އިންޑިއާ އަކީ އަބަދުވެސް ރާއްޖެ ދިފާއުކޮށްދީފައިވާ ޤައުމެކެވެ. ގިނަ ބައަކަށް އިންޑިއާގެ އެހީތެރިކަން ފެންނަނީ ނޮވެމްބަރު ،3 ފެނުގެ ކާރިސާ ފަދަ ކަންކަމާއި ގުޅިގެންނެވެ. ނަމަވެސް އިންޑިއާގެ އެހީތެރިކަން އެއަސްވުރެ މާބޮޑެވެ.
2012 ވަނަ އަަހަރު ރާއްޖޭގެ ވެރިކަމަށް ގެނެވުނު ބަދަލުގައި ގިނަ ޤައުމުތަކުން ތިބީ ރައީސް ޑރ. މުޙައްމަދު ވަޙިދުގެ ވެރިކަން ޤަބޫލުނުކުރާ ގޮތަށެވެ. އެހާލަތުގައި މުޅި މައްސަލަ ހައްލުކުރެވުނީ އިންޑިއާގެ އިސް ނެގުމުންނެވެ.
ރައީސް ވަޙީދުގެ ވެރިކަން ބަލައިގަތް ފުރަތަމަ ޤައުމަކީ އިންޑިއާއެވެ. އިންޑިއާއިން ބަލައިގަތުމުން ޑރ. ވަޙީދުގެ ވެރިކަން ދެމިއޮންނާނެކަން ދުނިޔެއަށް އެނގިގެންދިއައެވެ. ނަތީޖާއަކަށްވީ ޑރ. ވަޙީދުގެ ވެރިކަން ބަަލައިގަންނަން އެހެން ޤައުމުތަކަށްވެސް މަޖުބޫރުވުމެވެ.
ރާއްޖެ އާއި އިންޑިއާގެ މެދުގައި ސިޔާސީ ގޮތުން ޚިޔާލުތަފަތުވުންތަކެއް މިވަގުތު ހުރި ނަމަވެސް އެކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ކެނޑުމަކީ ކުރެވޭނެ ކަމެއް ނޫންކަން ދެ ޤައުމުންވެސް ޤަބޫލުކުރެއެވެ.
ނަތީޖާއެއްގެ ގޮތުން އިންޑިއާގެ މަތީ ފެންވަރުގެ ވަފުދެއް އަންނަ ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރަތްކުރަން މަސައްކަތް ކުރަމުން އަންނަކަމަށް ޓައިމްސް އޮފް އިންޑިއާ އިން މިއަދު ބުނެފައިވެއެވެ.
މިދަތުރުގެ އެއްވެސް ވާހަކައެއް އިންޑިއާގެ ޚާރިޖިއްޔާއަކުން އަދި ހާމައެއް ނުކުރެއެވެ. އަދި މިކަމުގެ އެއްވެސް މައުލޫމާތެއް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށްވެސް އަދި ލިބިފައި ނުވާކަމަށް މިއަދުނޫހަށް ވަނީ މައުލުމާތު ލިބިފައެވެ.
ދާދިފަހުން ރާއްޖޭގެ ނޫހެއްގައި ލިޔުނު ލިޔުމަކާއި ގުޅިގެން މައްސަލަތަކެއް އުފެދުނެވެ. އަދި އެކަމަކީ ރާއްޖޭގެ ސަރުކާރުން މަޢާފަށް އެދެން ޖެހޭނެ ކަމެއް ކަމަށްވެސް އިންޑިއާގެ އިސް ބައެއް ފަރާތްތަކުން ގެންދިއައީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން އެއީ ސަރުކާރުން ބާރުލިބިގެން ލިޔުނު ލިޔުމެއް ކަމަށް އިންޑިއާގެ ބައެއް ފަރާތްތަކުން ދިއައީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އެކަމަކީ ސަރުކާރާއި އެއްވެސް ގުޅުމެއް ނެތި މީޑިއާއަކުން ކުރި ކަމެއްކަން ހާމަކުރައްވައިފައެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނުކުރުމަށް ރައީސް ޔާމީން ވަނީ މީޑިއާތަކަށް ގޮވާލައްވައިފައެވެ. އެފަދަ ކަންކަން ކުރުމަކީ ޤައުމީ މަޞްލަހަތަށް ގެއްލުން ލިބޭނެ ކަންކަން ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް ޤައުމުކަމާއި ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތރަށް ވަރުގަދަކުރައްވާނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.