ﷲ އަށް އުރެދެން ބޭނުންވި ޒުވާނާއަށް މަގުދައްކައިދިން ސުވާލުތައް.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ﷲ އަށް އުރެދެން ބޭނުންވި ޒުވާނާއަށް މަގުދައްކައިދިން  ސުވާލުތައް.
ޝައިޠާނާގެ ވަސްވާސްތަކަށް ކެތް ނުކުރެވިގެން ޒުވާނަކު މާތް ﷲ އަށް އުރެދެން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ހިތުގައި މާތް ﷲ ގެ ގަދަފަދަ އަޒާބަށް ބޮޑު ބިރެއް އޮވެއެވެ. އެހެންވެ އޭނާ ގޮސް ދީނީ އިލްމުވެރިއަކަށް ދެންނެވިއެވެ.

އަޅުގަނޑު މާތް ﷲ އަށް އުރެދެން ބޭނުންވެއްޖެއެވެ. ސަބަބެއް ނުއެނގެއެވެ. ނަމަވެސް އެކަންކުރަން ބޭނުންވަނީއެވެ. މާތް ﷲ އަށް އީމާންވެގެން ހުރުމުން އަޅުގަނޑަށް އެއްވެސް މިނިވަންކަމެއް ނެތެވެ. އަބަދުވެސް މިހުންނަން ޖެހެނީ އަޅުވެތިކަމެއްގެތެރޭގައެވެ.

ޒުވާނާގެ ވާހަކަ އަޑު އެއްސެވުމަށްފަހު ޢިލްމުވެރިޔާ އޭނާއަށް ބައެއް ސުވާލުތައް ކުރިމަތި ކުރެއްވެވިއެވެ.

ފުރަތަ ކަމަކަށް ކަލެއަށް އޮތީ މާތް ﷲ އުފައްދަވާފައިވާ މި ބިން ދޫކޮށް އެހެން ތަނަކަށް ދިއުމެވެ. އެކަން ކުރެވިދާނެ ހެއްޔެވެ؟

ދެވަނަ ކަމަކަށް ކަލެއަށް އޮތީ މާތް ﷲ ދެއްވަވާ ރިޒުޤުގެ ބޭނުން ނުކުރުމެވެ. މާތް ﷲ ދެއްވެވި އެއްޗެއް ނޫން އެއްޗެއް ކައި ބޮއި ހެދިދާނެ ހެއްޔެވެ؟

ތިންވަނަ ކަމަކަށް އޮތީ މަރުގެ މަލާއިކަތާ ވަޑައިގަތުމުން ތިމަންނާ މަރެއް ނުވާނަމޭ ބުނެ މަރުނުވެ ހުރުމެވެ؟ އެކަން ކަލެއަށް ކުރެވިދާނެ ހެއްޔެވެ؟

ހަތަރުވަނައަށް އޮތީ ޤިޔާމަތް ދުވަހު ނަރަކައަށް ދާންޖެހިއްޖެނަމަ، މާތް ﷲ ތިބާއަކީ ނަރަކަވަންތަ އަޅެއް ކަމަށް ކަނޑައަޅުއްވަވައި ތިބާ ގެންގޮސް ނަރަކައަށް އެއްލައިލުމަށް މަލާއިކަތް ބޭކަލުންނަށް އަމުރުފުޅު ކުރެއްވެވުމުން އެކަމަށް ދެކޮޅު ހެދުމެވެ. މާތް ﷲ އެގޮތަށް ކަނޑައަޅުއްވަވައިފިނަމަ ނަރަކައަށް ދިއުމަށް ދެކޮޅު ހަދައި ނަރަކައަށް ނުގޮސް ތިބާއަށް ހުރެވިދާނެ ހެއްޔެވެ؟

ޒުވާނާ ދެންނެވީ އެއިން އެއްވެސް ކަމެއް ކުރުމުގެ ޤާބިލުކަން އޭނާއަށްވެސް އަދި އެއްވެސް މީހަކަށް ނުލިބޭނެ ކަމަށެވެ. އެއީ އެއްވެސް އިންސާނަކަށް ކުޅަދާނަކަން ލިބޭނެ ކަންކަން ނޫން ކަމަށެވެ.

ޢިލްމުވެރިޔާ ވިދާޅުވިއެވެ. އަޅުވެތިވެފައިވާ ކަމަށާއި އެއްވެސް މިނިވަންކަމެއް ނެތް ކަމަށް ތިބާއަށް ޤަބޫލުކުރެވެނީ ރަނގަޅަށް ނުވިސްނޭތީއެވެ. މާތް ﷲ އަހަރެމެން އިންސާނުންނަށް ކަންތައްތަކެއް މަނާކުރައްވަވާފައިވަނީ އެއްވެސް ޙާލެއްގައި މީސްތަކުން އަޅުވެތިކުރެއްވެވުމަކަށް ނޫނެވެ. އަހަރެމެންނަށް އިނާމާއި ހަދިޔާ ދެއްވެވުމަށެވެ.

މާތް ﷲ މަނާ ކުރައްވަވާފައިވާ ނުވަތަ ނަހީ ކުރައްވަވާފައިވާ ކަންކަން ނުކުރުމުން އަދި މާތް ﷲ އަންގަވާފައިވާ ގޮތަށް އުޅުމުން، އިސްލާމް ދީނުގައިވާ މަގުން ކުރިއަށް ދިއުމުން އެކަމަށް ލިބޭ އިނާމަކީ ތިބާ ބޭނުންވާނެ ހުރިހާ ނިޢުމަތްތަކެއް ލިބެންހުރި ސުވަރުގެއެވެ. އިނާމަކަށް ސުވަރުގެ ނުފުދެނީ ހެއްޔެވެ؟

ޒުވާނާ ދެންނެވިއެވެ. އިމާމްއެވެ. އަޅުގަނޑުގެ ހިތުގެ އީމާންކަން ކުރިއަށްވުރެ މާވަރުގަދަ ވެއްޖެއެވެ. މާތް ﷲ ނަހީ ކުރެއްވެވި އެއްވެސް ކަމެއް ނުކުރާނަމެވެ. ފަރުޟާއި ސުންނަތް ފުރިހަމައަށް އަދާކުރާނަމެވެ. މާތް ﷲ ދެއްވެވި މިނިވަންކަން ނޫން އިތުރު އެއްވެސް މިނިވަންކަމެއް ބޭނުމެއް ނޫނެވެ. ބޭނުމީ އިތުރަށް އަޅުވެތިވުމަށެވެ.
މިއަދު އޮންލައިން