އަހަރުގެ ދުވަސްތަކުގެ ތެރެއިން އިބިލީސް އެންމެ އުފާ ކުރާ ދުވަސް އަންނަން އެންމެ 4 ދުވަހަށް ކައިރިވެއްޖެއެވެ.
ކޮންމެ މީހަކު ވެސް އެންމެ އުފާކުރާނީ އެމީހާގެ ފިކުރަށް ތާއީދުކުރާމީހުންގެ އަދަދު އިތުރުވާތަން ފެނުމުންނެވެ. އެކަން މީސްތަކުން އަމަލީ ގޮތުން ދައްކާތަން ފެނުމުންނެވެ.
ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރެއަކީ އެންމެ ގިނަ ޤައުމުތަކުގައި އެންމެ ގިނަ އަދަދެއްގެ މީހުން ޖަމާވެ އިބިލީހާއި ބައިވެރިވާ ރެއެވެ. ކުރީގެ ބަހުރުވައިންނަމަ އިބިލީހަށް ކުރާ ކައްކައިދިނުމުގައި ބައިވެރިވާ މީހުންގެ އަދަދު އެންމެ ގިނަވާ ރެއެވެ.
މުސްލިމް ބައެއް ޤައުމުތަކުގައި ވެސް އެރެއަށް ތައްޔާރުވުމުގެ ހަރަކާތްތައް ގެންދަނީ ކުރިއަށެވެ. އުޑަށް ބަޑިހެން (ހަވާއެރުވުން) ހަވާ އެރުވުން ފަދަ ކަންކަމުގައި އެހެން ދީން ތަކުގެ ޤައުމުތަކާއި ވާދަކުރަން ދަނީ ތައްޔާރުވަމުންނެވެ.
ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އުޑަށް ބަޑިޖަހަނީ މަލާއިކަތް ބޭކަލުން "ފައްސައިލުމަށެވެ." ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ކިތަންމެ ގިނަ ބަޑިތަކެއް ޖެހިނަމަވެސް މަލާއިކަތް ބޭކަލުން އެބޭކަލުންގެ މަޤާމުތަކުގައި ޤައިމުވެ ތިއްބަވާނެއެވެ. އިންސާނުން ކުރާ އަމަލުތަކަށް ފާރަވެރިވެވޑައިގަންނަވާނެއެވެ. ފޮތްތަކުގައި ހަމަ ބަރާބަރަށް ލިޔުއްވަވާނެއެވެ.
ދުބާއީއަށް ބަލައިފިނަމަ އެންމެ ގިނަ ބޮކިތައް ދިއްލަނީ ދުނިޔޭގެ ނިޞްބަތުންވެސް ދުބާއީގައެވެ. އުޑަށް ބަޑިޖަހައި ޖައްވުގެ ކުލަ ބަދަލުކުރުމުގައިވެސް ދުބާއީން ދަނީ ރެކޯޑް ހޯދަމުންނެވެ. މިކަންކަމަށް ސަރުކާރުން ކޮންމެ އަހަރަކުވެސް ބޮޑެތި ހޭދަތައްވެސް ކުރެއެވެ.
މިކަންކަމަށް ކުރާ ޚަރަދުތައްވެސް އަނބުރައި ހޯދައެވެ. އެރޭ ވިއްކާ ބަނގުރަލާއި އެނޫންވެސް ކަންކަމުން ދައުލަތަށް ޓެކްސް އިންނެވެ. އެރެއަށް އަރަބި އެހެން ޤައުމުތަކުގެ ގިނަ އަދަދެއްގެ ބައަކު ޒިޔާރަތްކުރުމުން އެކަމުން ވެސް ލިބޭ ފައިސާ އިންނެވެ.
މުސްލިމް ބައެއް ޤައުމުތަކުގައި "ނިވްއިޔަރ" ފާހަގަކުރަނީ އެނަމެއްގައެއް ނޫނެވެ. ކޮންމެވެސް އެހެން ނަމެއް ކިޔައިގެންނެވެ. ނަމަވެސް ކުރަނީ އެއް ކަމެކެވެ. ނަން ބަދަލުކޮށް ދުނިޔެއަށް އޮޅުވައިލެވިދާނެއެވެ. ނަމަވެސް ހުރިހާ ކަންކަން އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ މާތް ﷲ އަށް އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ. އިންސާނާގެ ހިތުގެ އެންމެ އަޑި އެކަލާނގެ ދެކެދެނެވޮޑިގެންވާތީއެވެ.
ރާއްޖެއަށް ބަލައިފިނަމަ ދަންނަ ބޭކަލުން އިލްތިމާސްތަކަށް ގޮންޖަހައި ނިވްއިޔަރ ފާހަގަކުރަން ސަރުކާރުން އެންމެ ކުލަގަދަ ހަފްލާތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ބާރުގަދަ މީހުން މިހާރު ކޮބައިތޯއެވެ! ބަލިކަށި މީދަލުގެ ގޮތުގައި އެތިބީ ޖަލުތަކުގައި ނޫންތޯއެވެ! ނުޖެހޭ ބައްޔެއް ނެތް ކަމުގެ އަޑުތައް ނުއިވޭތޯއެވެ!
މާތް ﷲ ކޮންމެ ކަމަކަށް ވެސް މުހުލަތެއް ދެއްވަވައެވެ. ހިއްޕަވަން ބޭނުންފުޅުވެވޮޑިގަތުމުން ހިއްޕަވައެވެ. ހިއްޕަވާއިރު ލައުޑު ސްޕީކަރުން ސަބަބު ބަޔާނެއް ވެސް ނުކުރައްވަވައެވެ.