ދުނިޔޭގައި އިމްތިހާނުތަކަށް ތައްޔާރުވަމުއެވެ. އެކަމަށްޓަކައި ނިދިވެސް ނަގައިލަމުއެވެ. ދަރިންގެ އިމްތިހާންތަކަށްވެސްމެއެވެ. ނަމަވެސް ކުރިމަތިލާންޖެހޭނެ ބޮޑު އިމްތިހާނަށް ތައްޔާރުވަނީ ކިހައި ވަރަކަށް ހެއްޔެވެ؟
އެއީ ޤިޔާމަތް ދުވަހުގެ ސުވާލުތަކެވެ. އެސުވާލުތައް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ކުރިއާލައި އަންގަވައި ދެއްވައިފައެވެ. އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުންނެވެ. ރަނގަޅު މާކްސް އެއް ހޯދުމަށް ފުރުޞަތު ދެއްވެވުމުގެ ގޮތުންނެވެ.
ގެއްލުން ހުރީ ދުނިޔޭގެ އިމްތިހާންތަކުން ފެއިލްވުމަކުން ނޫނެވެ. ހަޤީޤީ ގެއްލުންތައް ލިބިގެންދަނީ ޢާޚިރަތް ދުވަހުގެ އިމްތިހާނުން ފެއިލްވުމުންނެވެ. (ދުނިޔޭގައި ބައިވެރިވާ އިމްތިހާނަކުން ފެއިލްވެއްޖެނަމަ އަލުން ބައިވެރިވެވިދާނެއެވެ. އެހެން ދާއިރާއަކުންވެސް ކުރިއަށް ދެވިދާނެއެވެ. އެއްވެސް އިމްތިހާނެއް ނުހަދައިވެސް ދުނިޔޭގައި ހަމަ ތަނަވަސްކަމުގައި ވެސް އުޅެވިދާނެއެވެ. ނަމަވެސް އާޚިރަތް ދުވަހަކީ އެ ފުރުޞަތު ލިބޭނެ ދުވަހެއް ނޫނެވެ. އެދުވަހުގެ އިމްތިހާނުން ފެއިލްވެއްޖެނަމަ އޮތީ ހަމަ އެންމެ "ޗޮއިސް"އެކެވެ. ނަރަކައަށް ދިއުމެވެ.)
ޤިޔާމަތް ދުވަހަކީ އެންމެހައި މީސްތަކުން ދުނިޔޭގައި ކުރި އަމަލުތަކާއިއެކު ސުވާލުކުރެވޭނެ ދުވަހެވެ. ދުނިޔޭގައި އިމްތިޙާން ކުރަނީ އިމްތިހާންތަކުގައި ބައިވެރިވާ ކެންޑިޑޭޓުންނެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެންމެންނަށްވެސް ޖެހޭނީ އިމްތިހާނުގައި ބައިވެރިވާށެވެ. މާތް ﷲ ކުރައްވަވާ ސުވާލުތަކަށް ޖަވާބުވެސް ދޭށެވެ.
ޤިޔާމަތް ދުވަހު ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާއިމެދުކަން އެންމެންނަށްވެސް އެނގެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެއީ ހަމައެކަނި ކުރި ނަމާދުތަކުގެ އަދަދު ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. ވުޟޫ ކުރުމުން ފެށިގެން ނަމާދުގައި ތިބާކުރި ހުރިހާ ކަމަކާއިމެދު ސުވާލުކުރެވޭނެއެވެ. ރުކޫޢު ސުޖޫދު ކުރި ގޮތާއިމެދު ވެސް ސުވާލުކުރެވޭނެއެވެ.
ބައެއް މީހުން ސުންނަތް ނަމާދުތައް ކުރުމުގައި ފަރުވާ ކުޑަކުރެއެވެ. ވިސްނައިލާށެވެ. ތިބާގެ ފަރުޟު ނަމާދުން މަދުވާނަމަ ސުންނަތް ނަމާދުން ގުނުއްވަވައެވެ. އެހެންކަމަށްވާއިރު ސުންނަތް ނަމާދުތައްވެސް ފަރުވާތެރިކަމާއިއެކު ފުރިހަމައަށް ކުރުމަށް އަދި ވީހައި ގިނައިން ކުރުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ނަމާދު ނަމާދަކަށްވާނީ ފުރިހަމައަށް ނަމާދުކުރުމުންކަން ހިތުގައި ބަހައްޓައިގެން ނަމާދުކުރުމަށް އަބަދުވެސް ސަމާލުކަން ދޭންޖެހެނީ މި ސަބަބުތަކަށްޓަކައެވެ،
ޤިޔާމަތް ދުވަހުގެ ދެވަނަ ސުވާލަކަށްވާނީ ތިބާއަށް މާތް ﷲ ގެ ނިއުމަތްތައް ދުނިޔޭގައި ބޭނުންކުރި ގޮތާއިމެދުގައެވެ. އެއްވެސް ނިއުމަތެއް އިސްތިސްނާ ނުކުރައްވަވާނެއެވެ. ކައިބޮއި ހެދި ގޮތާއި ފެން ބޭނުންކުރި ގޮތާއި އަދި މިއަދު ތިބާ ބޭނުންކުރާ ފޯނު ބޭނުންކުރި ގޮތާއިމެދުވެސް ސުވާލުކުރައްވަވާނެއެވެ.
ތިބާއަށް މާތް ﷲ ދެއްވެވި ފައިސާ ބޭނުންކުރި ގޮތާއިމެދުވެސް ސުވާލުކުރައްވަވާނެއެވެ. ތިބާގެ ކިބައިގައި ތަނަވަސްކަން ހުރެމެ މައިން ބަފައިންގެ ބޭނުންތައް ފުއްދުމަށް އެ ދެމަފިރިން ލޯނުނަގަން ޖެހިފައިވާނަމަ ތިބާއަށް ދެއްވެވި ފައިސާ ހޭދަކުރީ ރަނގަޅަށް ކަމަށް މާތް ﷲ އަށް ދެންނެވިދާނެ ހެއްޔެވެ؟ ޢާއިލާގެ މީހުންނަށް އެހީތެރިވިން ހެއްޔެވެ؟ ޒަކާތް ޤަވާއިދުން ދެއްކިން ހެއްޔެވެ؟
ޒުވާންކަމުގެ ބޭނުންކުރި ގޮތާއިމެދުވެސް ސުވާލުކުރައްވަވާނެއެވެ. ޢިލްމުގެ ބޭނުންކުރި ގޮތާއިމެދުގައިވެސް ސުވާލުކުރައްވަވާނެއެވެ. މާތް ﷲ ދެއްވެވި ޙިއްސުތަކުގެ ބޭނުންކުރި ގޮތާއިމެދުވެސް ސުވާލުކުރައްވަވާނެއެވެ. ލޮލާއި ކަންފަތާއި ބޭނުންކުރި ގޮތާއިމެދު ވެސް ސުވާލުކުރައްވަވާނެއެވެ.
އެންމެ އުނދަގޫ އެއް ކަމަކަށްވާނީ ތިބާއަށް ފެނުނު ހަރާމް ކަންކަން ހުއްޓުވަން ކުރި މަސައްކަތާއި ގުޅިގެން ކުރެވޭ ސުވާލެވެ. މިސުވާލު އެނގިވަޑައިގަތުމުން ޞަހާބީން ބިރުފުޅުން ކީރިތި ކުރެއްވެވިއެވެ.
މީސްތަކުންނަށް ބިރުން ހައްޤު ބަސް ނުބުނެހުރުމެއް ނެތެވެ. މުންކަރާތެއް ފެނިއްޖެނަމަ މަނާކުރަން މަސައްކަތްކުރަން ޖެހެއެވެ. ނޫން ނަމަ ތިބާއަށް ސަލާމަތް ކަމެއް ނުވެއެވެ.
ތިބާކުރި ހުރިހާ އަމަލުތަކަކާއި ގުޅިގެން ސުވާލުކުރެވޭނެއެވެ. ހަމަ އެއްވެސް ކަމެއް ދޫކޮށެއް ނުލެވޭނެއެވެ.
ގުޅުންހުރި އޯޑިއޯ: