ޗައިނާ މޯލްޑިސް ފްރެންޑްޝިޕް ބްރިޖުގެ ދަގަނޑާއި ކޮންކްރީޓުގެ މަސައްކަތްތައް 2018 ވަނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖުގެ މަސައްކަތްތައް ރާވާފައިވާ ތާވަލަށް ކުރިއަށްދާ ކަމަށާއި މުޅި ބްރިޖުގެ ކޮންކްރީޓާއި ދަގަނޑުގެ މަސައްކަތްތައް އަންނަ އަހަރު ޖުލައި މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މުޅި ބްރިޖުގެ މަސައްކަތް އަންނަ އަހަރު ޖުލައި މަސް ތެރޭގައި ނިންމާލާ އަންނަ އަހަރުގެ މިނިވަން ދުވަހު ބްރިޖު ހުޅުވާލެވޭނެކަމަށް ހައުސިންގ މިނިސްޓަރ ކުރިން ވިދާޅުވެފައިވެއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ އާއެވެ. އެއީ 200 މިލިއަން ޑޮލަރަށެވެ. ނަމަވެސް އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރާއި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މިބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރުކުރެވެއެވެ. މެދު ދިޔައިގައި ބްރިޖުގެ އެންމެ އުސް ހިސާބާއި ހަމައަށް 20 މީޓަރު ހުންނަނެ ކަމަށާއި ބްރިޖުން 15 މިނެޓް ތެރޭގައި 6500 އަށް ވުރެ ގިނަ މީހުންނަށް މާލެއިން ހުޅުލެއަށް ދެވޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.