ބައެއް މީހުންނަށް ހީވަނީ އެމީހުން ނުބައިހައި ކަންކަން ކުރާއިރު މާތްﷲ އެމީހެއްގެ ނުވަތައެބައެއްގެ މައްޗަށް ކޯފާއެއް ނުފޮނުއްވަވަނީ އެކަމަކަށް މާތް ﷲ ރުއްސަވާތީ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށް ހީ އެކެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޒަމާނުގައި ވެސް މިފަދަ ބައަކު އުޅެނެވެ. އެމީހުން ރަސޫލާ (ޞޢވ) އަށް ޖެއްސުންކޮށް ފުރައްސާރަކޮށް ލަޢުނަތުގެ ބަސްތައް ބުނަމުން ގެންދިއަ އިރުވެސް މާތް ﷲ އެމީހުންގެ މައްޗަށް ކޯފާއެއް ނުފޮނުއްވަވަނީ އެމީހުން ކުރާ ކަންކަމަށް މާތް ﷲ ރުއްސަވާތީ ކަމަށް އެމީހުން ޤަބޫލުކުރިއެވެ.
އެހެން ނަމަވެސް އެއީ ހަޤީޤަތެއް ނޫނެވެ. މާތް ﷲ ބޮޑެތި ކޯފާތައް ނުފޮނުއްވަވަނީ މުޅި އިންސާނިއްޔަތަށްޓަކައެވެ. އެންމެހައި އިންސާނުންނާއި ޖަނަވާރުތަކުގެ ވެސް ޙައްޤުގައެވެ. ކުށުން ބަރީޢަވެގެން ތިބި ތުއްތު ކުދިންނާއި އެތައް ބައަކު ތިބުމުންނެވެ.
އެއީ އެދުވަހެވެ. މިއަދުވެސް އެފަދަ މީހުން ދުނިޔޭގައި އެބަ އުޅެއެވެ. އެމީހުންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް މާތް ﷲ ނުފެނުއްވެވުމުން އެމީހުން ދުނިޔޭގައި އުޅެމުން ގެންދަނީ ހިތަށް އެރިހައި ގޮތަކަށެވެ.
ވިސްނާށެވެ. މިދުނިޔޭގައި އިންސާނުންނަށް ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެ އިޚްތިޔާރުގެ ބޭނުން ހިފި ގޮތުގެ ހިސާބު ބެއްލެވޭނެ ދުވަސް އޮތީ ކުރިއަށެވެ.
ބައެއް މީހުން ކަނޑުގައި ހިތަށް އެރިހައި ގޮތަކަށް އުޅެނިކޮށް ބިރުވެރިކަމެއް ކުރިމަތިވެއްޖެނަމަ އެމީހުން ދެން ކަނޑަކަށް ނުދެއެވެ. ނަމަވެސް އެފަދަ މީހުން ބިންމަތީގައި އުޅެނީ ހިތަށް އެރިހައި ގޮތަކަށެވެ. ބަލަގަ ކަނޑުމަތީގައި މުޞީބާތް ކުރިމަތިކުރެއްވެވި މާތް ﷲ، ތިބާއަށް މިބިންމަތީގައިވެސް މުޞީބާތްތައް ކުރިމަތިކުރެއްވެވުމަށްވެސް ހަމަ ކުޅަދުންވަންތައެވެ. ތިބާ އަނބުރާ ކަނޑަށް ގެންދަވައި މުޞީބާތްތައް ކުރިމަތިކުރެއްވެވުމަށްވެސް ކުޅަދުންވަންތައެވެ.
ގުޅުންހުރި ވީީޑިއޯ: