ފިރިހެނަކު ތުނބުޅި ބަހައްޓައިފިނަމަ، ނުވަތަ އަންހެނަކު އިސްލާމް ދީނުގައިވާ މަގުން ހެދުން އަޅައިފިނަމަ ޝައިޠާނާ ބިރު ދައްކާނެއެވެ.
އެކަންކަމުގެ ސަބަބުން އެހެން މީހުންގެ ނަފްރަތު ލިބޭނެ ކަމަށް ބުނާނެއެވެ. މަގުމަތިން ހަމަލާއެއް ދީފާނެ ކަމަށް ވެސް ބުނާނެއެވެ.
އިސްލާމް ދީނުގައިވާ މަގުން ކަންކަން ކުރާނަމަ އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކިޔައިދޭނެއެވެ. ތިބާއަށް ތަފާތު ވަސްވާސްތައް ދޭނެއެވެ. އެކަންކަމާއި ދުރުރުހެލިކުރުވަން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެއެވެ.
ޝައިޠާނާ މިބާވަތުގެ ބިރުތައް ދެއްކުމުން އެކަންކަން ދޫކޮށްލާ ބައަކުވެސް އުޅެއެވެ. ނަމަވެސް އެއިރުން އެކުރެވޭ ކަމަކީ ޝައިޠަނާއަށް އަޅުވެތިވުމެވެ. ޝައިޠަނާގެ މިފަދަ ވަސްވާސްތަކުން ސަލާމަތްވުމަށް މަސައްކަތްކުރަންޖެހޭނެއެވެ.
ފުރަތަމަ ކަމެއްގެ ގޮތުން ތިބާ ކުރާ ކަންކަން ކުރަނީ މާތް ﷲ އެންގެވި ގޮތަށް ކަމުގެ ޔަޤީންކަން ލިބިގަންނާށެވެ. މައުލޫމާތު އޮޅުންފިލުވާށެވެ. ދީނީ އިލްމުވެރިންގެ ކިބައިން ކަންކަން ޔަޤީންކުރާށެވެ. އެއިރުން ތިބާއަށް ޝައިޠާނާ ދޭ ވަސްވާސްތަކަކީ ކަނޑައެޅިގެން ދޮގެއްކަން ތިބާއަށް ޔަޤީން ކުރެވޭނެއެވެ.
އެންމެ މުހިންމު އެއް ކަމަކީ ހިތުގައި މާތް ﷲ އަށް ބިރުވެތިކަން އުފެއްދުމެވެ. މާތް ﷲ އަށް ބިރުވެތިވާނަމަ ޝައިޠާނާ ދޭ ވަސްވާސްތަކަށް ބިރެއް ނުގަންނާނެއެވެ. ތިބާގެ ވިސްނުން ބަދަލުކުރުވުމަކީ ޝައިޠާނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ގުޅުންހުރި ވީޑިއޯ