ކުރިން ފާދިރީކަން ކުރި އިދްރީސް ތައުފީޤް، އިސްލާމްވި ގޮތުގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 7މ 12ސ
ކުރިން ފާދިރީކަން ކުރި އިދްރީސް ތައުފީޤް، އިސްލާމްވި ގޮތުގެ ވާހަކަ
މިއީ ފާދިރީއެއްގެ ގޮތުގައި ކުރިން އުޅުނު ބްރިޓެންގެ ރައްޔިތެއް ކަމަށްވާ އިދްރީސް ތައުފީޤް އިސްލާމްވި ގޮތުގެ ވާހަކައެވެ. އޭނާއަކީ ފާދިރީއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ވެސް، އެކިއެކި ދީންތަކާއި ބެހޭގޮތުން ކިޔަވާދެއްވި ޓީޗަރެއްވެސް މެއެވެ. ނަމަވެސް އިސްލާމްވުމަށް ފަހު، އޭނާ ހަމައެކަނި ކިޔަވާދެއްވީ އިސްލާމްދީނާއި ބެހޭގޮތުންނެވެ. އަދި ދީނީ އެކިއެކި ފޮތްތައް ވެސް ލިޔެ ދެއްވިއެވެ.

އޭނާވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވީ ބުދަ ދުވަހު ނިޔާވެފައެވެ.

ނިޔާވުމުގެ ކުރިން، އޭނާ އިސްލާމްވި ގޮތުގެ ވާހަކަ ކިޔާދެއްވާފައިވެއެވެ.

"ފާދިރީކަން ވެސް އަހަރެން ކުރީ ކުރާ ހިތުންނެވެ. އެއީ މީހުންނަށް އެކި ކަންކަމުގައި އެހީތެރިވެވޭތީއެވެ.

ނަމަވެސް އެއިރު އަހަރެން ހުރީ އުފަލަކުން ނޫނެވެ. ޙަޔާތުގައި ކޮންމެވެސް ކަމެއް ގޯސްކޮށް ދާކަމުގެ ޙިޔާލު އަހަރެންގެ ހިތައް ވެރިވިއެވެ. އަދި ދިމާވި ކަންތައްތަކެއްގެ ސަބަބުން، މާތް ﷲ ގެ އިރާދަފުޅާއިއެކު އިސްލާމްދީން އިޚްތިޔާރު ކުރުމުގެ މަގާއި ދިމާލަށް އަހަންނަށް ދަތުރު ކުރެވެން ފެށިއެވެ.

އަހަންނަށް ކުރިން ހީވެފައި އޮތީ، މިސްރަކީ ހަމައެކަނި ހުސް އަހުރާމާއި ވެއްޔާއި ޖަމަލާއި އަދި ރުއްތަކުން ފުރިފައިވާ ޤައުމެއް ކަމަށެވެ. އެހެންކަމުން ހުރްޤާޑާ އަށް އަހަރެން ދިޔައީ ވެސް ޗާޓަރ ފްލައިޓަކުންނެވެ.

ނަމަވެސް އެޤައުމަށް ދެވުމުން، އަހަންނަށް ހީވެފައިއޮތީ މުޅިން ނުބައިކޮށްކަން އެނގުނެވެ. ބައެއް ޔޫރަޕް ޤައުމުތަކުގައި ހުންނަފަދަ ގޮނޑުދޮށެއް އެޤައުމުންވެސް އަހަންނަށް ފެނުނެވެ. ރޭލަކަށް އަރައިގެން ކައިރޯ އަށް ގޮސް، އަހަރެންގެ ޙަޔާތުގައި އުފާވެރި ހަފްތާއެއް ހޭދަކުރީމެވެ.

އެދަތުރަކީ މުސްލިމުންނާއި އިސްލާމްދީނަށް އަހަރެން ތަޢާރަފްވި އެންމެ ފުރަތަމަ ފަހަރެވެ. މިސްރުގެ ރައްޔިތުންގެ އޯގާތެރިކަމާއި މަޑުމައިތިރިކަން އަދި ބާރުގަދަކަން ވެސް އަހަންނަށް ފާހަގަވާން ފެށިއެވެ.

ބްރިޓެންގެ ގިނަ ރައްޔިތުންނެކޭ އެއްފަދައިން އެއިރު އަހަންނަށް ވެސް އިސްލާމް ދީނާއި ބެހޭ ގޮތުން އަޑު އިވިފައިވަނީ ވަރަށް ވެސް ނުރަނގަޅު ވާހަކަތަކެކެވެ. މުސްލިމުންނަކީ ދީނަށްޓަކައި ކަމަށް ބުނެ ބޮން ގޮއްވާ، ޖާނުން ފިދާވާ، އަދި ހަނގުރާމަވެރި ބައެއް ކަމުގައި ޓީވީތަކުން އަހަންނަށް ވަނީ ކުރިން އިވިފައެވެ. އެހެންކަމުން އަހަރެންގެ ނަޒަރުގައި ވެސް އިސްލާމްދީންވީ ވަރަށް ވެސް މުސީބާތްތައް ގިނަ ދީނެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ކައިރޯއަށް ދެވުންފަހުން، އިސްލާމްދީނުގެ މޫރިތިކަން އަހަންނަށް ފެނި، އަމިއްލައަށް އިޙުސާސް ކުރެވެން ފެށިއެވެ.

މަގުތައްމަތީގައި ވިޔަފާރި ކުރަން އުޅޭ އާންމު ރައްޔިތުންވެސް، ބަންގީގެ އަޑު އިވުމާއިއެކު އެމީހުންގެ ވިޔަފާރި ކުރުން ހުއްޓާލާފައި، ނަމާދު ގާއިމް ކުރުމަށް މިސްކިތައް ދިޔުމަށް އަވަސްވެ ގަނެއެވެ. މާތް ﷲ އަށް ޓަކައި އެމީހުންގެ ހިތްތަކުގައި ވަރަށްވެސް ވަރުގަދަ އީމާންތެރިކަމެއް ވާކަން އަހަންނަށް ފާހަގަ ވިއެވެ. އެމީހުން ބަރާބަރަށް ނަމާދު ކުރެއެވެ. އަދި ރޯދަވެސް ހިފައެވެ. އޭގެއިތުރުން، އެމީހުންނާއި ވާހަކަ ދެއްކުމުން އަހަންނަށް އެނގުނީ އެމީހުންގެ އުންމީދަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް، ކޮންމެވެސް ދުވަހަކުން މައްކާއަށް ދިޔުން ކަމެވެ. އެއީ ދެދުނީޔޭގެ ހެޔޮކަން ލިބުމަށާއި އާޚިރަތްދުވަހުން ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބުން ކަމަށް ވެސް އެމީހުން ބުންޏެވެ.

ކައިރޯގެ އެދަތުރު ނިންމުމަށްފަހު، އެނބުރި ބްރިޓެންއަށް ގޮސް، އަހަރެންގެ ކުރީގެ ވަޒީފާ އަދާ ކުރީމެވެ. ބްރިޓިޝް އެޑިއުކޭޝަންގައި އޮންނަ ހަމައެކަނި މަޖުބޫރު މާއްދާއަކީ ދީނީ ތަޢުލީމެވެ. އެއިރު އަހަރެން ކިޔާވާ ދިނީ ނަސާރާދީނާއި ޔަހޫދީ ދީނާއި ބުދު ދީނާއި އިސްލާމްދީނާއި އެހެނިހެން ދީންތަކާއި ބެހޭގޮތުންނެވެ. އެހެންކަމުން، އެދީންތަކާއި ބެހޭ ގޮތުން ދަރިވަރުންނަށް އެފިލާވަޅުތައް ކިޔަވާ ދިނުމުގެ ކުރިން، އަހަރެން އަމިއްލައަށް ވެސް އޭގެން ކޮންމެ ދީނަކާއި ބެހޭ ގޮތުން މައުލޫމާތު ހޯދަން ޖެހެއެވެ. އަހަރެންގެ އެއަހަރުގެ ގިނަ ދަރިވަރުންނަކީ އަރަބް މުސްލިމު ރެފިއުޖީން ކަމުގައި ވާތީ، އެކުދިންނަށް އިސްލާމްދީނާއި ބެހޭ ގޮތުން ކިޔަވާ ދިން އިރު، އަހަންނަށް ވެސް ވަރަށް ގިނަ މައުލޫމާތު ލިބިގެން ދިޔައެވެ.

ފުރާވަރު އުމުރުގެ އެހެން ގިނަ ކުދިންނާއި ޚިލާފަށް، މިބުނާ މުސްލިމު ރެފިއުޖީ ކުދިންކޮޅު ވަރަށް ކިޔަމަންތެރިއެވެ. ފުރިހަމަ މުސްލިމުންތަކެއް ކަމުގެ ރިވެތި މިސާލު އެކުދިން ދެއްކިއެވެ. އެކުދިންގެ ކިޔަމަންތެރިކަމާއި، އޯގާތެރިކަމުގެ ސަބަބުން އަހަންނާއި އެކުދިންނާއި ދެމެދު ވަރަށް ގާތް އެކުވެރިކަމެއް އުފެދުނެވެ. އަދި ބަރަކާތްތެރި ރަމަޟާން މަހުގައި، އަހަރެންގެ ކްލާސް ތެރޭގައި ނަމާދު ކުރުމުގެ ހުއްދައަށް ވެސް އެކުދިން އެދުނެވެ. އުފަލާއިއެކު އަހަރެން އެހުއްދަ ދިނީމެވެ.

އަހަރެންގެ ކްލާހުގައި ކާޕެޓް އަޅާފައިވާތީ ނަމާދު ކުރަން އެކުދިންނަށް ފަސޭހަވިއެވެ. އެކުދިން ނަމާދު ކުރިއިރު އަހަރެންވެސް ފަހަތުގައި އިށީންދެ އިނދެ، އެއް މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު އެކުދިން ނަމާދު ކުރި މަންޒަރު ބަލަން އިނީމެވެ. އޭގެ އިތުރުން، އެކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން، އެއިރު އަހަރެން މުސްލިމަކަށް ނުވި ކަމުގައިވިޔަސް، ރަމަޟާން މަސް ނިމެންދެން އަހަރެންވެސް އެކުދިންނާއިއެކު ރޯދަ ހިފީމެވެ.

އެއްދުވަހު އަަހަރެންގެ ދަރިވަރުންނަށް ކިޔަވާދެމުން، ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައެއް އަހަރެން ކިޔާ ދިނީމެވެ. 'އަދި ރަސޫލާއަށް ބާވާލެއްވި އާޔަތްތައް، އެއުރެން އަޑުއެހިހިނދު، އެއުރެންނަށް ޙައްްޤުގޮތް އެނގުމުގެ ސަބަބުން، އެއުރެންގެ ލޯތައް ކަރުނައިން ފުރި އޮހޭތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! އަޅަމެން އީމާން ވެއްޖައީމުއެވެ. ފަހެ، ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ!' (ސޫރަތުލް މާއިދާ ގެ 83 ވަނަ އާޔަތް)

އެއާޔަތުގެ މާނަ ކިޔާދީ ނިމުންއިރު އަހަރެން ހުރީ ފެންކަޅި ވެފައެވެ. އެކަމާއި އަހަރެން ވެސް ވަރަށް ހައިރާންވިއެވެ. އަހަރެން މަސައްކަތްކުރީ އެމަންޒަރު އަހަރެންގެ ދަރިވަރުންނަށް ނުދެއްކުމަށެވެ.

އޭގެ އަނެއް ދުވަހު އަހަރެން ކިޔަވާ ދޭން ހަމަޖެހިފައި އޮތީ ކަށްވަޅުގެ އަޒާބާއި ބެހޭ ގޮތުންނެވެ. އެފިލާވަޅު ނަގާދޭން ތައްޔާރުވަމުން ދިޔަ ވަގުތުއާއި ކިޔާވާ ދެމުން ދިޔައިރު އަހަރެން ވަރަށް ބިރުގަތެވެ. ތަޢުބާވުމާއި މެދު ވެސް ވިސްނެމުން ދިޔައެވެ. ކަށްވަޅުގެ އަޒާބަކީ ބްރިޓެންގެ އެހެން މީހުންވެސް ޤަބޫލުކުރާ ބިރުގަންނަ ކަމެކެވެ.

ކައިރޯއަށް އަހަރެން ކުރި ދަތުރުގައި މުސްލިމުންނާއި ބައްދަލުވެފައިވުމުގެ ސަބަބުން، މުސްލިމުންނާއި މެދު ދެކެމުން ދިޔަ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މުސްލިމުންގެ ތެރެއިން ބައެއް ޓެރަރިސްޓުން ދިން ހަމަލާތަކުގެ ސަބަބުން ހުރިހާ މުސްލިމުން ކުށްވެރިކުރަނީ ކީއްވެބާއޭ އަހަރެން ހިތައް އެރިއެވެ. ހަމައެފަދައިން، ބައެއް ކްރިސްޓިއަން ޓެރަރިސްޓުން ދިން ހަމަލާގެ ސަބަބުން، ހުރިހާ ކްރިސްޓިއަނުން ކުށްވެރި ނުކުރަނީ ކީއްވެބާއޭ ވެސް އަހަރެން ހިތައް އެރިއެވެ.

އެއްދުވަހު ލަންޑަން ގައި ހުރި އެންމެ ބޮޑު މިސްކިތައް އަހަރެން ދިޔައީމެވެ. އިސްލާމްދީނައި ބެހޭ ގޮތުން އިތުރަށް މައުލޫމާތު އޮޅުން ފިލުވުމަށެވެ.

މިސްކިތައް ވަދެގެން ދިޔައިރު، އެތަނުގައި ބަޔަކާއި ވާހަކަ ދައްކަން ޔޫސުފް އިސްލާމް ހުއްޓާ ފެނުނެވެ. އޭނާއަކީ ކުރީގެ ޕްޕޮ ލަވަ ކިޔުންތެރިއެކެވެ. އޭނާއާއި ހަމައަށް ގޮސްފައި އަހަރެން އެހީމެވެ. 'ފުރިހަމަ މުސްލިމަކަށްވުމަށްޓަކައި ކަލޭމެން އަސްލު ކުރަނީ ކޮންކަންތައްތަކެއް ހެއްޔެވެ؟' ޖަވާބުގައި އޭނާ ބުންޏެވެ. 'މާތް ﷲ ފިޔަވާ އެއްކައުވަންތަ އިލާޙެއްނުވާކަން ޤަބޫލުކޮށް، ދުވާލަކު ފަސް ނަމާދުކޮށް އަދި ރަމަޟާން މަހު ރޯދަ ހިފަނީއެވެ.'

އޭނާގެ ވާހަކަ މެދުކަނޑާލާފައި އަހަރެން ބުނީމެވެ. 'ތިހުރިހާކަމެއް އަހަރެން ވެސް ޤަބޫލުކޮށް ރޯދަވެސް ހިފައިފީމެވެ' އެހެންކަމުން މުސްލިމަކަށް ނުވެ މަޑުކުރަނީ ކީއްވެތޯ އޭނާ އުފަލާއިއެކު އެއްސެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. 'ނޫނެކެވެ. އަހަރެން ދީން ބަދަލު ކުރާކަށް ނުވަތަ މުސްލިމަކަށްވާކަށް ބޭނުމެއް ނޫނެވެ.'

އެވަގުތު ބަންގީގެ އަޑު އިވުނެވެ. އެހެންކަމުން މިސްކިތުގައި ތިބި އެންމެންނާއި ޔޫސުފް އިސްލާމް ވެސް ނަމާދު ކުރުމަށް އަވަސްވެގަތެވެ. އެމީހުން ނަމާދު ކުރިއިރު، ފަހަތުގައި ހުރެ އަހަންނަށް ވަރަށް ބޮޑަށް ރޮވުނެވެ. އަދި އަހަރެން މިއޮޅުވާލަނީ ކާކަށްތޯ އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ.

ނަމާދުކޮށް ނިމުމުން އަނެއްކާވެސް އަހަރެން ޔޫސުފް އިސްލާމް ގާތަށް ދިޔައީމެވެ. އަދި އަހަރެން ވެސް މުސްލިމަކަށްވާން ބޭނުންވާ ކަމަށް ބުނެ އުފާވެރި ޚަބަރު ދިނީމެވެ. މުސްލިމަކަށްވުމަށްޓަކައި ކިޔާ ޝަހާދަތުގެ ދެކަލިމައިގެ މާނަ އިނގިރޭސިން އޭނާ އަހަންނަށް ބުނެދިނެވެ. އަހަންނަށް އެބަސްތައް ވިސްނި، މުސްލިމަކަށްވާން ފުރިހަމައަށް ތައްޔާރުކަމަށް ބުނުމުން، އަރަބިން އޭނާ އަހަންނަށް ޝަހާދަތް ކިޔާދިނެވެ. އޭނާގެ ފަހަތުން ޝަހާދަތް ކިޔާ މާތް ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދު (ޞޢޥ) އަކީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް ޤަބޫލުކޮށް، ހެކިވެ މުސްލިމަކު ކަމުގައި އަހަރެން ވީމެވެ."



މިއަދު އޮންލައިން