ ބޯންމައުތްއާ ދެކޮޅަށެވެ.