ޝައިޚް އިސްޙާޤް ވިދާޅުވީ ސުލައިމާނުގެފާނާއި ގުޅުންހުރި ކަންތައްތައް މާތްﷲ ކީރިތި ޤްރްއާނުގައި ވަހީކުރައްވަވާފައިވާ ކަމަށެވެ. އެގޮތުން ކުދިކުދި ދޫނިތަކާއި ކުދިކުދި ޖަނަވާރު ފަދަ ތަކެތީގެ ވާހަކަވެސް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ކަމަށެވެ. އަދި ހައިކަލަކީ ވުޖޫދުގައި ހުރި ތަނެއް ނަމަ އެކަމުގެ ވާހަކަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާނެ ކަމަށެވެ.
ޝައިޚް އިިސްޙާޤް ވިދާޅުވީ ހައިކަލެއްގެ ވާހަކަ ޔަހޫދީންގެ ފޮތްތަކުގައިވެސް ނެތް ކަމަށެވެ. ދޮގުހަދައިގެން ލިޔަން އުޅެގެން ވެސް ލިޔެވިފައިވަނީ ދެ ގޮތަކަށް ކަމަށެވެ. "އެއް ލިޔުމެއްގައި ވަނީ ހައިކަލް ވަނީ ނާބްލްސްގައޭ. ދެވަނަ ލިޔުމެއްގައި ވަނީ ޤުދުސްގައި ކަމަށް. މިއީ ހަމަ ދޮގު ބުހުތާން ވާހަކަތަކެއް. ބޭނުމަކީ ކޮންނަމުން ގޮސް މަސްޖިދުލްއަޤްޞާ ވައްޓައިލުން."
ޝައިޚް އިސްޙާޤް ވިދާޅުވީ ޔަހޫދީން ރޮއި ބޯތަޅަން ތިބޭ ފާރަކީ ހައިކަލުގެ މިހާރު ދުނިޔޭގައި ހުރި ހަމައެކަނި ބައި ކަމަށް ޔަހޫދީން ބުނާ ކަމަށާއި އެއީ ވެސް ބޮޑު ދޮގެއް ކަމަށެވެ. އަދި ބެލެވޭގޮތުން އިސްރާ އާއި މިއުރާޖްގެ ދަތުރުގައި ބުރާޤްފުޅު ތިރިކުރި ސަރަހައްދު ކަމަށެވެ.
ޝައިޚް އިސްޙާޤް ވިދާޅުވީ ހައިކަލް ހޯދުމުގެ ނަމުގައި މަސްޖިދުލްއަޤްޞާގެ ސަރަހައްދު ޔަހޫދީން ކޮންނަމުން ގެންދަނީ ހަމައެކަނި މަސްޖިދުލްއަޤްޞާ ވައްޓާލައި އެތަން ނައްތައިލުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން މަސްޖިދުލްއަޤްޞާގެ ހިމާޔަތުގައި އެތަން ދިފާޢުކުރަން މުސްލިމް ހުރިހާ ލީޑަރުންނާއި މުސްލިމުން ނުކުންނަން ޖެހިފައިވާ ކަމަށެވެ. އެކަމަށް އެންމެ މުސްލިމަކުވެސް ފަސްޖެހިގެން ނުވާނެ ކަމަށެވެ.
(މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް އިސްޙާޤް ދެއްވި ދަރުސުން)