އިނގިރޭސި ޕްރެމިއާ ލީގުގައި ބޯންމައުތް އަތުން މެންޗެސްޓާ ސިޓީ ފަސޭހަކަމާއެކު މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑްއާއި ލެސްޓާ ސިޓީގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.
މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާއި ދެވަނައިގައި އޮތް ޔުނައިޓެޑްއާ ދެމެދު ފަރަޤުވަނީ 13 ޕޮއިންޓަށް ބޮޑުވެފައެވެ. ސިޓީއަށް ލިބިފައިވަނީ ކުޅުނު 19 މެޗުން 55 ޕޮއިންޓްއެވެ. ޔުނައިޓެޑަށް ލިބިފައިވަނީ ކުޅުނު 19 މެޗުން 42 ޕޮއިންޓްއެވެ. ކުޅުނު 19 މެޗުން 39 ޕޮއިންޓް ލިބިގެން ޗެލްސީ ތިންވަނައިގައި އޮތްއިރު، ހަތަރުވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 19 މެޗުން 35 ޕޮއިންޓް ލިބިގެންނެވެ.
ރޭ ސިޓީގެ ދަނޑުގައި ބޯންމައުތްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ ފަސޭހަކަމާއެކު 0-4 ގެ ނަތީޖާއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ސިޓީގެ އާޖެންޓީނާ ޓޮޕް ސްޓައިކަރު ސާޖިއޯ އަގުއޭރޯގެ ލަނޑުން ސިޓީއަށް ލީޑު ނަގައިދިނެވެ. ސިޓީގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މެޗުގެ 79 ވަނަ މިނެޓުގައި އަގުއޭރޯގެ ދެވަނަ ލަނޑުން ސިޓީގެ ލީޑު ތިން ލަނޑަށް ފުޅާކޮށްދިނެވެ. ސިޓީގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 85 ވަނަ މިނެޓުގައި ޑަނިލޯއެވެ.
ލެސްޓާއާއި ޔުނައިޓެޑްގެ ކުރިމަތިލުން ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ލީޑު ނެގީ ލެސްޓާ ސިޓީއެވެ. މި ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 27 ވަނަ މިނެޓުގައި ޖޭމީ ވާޑީއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޖުއާން މާޓާގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި މާޓާގެ ދެވަނަ ލަނޑުން ޔުނައިޓެޑަށް ލީޑު ނަގައިދިނެވެ. އެހެން ނަމަވެސް، މެޗު ނިމެން ދަނިކޮށް ލެސްޓާގެ ޑަނިއެލް އަމާޓީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުުކުރަނީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު ބާންލީއާއެވެ. ސިޓީ ބައްދަލުކުރަންޖެހޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު ނިއުކާސަލްއާއެވެ.