ގެއިން ވައްކަން ކުރާގޮތް ބަލަން ކެމެރާ ބަހައްޓަމު- އިބިލީހުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތެއް ނުކުރެވޭ: މުފްތީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ގެއިން ވައްކަން ކުރާގޮތް ބަލަން ކެމެރާ ބަހައްޓަމު- އިބިލީހުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތެއް ނުކުރެވޭ: މުފްތީ
ތިމާގެ ގެއިން ވައްކަން ކުރާނަމަ ނުވަތަ ވައްކަންކޮށްފާނެ ކަމަށް ބަލައި ގޭގެވަށައިގެން ކެމެރާތައް ހަރުކުރަމުއެވެ. ގެވަށައިގެން ފާރަވެރިން ބައިތިއްބެވެ. ނަމަވެސް އަހަރެމެން މަގު ފުރައްދާ އިބިލީހުގެ ކިބައިން ސަލާމަތްވެ ތިބުމަށް އެފަދަ ފިޔަވަޅުތަކެއް (ގިނަބައަކު) ނުއަޅައެވެ.

ނަތީޖާއަކަށްވެގެންދަނީ ބައިވަރު ހެޔޮ އަމަލުތައް ކުރާ މީހުން ޤިޔާމަތް ދުވަހު ނިކަމެތިވާންޖެހުމެވެ. އެހެން މީހުންނަށް ކުރެވިފައިވާ ކަންކަމުގެ ސަބަބުން ދަރާފައިވާ ދަރަނި ބޮޑުކަމުން ބަދަލުދޭން ޖެހޭތީއެވެ.

އަޅުކަން ކުރުމަކީ ކުރަން ބޭނުންވާ މީހާއަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. މުހިންމީ ކުރާ އަޅުކަމުން ޤިޔާމަތް ދުވަހު ތިމާއަށްފައިދާކުރާނެ ގޮތުގައި އަޅުކަންކުރުމެވެ. އެހެން މީހުން ދަރަނި އަދާކުރަންޖެހި އެދަރަނިތަކަށް ކަނޑަމުން ގޮސް ހުސްނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމެވެ.

ދެއްކުންތެރި ކޮންމެ އަމަލަކީ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ބައެއް މީހުން އަވަސްއަވަސްކޮށް ނަމާދުކުރަމުން ދަނިކޮށް މީހަކު އަންނަކަން އެނގުމުން ލަސްކޮށް ތަފާތު ގޮތްތަކެއް ދައްކައެވެ. މިފަދަ އަމަލުތަކަކީ ޝިރުކުގެ އަމަލުތަކެވެ. ފާފަވެރިވާނެ އަމަލުތަކެވެ.

ބަލިވުމުން ޑޮކްޓަރަށް ދަމުއެވެ. ތިމާއަށް ޖެހިފައިވާ ބަލި ފަސޭހަކޮށްދެވޭނީ ޑޮކްޓަރަށް ކަމަށް ޤަބޫލުކުރުމަކީވެސް ޝިރުކެކެވެ. އެހެނީ ޝިފާ ދެއްވަވަނީ މާތް ﷲ އެވެ. އަޅުގަނޑުމެން ޝިފާއަށް އެދެންވާނީ މާތް ﷲ ގެ ޙަޟްރަތުންނެވެ. މާތް ﷲ ގެ ޙަޟްރަތުން އެދެންވާނީ ބޭނުންވާ ފަރުވާ ދިނުމުގެ ޤާބިލުކަން ޑޮކްޓަރަށް ދެއްވެވުމަށެވެ.

ކުރާ ވިޔަފާރީގައި ފައިދާ ހޯދެނީ ތިމާގެ މޮޅުކަމުން ކަމަށް ނުވަތަ ފައިސާގެ ސަބަބުން ކަމަށް ޤަބޫލުކުރުމަކީވެސް ޝިރުކެކެވެ. ބޮޑެތި ފައިސާވެރިންނަށް ރޭ ނިދި ނުލިބިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ތަނަވަސްކަމަކީ ވެސް ފައިސާވެރިކަމަކީ ވެސް މާތް ﷲ ގެ މިލްކެކެވެ.

ފައިސާވެރިންގެ ތަނަވަސްކަން ދާދިފަސޭހައިން ނެތިގެންދެއެވެ. މާތް ﷲ ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑެތި ފައިސާވެރިން ފަޤީރުންނަށް ބަދަލުކުރައްވަވައެވެ. ވީއިރު އަތުގައި ހުރި ފައިސާއަށް ކުރެވެނީ ކީއްހެއްޔެވެ؟

ޝިރުކުގެ އެތައް ބައިވަރު ސިފަތަކެއް އެބަހުއްޓެވެ. ދިންނަވާނޭ މީހަކީ މިފަދަ ޝިރުކުތަކުން ސަލާމަތްވުމަށް ކުރިއާލައި ފިޔވަޅުތައް އަޅާ މީހާއެވެ. ޝައިޠާނާގެ ހެއްލުންތެރި މަކަރުވެރި ވަސްވާސްތަކުން ސަލާމަތް ވާން ފިޔަވަޅުތައް އަޅައިގެން ހުންނަ މީހާއެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން