ބާންލީ އަތުން ވެސް މޮޅުނުވެވި، ޔުނައިޓެޑުން ލީގަށް ކުރާ އުއްމީދު ނަގާލައިފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
ބާންލީ އަތުން ވެސް މޮޅުނުވެވި، ޔުނައިޓެޑުން ލީގަށް ކުރާ އުއްމީދު ނަގާލައިފި
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެ، ޔުނައިޓެޑުން ލީގު ކާމިޔާބުކުރުމަށް ކުރަމުން އައި އުއްމީދު މުޅިންހެން ނަގާލައިފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ދަނޑުގައި ކުޅުނު މި މެޗުގައި ބާންލީއިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ބާންލީގެ ފުރަތަމަ ލަނޑު މެޗުގެ 2 ވަނަ މިނެޓުގައި އޭޝްލީ ބާނެސް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 36 ވަނަ މިނެޓުގައި ސްޓީވެން ޑެފޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ބާންލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑުން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޖެސޭ ލިންގާޑް ލަނޑެއް ކާމިޔާބުކުރިއެވެ. މެޗު ނިމެންދަނިކޮށް ޔުނައިޓެޑް ބަލިނުވެ ސަލާމަތްވީ ވެސް ލިންގާޑްގެ ލަނޑުންނެވެ.

މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑާ ދެމެދު 12 ޕޮއިންޓްގެ ފަރަޤެއް އޮތްއިރު، ޔުނައިޓެޑް ވަނީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. މިރޭ ނިއުކާސަލްއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުން މޮޅުވެގެން މި ފަރަޤު 15 ޕޮއިންޓަށް ބޮޑުކޮށްލުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.

ލީގުގައި ޖެހިޖެހިގެން އެތައް މެޗެއް މޮޅުވަމުން އަންނަ ސިޓީއަށް ލިބިފައިވަނީ ކުޅުނު 19 މެޗުން 55 ޕޮއިންޓެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ ކުޅުނު 20 މެޗުން 43 ޕޮއިންޓެވެ.

މިއަދު އޮންލައިން