އަލްޙަމްދުގައި ނޫން ނަމަވެސް ޟާއްލީން އިމާމް މީހާ ކިޔައިފިނަމަ އާމީން ކިޔާ މީހުން އެބައުޅެއެވެ. މާތް ﷲ ގެ އަޅަކަށް ނުވެ އަތުގައި އޮންނަ ގަޑީގެ އަޅަކަށްވެގެން އެބަ ނަމާދުކުރެއެވެ.
މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ނަމާދަށް އިމާމް މީހާ "ﷲ އަކްބަރު" ކިޔުމާއިއެކު ޝައިޠާނާ އައިސް ކަންފަތް ކައިރީގައި ބަސްތައް ބުނެ އެތައް ކަންތައްތަކެއް ހަނދާންކޮށްދެއެވެ. ގަޑިޖެހޭ ކަމަށް ބުނެއެވެ. ބާއްވަން ޖެހޭ ބައްދަލުވުންތަކާއި ކުރަންޖެހޭ ކަންތައްތައް ހަނދާންކޮށްދެއެވެ.
އަލްޙަމްދުގެ ބޭރުން "ޟާއްލީން" ކިޔާއަޑު އިވޭ ކޮންމެ ފަހަރަކު ސިއްސައިގެން ގޮސްފައި "އާމީން" ކިޔެނީ ކީއްވެގެން ހެއްޔެވެ؟ ނަމާދުގައި ހުންނައިރުވެސް ޣާފިލުވެ ނިދޭތީއެވެ. ކިޔަވާ އެއްޗަކަށް ސަމާލުކަން ނުދެވޭތީއެވެ. އެހެން ފިކުރުތަކެއްގައި ހުރެވޭތީއެވެ.
ނަމާދުގައި ހުރެ އެތައް ފަހަރަކު އަތުގައި އޮންނަ ގަޑިއަށް އެބަބަލައެވެ. ނަމާދު ނިމުން ލަސްވާތީއެވެ. އަވަހަށް ނިންމާލުމަސްފަހު ފޭބުމުގެ ބޭނުމުގައެވެ. ކުރަންހުރި ދުނިޔަވީ ކަންކަމަށް ގަޑި ޖެހޭތީއެވެ. މިފަދަ މީހުން އެވަނީ ޢަބްދުﷲ (ﷲގެ އަޅާ)އަކަށް ނޫނެވެ. ޢަބްދުލްގަޑިއަށެވެ. ގަޑީގެ އަޅަކަށެވެ.
މިކަންކަމުން ސަލާމަތްވެވޭނެ ގޮތްތަކާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އެންމެ ރަނގަޅު ފަރުވާއަކީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރުމެވެ. ކިޔަވާ ތަކެއްޗާއިމެދު ވިސްނައިގެން ކިޔުމެވެ.
ގުޅުންހުރި ވީޑިއޯ: