އެންމެ ބާރު ގަދަ، އެންމެ މުހިންމު ޙަދީޘްފުޅަށް ދީފައިވާ ނަމަކީ "ޖިބްރީލް ޙަދީޘް"އެވެ. އެ ޙަދީޘްފުޅަކީ އިސްލާމް ދީނުގެ އަސާސްއެވެ.
އެއީ އެންމެން ވެސް ދަންނަ ޙަދީޘްފުޅެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މިސްކިތްކޮޅުގައި އިންނަވަނިކޮށް އިންސާނެއްގެ ސިފައިގައި ޖިބްރީލްގެފާނު ވަޑައިގެން އިސްލާމް ދީނުގެ ކަންކަމާއިބެހޭގޮތުން ސުވާލުކުރެއްވެވި ޙަދީޘްފުޅެވެ. އިސްލާމް ދީނާއި އީމާންކަމާއި އިޙްޞާންތެރިކަމާއި އާޚިރަތް ދުވަހާއިބެހޭ ގޮތުން ސުވާލުކުރެއްވެވި ޙަދީޘްފުޅެވެ.
މިހާދިސާއިން އެނގިގެންދާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެއާއިއެކު ވިސްނައި ފިކުރުކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ. ދަސްފުޅު ކޮށްދެއްވެވި ކަންތައްތަކެއްވެސް އެބަހުއްޓެވެ.
މިހާދިސާގައި އެއިރު އެތަނުގައި ތިއްބެވި ހުރިހާ ބޭކަލުންނަށް ޖިބްރީލްގެފާނު ފެނުނީ ކީއްވެގެންހެއްޔެވެ؟
އެއް ސަބަބަކީ މުސްލިމުންނަކީ އަބަދުވެސް ވީވަރަކުން އެންމެ ސާފުތާހިރުކަމާއިއެކު ފޭރާން ލާންޖެހޭ ބައެއްކަން މާތްﷲ އެވަނީ އަންގަވައި ދެއްވައިފައެވެ. މާތްﷲ ޖިބްރީލްގެފާނު މީސްތަކުންނަށް އެފަދަ ހެދުންކޮޅެއްގައި އެދެއްކެވީ އެހެންވެގެންނެވެ.
ޖިބްރީލްގެފާނަކީ އެންމެ މާތް އަދި ވަޙީގެ މަލާއިކަތާކަމަށް ވެވަޑައިގަންނަވާއިރުވެސް ވަރަށް ރިވެތި ގޮތުގައި ވަޑައިގެން ވަރަށް އަދަބުވެރިކަމާއިއެކު އިށީނދެވަޑައިގެންނެވީ އެ އަދަބުތައް ދަސްކޮށް ދެއްވުމުގެ ގޮތުންނެވެ.
ރިވެތި ގޮތުގައި ސުވާލު ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ އަދަބުވެރިވުމުގެ މުހިންމުކަން މީސްތަކުންނަށް އަންގަވައިދެއްވެވުމުގެ ގޮތުންނެވެ.
އީމާންކަމާއި އިޙްޞާން ކަމުން ސުވާލުކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ އިސްލާމްކަން ފުރިހަމަވާނީ އީމާންކަމާއިއެކު އިޙްޞާންތެރިވެގެން ކަމަސްވާތީއެވެ؟
އިޙްޞާންތެރިވާންޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެއީ ތިބާއަށް މާތްﷲ ނުފެނުނު ނަމަވެސް މާތްﷲ ތިބާ ދެކެދެނެވޮޑިގެންވާތީއެވެ. ތިބާ ކުރާ ކޮންމެ އަމަލެއް ބައްލަވައިވޮޑިގެންވާތީއެވެ.
މިފަދަ ގިނަ ސުވާލުތަކެއްގެ ޖަވާބު މި ވީޑިއޯއިން ލިބިވަޑައިގަންނަވާނެއެވެ.
ގުލުންހުރި ވީޑިއޯ: