މެސީގެ ރެކޯޑާއެކު އެލްކުލާސިކޯ ކާމިޔާބުކޮށް ބާސާ ކުރިއަށް

ކިޔުމަށް ހޭދަވާނީ 2މ 5ސ
މެސީގެ ރެކޯޑާއެކު އެލްކުލާސިކޯ ކާމިޔާބުކޮށް ބާސާ ކުރިއަށް
މިއަދު ސްޕެނިޝް ލަލިގާގައި ވާދަވެރި ރިއާލް މެޑްރިޑްއާ ދެކޮޅަށް ނުކުތް މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ރެކޯޑަކާއެކު ބާސެލޯނާއިން މެޗު ކާމިޔާބުކޮށްފިއެވެ.

236 ވަނަ އެލްކުލާސިކޯ މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއިންނެވެ.

ރިއާލް މެޑްރިޑް ދަނޑުގައި ކުޅުނު މި އެލްކުލާސިކޯ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ބޮޑަށް ދައްކާފައިވަނީ ރިއާލްގެ ފަރާތުންނެވެ. އެ ގޮތުން ރިއާލުން ބާސާގެ ޑިފެންސަށް ބާރު ބޮޑު ކޮށްފައިވާއިރު، ބާސާގެ ޑިފެންސުންވަނީ ރިއާލަށް ލަނޑެއް ކާމިޔާބުކުރުމަށް ހުރަސްއަޅައިފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ފަށައިގެން، ބާސާއިން މެޗުގެ ކުޅުން އެ ޓީމު ކޮޅަށް އަނބުރާލާ ރިއާލްގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 54 ވަނަ މިނެޓުގައި ބާސާގެ އުރުގުއާއީ ޓޮޕް ސްޓައިކަރު ލުއިސް ސުއަރޭޒްގެ ލަނޑުން ބާސާއަށް ކުރި ހޯދައިދިނެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ރިއާލް މެޑްރިޑްގެ އޭރިއާ ތެރެއިން ޑިފެންޑަރު ކަރްވަހާލްގެ އަތުގައި ޖެހުމުން ބާސާއަށް ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. މިކަމާ ގުޅިގެން މެޗުގެ ރެފްރީ ވަނީ ކަރްވަހާލްއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ބާސާގެ ތަރި ލިއޮނަލް މެސީ މި ޕެނަލްޓީ ކުރިއަށް ފޮނުވައި ބާސާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ.

މިއީ ބާސާގެ ތާރީޚުގައި މެސީ އެ ޓީމަށް ކާމިޔާބުކޮށްދިން 526 ވަނަ ލަނޑެވެ. މި ލަނޑާއެކު މެސީ ވެގެން ދިޔައީ ދުނިޔޭގެ އެންމެ ގަދަ ފަސް ލީގުގައި އެއް ކްލަބަކަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށެވެ. ކުރިން މި ރެކޯޑު އޮތީ ޖަރުމަނުގެ ގާޑް މުލާގެ އަތުގައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރިއާލްގެ ގެރެތް ބޭލް ކުޅެން އަރައި ވަނީ ބާސާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިފައެވެ. އޭގެ ފަހުން، ޑިފެންޑަރު ރާމޮސްއާއި ރިއާލްގެ ތަރި ރޮނާލްޑޯގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވިއެވެ. މި ހަމަލާތައް ދިފާއުކުރުމުގައި ބާސާގެ ކީޕަރު ޓާ ސްޓެގެންގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެއެވެ.

މެޗުގައި ފެނިގެންދިޔަ ބާސާގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެން ދަނިކޮށް އަލެކްސް ވިދާލްއެވެ.

އެލްކުލާސިކޯ ކާމިޔާބުކޮށް ބާސާ އޮތީ ލީގު ތާވަލުގެ އެއްވަނައިގައި ކުޅުނު 17 މެޗުން 45 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 17 މެޗުން 36 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 17 މެޗުން 34 ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ވެލެންސިއާއެވެ. މިއަދު މެޗުން ބަލިވި އަދި ފަހުގެ ޗެމްޕިއަން ރިއާލް ހަތަރުވަނައިގައި އޮތީ ކުޅުނު 16 މެޗުން 31 ޕޮއިންޓް ލިބިގެންނެވެ.

މިއަދު އޮންލައިން