އެއްދުވަހަކު ޞަހާބީންގެ ޖަމާއަތެއްގެ މީހުން މިސްކިތުގައި ތިއްބަވައި ދައްކަވަމުން ގެންދެވީ ދައްޖާލުގެ ވާހަކައެވެ. އެކިބޭކަލުން އެކިވާހަކަފުޅުތައް ވިދާޅުވަމުން ގޮސް ހުރިހާ ބޭކަލުން ތިއްބެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
އެޙާލަތުގައި އެބޭކަލުން ތިއްބަވަނިކޮށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) މިސްކިތައް ވަޑައިގެންނެވިއެވެ. އަދި އެބޭފުޅުން އެހައި ބިރުފުޅުން ތިއްބެވީ ކޮންކަމަކާއި ގުޅިގެންތޯ ސުވާލުކުރެއްވެވިއެވެ.
ކަންތައް ވީގޮތް ވިދާޅުވުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ. ދައްޖާލަށްވުރެ ތިމަން ކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވާ ކަމެއް އެބައޮތެވެ. އެއީ ކޮން ކަމެއްކަން ތިއަ ބޭކަލުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟
އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ހަދީޘްފުޅު ކުރެއްވެވީ އެއީ ކުދި ޝިރްކް ކަމަށެވެ.
އެބޭކަލުން ކުދި ޝިރުކާއިމެދު ސުވާލު ކުރެއްވެވުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ޙަދީޘްފުޅުކުރެއްވެވީ އެއީ ނަމާދުކުރަންހުރެފައި މީހުންނަށް ދެއްކުމުގެ ގޮތުން ނަމާދުކުރަމުން އައި ގޮތް ބަދަލުކޮށް އިތުރަށް ފުރިހަމަކުރުން ފަދަ ކަންކަން ކުރުން ފަދަ ކަންކަމެވެ.
މިސާލަކަށް، ޢާންމުކޮށް ކުރު ޞޫރަތް ކިޔަވާ މީހަކު ބަޤަރާ ސޫރަތް ފަދަ ދިގު ސޫރަތްތައް ކިޔަވައި އެހެން މީހުންނަށް އޭނާ ކިޔަވަނީ ދިގު ސޫރަތްތައް އަންގަން މަސައްކަތްކުރުން ފަދަ ކަންކަމެވެ. ދެއްކުންތެރިކަމުގެ ގޮތުން ހަރަކާތްތައް އިތުރަށް ފުރިހަމަކުރުމެވެ.
ޝިރުކު ކުރުމަކީ މާތް ﷲ ނޫން ފަރާތަކަށް އަޅުކަން ކުރުމެވެ. ނަމަވެސް މިއީ އެފަދަ ޝިރުކެއް ނޫނެވެ. ތިބާ އަޅުކަން ކުރަނީ މާތް ﷲ އެވެ. ނަމަވެސް މިކަމުގައި މިވާގޮތަކީ ތިބާ ބޭނުން ތިވަނީ މާތް ﷲ ނޫން ފަރާތެއްގެ ސަމާލުކަން ހޯދުމެވެ. މީސްތަކުންގެ ސަމާލުކަން ހޯދުމަށެވެ. ތިއަ އެދެވެނީ އެހެން ބައެއްގެ ތަރުޙީބަށެވެ. ތިއަ އެދެވެނީ މަޝްހޫރުވުމަށެވެ. އެއީ ދެއްކުންތެރިކަމެވެ.
އެއީ މުނާފިޤް ކަމުގެ އަމަލުތަކެވެ. މުނާފިޤުން ނަމާދުކުރަނީ މީހުންނަށް ދެއްކުމަށެވެ. ޒަކާތް ދައްކަނީ ތިމާގެ މުއްސަނދިކަން ދެއްކުމަށެވެ.
މާތްﷲ ވަޙީ ކުރައްވަވާފައިވަނީ ތިމަން ﷲ ނޫން ފަރާތަކަށް ދެއްކުންތެރިވުމަށް ކަންކަން ކުރާ މީހާ ތިމަން ﷲ ދޫކޮށްލައްވާހުށީ އެމީހާގެ ބައިވެރިޔާއަށެވެ. އެމީހާއަށް އެއްވެސް ސަވާބެއް ތިމަން ﷲ ނުދެއްވަވާހުށީމެވެ.
ބައެއް މީހުން ޕޯޑިއަމްތަކުގައި ތިމާގެ ދީލަތިކަމުގެ ވާހަކަ ދެއްކުވުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދީ ޞަދަޤާތް ކުރެއެވެ. އެފަދަ މީހުންނަށް ލިބޭނެ ފާފަތައް ޕޯޑިއަމް ބަހައްޓާފައިހުރި ތަނަށްވުރެ އެތައް ގުނައަކަށް ބޮޑުވެގެންވެއެވެ. މިއީ ވެސް ހަމަ ކުޑަ ޝިރުކެވެ.
ބޮޑެތިވެގެންވާ ބިރުވެރިކަމާއިއެކު ފައުޅުވާ ދައްޖާލަށްވުރެ ކުދި ޝިރުކުގެ ބިރު ބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ދައްޖާލުގެ ކިބައިން ނުރައްކާވާނީ އެއިރު ދުނިޔޭގައި ތިބި ބައަކަށް އެކަންޏެވެ. ނަމަވެސް ކުދި ޝިރުކުރުން ދެމިގެންދާނެއެވެ. މާތް ﷲ އަށް ކުރާ އަޅުކަމުގައި ދެއްކުންތެރިކަން ހިމަނައި ހެޔޮ އަމަލު ގަޑުބަޑުކުރާނެއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އެ އުފައްދަވާ ސުވާލަކީ މިހާރު ފައުޅުވެފައިވާ ކުށްތަކަށް ވުރެ މާފަހުން އަންނާނެ ކަމަކާއިމެދު މިހާރު ތިއަ ބޭކަލުން ބިރުފުޅުގެންވަޑައިގަންނަވީ ކީއްވެގެން ކަމާއިމެދުގައެވެ. އަދި އެވިދާޅުވަނީ ދައްޖާލުގެ ފިތުނައަށްވުރެ ތިމަން ރަސޫލާގެ އުންމަތުގައި އުފެދިގެންދާނެ ކުދި ޝިރުކުގެ ބިރުވެރިކަން މާބޮޑު ކަމަށެވެ.
މާތްﷲ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ މަހްޝަރުކުރައްވަވައި ހިސާބު ބައްލަވާނެ 3 މީހަކުވެއެވެ. އެކަކީ ހާފިޒުންނެވެ. ދެވަނައީ ޝަހީދުންނެވެ. 3 ވަނައީ ޞަދަޤާތްދީ އުޅުނު މީހުންނެވެ.
ރިވެތިކޮށް ޤްރްއާން ކިޔަވައި އުޅުނީ ކީއްވެގެންތޯ ހާފިޒުންނާއި ސުވާލުކުރައްވަވާނެއެވެ. އެއީ މާތް ﷲ އަށްޓަކައި ދެންނެވުމުން ދެއްކުންތެރިކަމުގެ ނިޔަތުގައި ކިޔަވައި އުޅުނު ޙާފިޒުންނަށް އެމީހުން ހަދަނީ ދޮގުކަމުގައި މާތް ﷲ ވަޙީ ކުރައްވަވައި އޭނާގެ ފޮތުން އޭނާގެ ނިޔަތް ދައްކަވާނެއެވެ. އަދި ވަޙީ ކުރައްވަވާނެއެވެ. ކަލޭ އެކަންކުރީ އެހެންމީހުންނަށް ކަލޭގެ މޮޅުކަން ދައްކައި މަޝްހޫރުވުމަށެވެ. ކަލޭ އެމީހުންގެ ކިބައިން ދަރުމަ ލިބިގަންނަވާށެވެ.
ތިމާގެ މޮޅުކަން ދެއްކުމަށް ހަނގުރާމަކޮށް މަރުވި މީހުންނާއި އަދި ދެއްކުންތެރިކަމުގެ ގޮތުން ޞަދަޤާތްދީ އުޅުނު މީހުންނާއިމެދުގައިވެސް ހަމަ މިމޭރުމުން މާތް ﷲ އަމަލު ކުރައްވަވާނެއެވެ. އަދި މި 3 ބައި މީހުންނަކީ އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭނެ މީހުންނެވެ.
ދެއްކުންތރިކަމުގެ އަމަލުކުރާމީހުންނަށް ހުރި ގަދަފަދަ އަޒާބުގެ ބޮޑުކަމާއިއެވެ. އެފަދަ މީހުންގެތެރެއިން ނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ސަލާމަތްކަން ބޭނުންނަމަ ކުރާ ކޮންމެ އަމަލެއް ކުރަނީ އިޚްލާޞްތެރިކަމާއިއެކު މާތް ﷲ އަށްޓަކައި ކުރާށެވެ!
ގުޅުންހުރި ވީޑިއޯ: