މަރުގެ މަލާއިކަތާ ވަޑައިގެން ފުރާނަ ހިއްޕަވާ ވަގުތަކީ ވޭނުން ފުރިގެންވާ ވަގުތެކެވެ. އެ ވޭނުން ސަލާމަތް ވާނެ އެކަކުވެސް ނުހުންނާނެއެވެ. ވޭން އިޙްސާސްވި ނަމަވެސް އެކަން ނުބުނެވެނީއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވެސް މާތް ﷲ މިންވަރުފުޅު ކުރެއްވެވި ވަރަކަށް މި ވޭންތައް އިޙްޞާޞްކުރެއްވެވިއެވެ. އަދި އެކަން ބަޔާން ކުރެއްވެވުމުގެ ފުރުޞަތު މާތް ﷲ އިތުރު މާތް ނަބިއްޔާއަށް ދެއްވެވިއެވެ.
ޢާއިޝަތުގެފާނު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ދުނިޔެ ދޫކުރެއްވެވި ވަގުތު އެއްފަރާތުން އަނެއް ފަރާތަށް ފުރޮޅިވަޑައިގެން ހެއްދެވި ކަމަށެވެ. މުޅި ހަށިކޮޅުން ވަނީ އޮއްދާ ހިއްލާފައި ކަމަށެވެ. އަތްޕުޅުން ނިއްކުރީގައި ހުރި ދައުފޮދުތައް ފޮޅުއްވެވި ކަމަށެވެ. އަދި ވިދާޅުވިއެވެ. "ހަމަކަށަވަރުން މަރު މި ބޮޑުތަދު އިޙްޞާޞްކުރުވައެވެ."
މިކަންކަން ހިނގައިދަނީ މަދު ސިކުންތުކޮޅެއްގެތެރޭގައެވެ. ވިސްނާށެވެ. މިކަމަށް މާތް ﷲ ވަނީ އިންޒާރު ދެއްވަވައިފައެވެ. މާތް ﷲ ވަޙީކުރައްވަވާފައިވަނީ ތިއަބައިމީހުން މަރާއިމެދު ޣާފިލުވެގެން ތިބޭ ކަމަށެވެ.
މަރުގެ ވަގުތު އިންސާނާއަށް ދުނިޔޭގައި ނުފެންނަ ހުރިހާ ކަމެއް ފެނިގެންދާނެއެވެ. މަރުގެ މަލާއިކަތާވެސް ފެނިގެންދާނެއެވެ. އެވަގުތު ތައުބާވުމަށް މަސައްކަތްކުރިނަމަވެސް އެ ފުރުޞަތެއް ނުލިބޭނެއެވެ. އެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.
މީސްތަކުންނޭވެ ތައުބާވުން އަވަސްކުރާށެވެ. ތިބާގެ ފުރާނަ ހިއްޕަވައިގެން މަލާއިކަތާ އެވަޑައިގަންނަވަނީ ތިބާ ބަލަން އޮއްވައެވެ. މަރުވުމުން މައްޗަށް ކަޅި ހުއްޓިފައި ހުންނަނީ އެ ސަބަބަށްޓަކައެވެ.
(މަރުގެ ވަގުތު ލިބޭ ވޭންތައް ކުޑަކޮށްދެއްވެވުން އެދި ރަވާތިބު ސުންނަތަށްފަހު އަޅުގަނޑުމެން ދުޢާކުރަމުއެވެ. ނަމަވެސް ގިނަ ބައަކު މިއަދު އެދުޢާއަށް ފަރުވާ ނުބަހައްޓާކަން ފާހަގަކުރެވެއެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނަ ފޮތް ބައްލަވައިލައްވާށެވެ.)
ގުޅުންހުރި ވީޑިއޯ: