މާތް ﷲ އަށްޓަކައި ލޯބިން މީހެއްގެ ޙާލު ބެލުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރި މީހަކަށް އެ ކަމުގެ ސަބަބުން ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވެވިއެވެ.
އޭނާ ދަތުރުކުރަމުން ދަނިކޮށް މަލާއިކަތް ބޭކަލަކު އޭނާ އާއި ދަތުރު މަތިން ބައްދަލުކުރެއްވެވިއެވެ. އިންސާނެއްގެ ސިފައިގައެވެ. އަދި އޭނާގެ ދަތުރާއިބެހޭ ގޮތުން ސުވާލުކުރެއްވެވިއެވެ.
އޭނާ ދެންނެވީ މިދަތުރަކީ މާތް ﷲ އަށްޓަކައި ލޯބިން މީހެއްގެ ހާލުބަލައިލުމަށް ކުރާ ދަތުރެއް ކަމަށެވެ.
އޭނާ އާއި ބައްދަލުކުރަނީ، ހާލު ބަލަނީ އޭނާގެ ކިބައިން އެއްވެސް މަންފާއެއް ނުވަތަ ފައިދާއެއް ލިބިފައިވާތީތޯ، އޭނާގެ ކިބައިން އެއްވެސް އިޙްސާންތެރިކަމެއް ލިބިފައި އޮވެގެންތޯ މަލާއިކަތާ ސުވާލުކުރެއްވެވިއެވެ.
ޖަވާބުގައި އޭނާ ދެންނެވީ ދަތުރުކުރަނީ އެފަދަ އެއްވެސް ކަމެއް އޮވެގެން ނޫން ކަމަށެވެ. ހަމައެކަނި މާތް ﷲ އަށްޓަކައި އޭނާ ދެކެވާ ލޯބިން ކުރާ ދަތުރެއް ކަމަށެވެ.
"މަލާއިކަތާ ވިދާޅުވީ އެފަރާތަކަށްޓަކައި ތިބާ އެމީހަކު ދެކެ ލޯބިވީ ފަރާތް (މާތްﷲ) ތިބާ ދެކެ ލޯބިވެވޮޑިގެންފި" ކަމަށެވެ.
(މާތްﷲ މީހަކު ދެކެ ލޯބިވެވޮޑިގަތުމަކީ އެމީހާއަށް ސުވަރުގެ ލިބުމެވެ. އެހެންކަމުން އެމީހާއަށް މަލާއިކަތާ އެދެއްވެވީ އެމީހާއަށް ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރެވެ. ކޮންފަދަ ބޮޑު އުފާވެރިކަމެއްތޯއެވެ.)
މީސްތަކުން ދެކެ ލޯބިވާންޖެހޭ ސަބަބުތައް ހުރެއެވެ. ޢާއިލީ ގުޅުންތަކެވެ. އެމީހެއްގެ ކިބައިން މަންފާއެއް ލިބިފައި އޮތުމެވެ. މިފަދަ ސަބަބުތަކަށްޓަކައިވެސް މީސްތަކުންގެ ޙާލުބަލަންޖެހެއެވެ. އެހެންކަމާއިއެކު ވެސް މިފަދަ އެއްވެސް ސަބަބެއް ނެތި ހަމައެކަނި މާތް ﷲ އަށްޓަކައި ލޯބިން މީހުންނަށް ޒިޔާރަތްކޮށް ހާލުބަލައި ހެދުމުގެ މަޤާމަކީ ތަފާތު މަޤާމެކެވެ.
މީހުންނަށް ޒިޔާރަތްކޮށް ޙާލުބަލަންވީ ހަމައެކަނި ތިމާގެ ކަމުގެ ގުޅުމުގެ ސަބަބަކުން ނޫނެވެ. އަދި އިހްޞާންތެރިކަމެއް ލިބިފައި އޮތުމަކުންވެސް ނޫނެވެ. މިއީ ވެސް ބައްދަލުކޮށް ހާލުބަލަންޖެހޭނެ ސަބަބުތަކެވެ. މިއާއިއެކުވެސް ހަމައެކަނި މާތް ﷲ ދެކެ ލޯބިން މީހުންނަށް ޒިޔާރަތްކޮށް ޙާލު ބެލުމަކީ މީސްތަކުންނަށްޓަކައި އަދާކުރަންޖެހޭ ދީނީ ޙައްޤެކެވެ.
(އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން)
ގުޅުންހުރި ވީޑިއޯ: